އެމްޑީޕީން ރޯކުރި ފަޓާސް ގޮވީ އަތަށް!

ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރީ ރައްޔިތުންގެ މަޖިލީހެވެ. އެންމެ ފަހުގެ މަޖިލިސް އިންތިހާބު ކާމިޔާބުކުރަން ޕާޓީތަކުން ކުރި މަސައްކަތުގައި އޭރު ސަރުކާރު ހިންގި އެމްޑީޕީން ކާމިޔާބު ކުރަން ކުރި މަސައްކަތް ނާކާމިޔާބުވެގެން ޑީއާރްޕީ ކުރި ހޯދުމުންނެވެ. ނަމަވެސް ސިޔާސީ މައިދާނަށް އައި ލޮޅުންގަނޑުގައި ޑީއާރްޕީގެ ދެބައިވެ ޕީޕީއެމް އުފެދުނު ހިސާބުން ޑީއާރްޕީން މަޖިލިހުގެ ބައެއް މެންބަރުން ވަކިވެ އެމްޑީޕީއާ ޕީޕީއެމާއި ގުޅި، ޑީއާރްޕީއަށް މަޖިލީހުގެ މެޖޯރިޓީޕާޓީގެ މަގާމު ގެއްލުނީ އެވެ. އަދި އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބުނީ އެވެ.

ސައްބީސް މެންބަރުންނާއެކު މަޖިލިހަށް ވަން އެމްޑީޕީގެ މެންބަރުންގެ އަދަދު 34 މެންބަރުންނަށް ބަދަލުކޮށް އިތުރު މެންބަރުން އެމްޑީޕީއަށް ސޮއިކުރުމަށް ތައްޔާރުވަމުން ދިޔަ ދަނޑިވަޅުވީ ފެބުރުއަރީ ހަތެއް އައި ވަގުތަށެވެ. އޭގެ ނަތީޖާ ނުކުތީ މަޖިލިހުގައި އެޕާޓީ ބަލިކަށިވެގެނެވެ. މަޖިލިހުގެ އެމްޑީޕީގެ މެންބަރުންގެ ތެރެއިން ތިން މެންބަރަކު އެހެނިހެން ޕާޓީތަކަށް ސޮއިކުރެއްވުމުން އެމްޑީޕީގެ ޕާލިމެންޓި ގްރޫޕަށް ގޮންޖެހުމާ ކުރިމަތިވި އެވެ.

ބައެއް ފަރާތްތަކުން ސިފަ ކުރާ ގޮތުގައި މަޖިލީހުގެ ޗާޓަށް އައި ބަދަލާއި އިއްޔެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރަން އެމްޑީޕީން ކުރި މަސައްކަތަކީ އަތުގައި ފަޓާސް ބާއްވައިގެން ރޯކޮށް، ފަޓާސް އަތަށް ގޮއްވާލުމެއްގެ ގޮތުގަ އެވެ.

"މަޖިލިހުގެ ތެރޭގައި މިހާރު އެމްޑީޕީގެ އެއްވެސް ބާރެއް ނެތް، އިއްޔެ މަޖިލީހުގައި ނެގުނު ވޯޓުން އެކަން ބުނެދޭ. އެއީ ފަޓާސް އަތަށް ގޮއްވާލުމެއް،" މަޖިލީހުގެ މެންބަރަކު ވިދާޅުވި އެވެ.

މަޖިލީހުގެ އެހެން މެންބަރަކު ވިދާޅުވި ގޮތުގައި އިއްޔެ މަޖިލީހުގައި ފެނުނީ އެމްޑީޕީގެ ސައިޒެވެ. އަދި އެއީ ތާރީހު އަލުން އިއާދަވުމެކެވެ. އެ ބަދަލާއެކު ޖެއްސުން ކުރުމުގެ ރޫހު ދޫކޮށް ރައްޔިތުންނަށް ފައިދާ ހުރިކަންކަން ކުރުމުގައި އެއްބާރުލުންދޭން އެމްޑީޕީއަށް ވަނީ މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަސްލު އެމްޑީޕީގެ ސައިޒަކީ ރައްޔިތުން އެމީހުންނަށް ދިން މެންބަރުންގެ އަދަދު، އެއީ 26. އިއްޔެ މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓުގައި ވެސް އެމްޑީޕީއަށް ލިބުނީ 26 ވޯޓް. އެހެންކަމުން ދެން އެމްޑީޕީއަކަށް ޖެއްސުމެއް ނުކުރެވޭނެ ކަން ވަރަށް ސާފުކޮށް އެނގޭނެ،" އެ މެންބަރު ވިދާޅުވި އެވެ.

އިއްތިހާދު ސަރުކާރު ހިންގާ ކޯލިޝަނުން މަޖިލިސް ތަމްސީލްކުރާ މެންބަރުންގެ އަދަދާއި ބާރާއި އެމީހުންގެ ބަދހިކަން އެމްޑީޕީއަށް އެނގިއޮވެ މަޖިލީހުގެ ރައީސް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ވެއްދި މައިގަނޑު ސަބަބަކީ ކޮބައިހެއްޔެވެ؟
އެމްޑީޕީން ބުނެފައި ވަނީ މަޖިލީސް މިއަހަރަށް ހުޅުވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މަޖިލީހަށް ހުށަހެޅުއްވި ރިޔާސީ ބަޔާނަށް ޖަވާބުދާރީވުމުގެ މައްސަލާގައި ޝާހިދު އަމަލުކުރައްވާފައިވާ ގޮތާއި މަޖިލީހުގެ މަސްލަހަތު ހިމެނޭ ބޮޑެތި ބައެއް މައްސަލަތަކުގައި ޕާޓީތަކުގެ މަޝްވަރާއާ ނުލައި އަމިއްލަފުޅަށް ކަންކަން ނިންމަވަމުން ގެންދިއުން ކަމަށެވެ.

މަޖިލިހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން ހުށައެޅި މައްސަލައިގެ ބަހުސް ޅުވާލުމުން ޝާހިދު ގަވާއިދާ ހިލާފަށް ކުރައްވާފައިވާ ކަންކަން ފާހަގަކުރުމުގެ ބަދަލުގައި ބޮޑަށް ފެނުނީ މައްސަލައަށް ވުރެ ބޮޑަށް ޕީޕީއެމާއި ޑީއާރްޕީއަށް ހަމަލާ ދެމުން ދިޔަ ތަނެވެ.

"ޝާހިދަކީ ސިޔާސީ ގޮތުން އަބަދުވެސް މަޝްވަރާގެ މަގު ހިޔާރު ކުރައްވާ ބޭފުޅެއް. އެކަމަކު އެ މަނިކުފާނުގެ ގާބިލް ވިސްނުން ވަނީ ޑރ. ވަހީދު ވެރިކަމަށް ގެންނެވުމަށް ޝިކާރަ ކުރައްވާފައި. އަޅުގަނޑު އުފާކުރަނީ މަޖިލީހުގެ ރައީސް ރިޝްވަތު ހިފައި ޖީއެމްއާރު އެއާޕޯޓު ވިއްކާލައި ޖީއެމްއާރުގެ ހަރަދުގައި ޓިކެޓު ނަގައި ދަތުރު ކުރެއްވި ކަމަށް ވިދާޅުވި ބޭފުޅުން މިއަދު ޝާހިދަށް ސަނާ ކިޔާނެތީވެ. ސިޔާސީ އެކުވެރިއެއްގެ ހައިސިއްޔަތުން ދަންނަވާލަން ބޭނުންވަނީ ޑރ. ވަހީދު ހުވާ ކުރެއްވިއިރު އަޅުގަނޑުމެން ތިބީ ރެފިއުޖީންގެ ގޮތުގައި، ހިސާރު ކުރެވިފައި،" އަލީ ވަހިދު ވިދާޅުވި އެވެ.

އިއްޔެ ޖަލްސާގައި އެމްޑީޕީން ދެއްކެވި ވާހަކަތަކަށް ބަލާއިރު މި މައްސަލައަކީ ޝާހިދުގެ އިތުބާރު ނެތް ކަމަށް ނެގުމުގެ މައްސަލައަށްވުރެ އިއްތިހާދުގެ ޕާޓީތައް ބައިބައި ކުރަން ރޯކޮށްލަން އުޅުނު "ފަޓާހެއް" ކަމަށް ބެލެވެ އެވެ. ހަމައެއާއެކު އިއްތިހާދުގައި ހިމެނޭ ޕާޓީތަކުންގެ މެންބަރުން ރައްދު ދެމުން ދިޔައީ ވެސް އެކަން އެނގިގެން ތިބެހެން ހީވި އެވެ.

"އެމްޑީޕީއަށް އެފަދަ ކަމަކުން އިއްތިހާދަށް ބުރޫ އަރުވާ ނުލެވޭނެ ކަން މިހާރ އޮންނާނީ ސާފުކޮށް ފެނިފައި،" މަޖިލީހުގެ މެންބަރަކު ވިދާޅުވި އެވެ.

ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވި ގޮތުގައި ރައީސް ވަހީދުގެ ސަރުކާރާ ގުޅިގެން މަސައްކަތްކުރާ ޕާޓީތަކުގެ މެދުގައި ބައިބައިވުން އުފައްދަން އެމްޑީޕީ ބޭނުން ވެއެވެ. ސަބަބަކީ އެމްޑީޕީގެ ލީޑަޝިޕަށް ސިޔާސީ ގޮތުން ދިމާވަމުންދާ ބޮޑެތި ނާކާމިޔާބީތަކުގެ ތެރޭގައި ޕާޓީގެ މެންބަރުން ނުބައިތިއްބާ މެންބަރުންގެ ސަމާލުކަން އެހެންދިމާ އަކަށް ގެންދިއުމެވެ.

"އެމްޑީޕީން މި މައްސަލަ ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ އެމްޑީޕީގެ މިއަދުގެ ލީޑަޝިޕަށް ސިޔާސީ ގޮތުން ދިމާވަމުންދިޔަ ބޮޑެތި ނާކާމިޔާބީތަކަކާ ގުޅިގެން އެމްޑީޕީ މެންބަރުންގެ ސަމާލުކަން އެހެންދިމާއަކަށް އަނބުރާލުން. ހަމަ އެހެންމެ ރައީސް ވަހީދު ސަރުކާރާ ގުޅިގެން މަސައްކަތްކުރަމުން ގެންދާ ޕާޓީތަކުގެ މެދުގައި ބައިބައިވުން އުފައްދައި އޭގެ ސަބަބުން ސަރުކާރު ދެން އަންނަ ރިޔާސީ އިންތިހާބާ ހަމައަށް ދެމެހެއްޓުމަށް ޕާޓީތަކުންދޭ ތާއީދަށް ބަދަލެއް އައިސް އެމްޑީޕީއަށް ކޮންމެސް ކަހަލަ ސިޔާސީ މަންފާއެއް ކޮށްފާނެ ކަމުގެ އުއްމީދުގައި،" ތަސްމީން ވިދާޅުވި އެވެ.

އެމްޑީޕީން މަޖިލިހުގައި މައްސަލަގަނޑެއް ފެންމަތި ކުރުމަށް ފަހު އެ މައްސަލައާ ދުރުން ވާހަކަ ދެއްކި ކަމަށް ބޮޑަށް ބެލެވެނީ އެކަން ކާމިޔާބު ނުކުރެވޭނެކަން ޔަގީންވާތީ ކަމަށް ބެލެވެއެވެ. އޭގެ ފަހަތުގައި ފޮރުވިފައިވަނީ ސީދާ ކޮންކަމެއްކަން ބުނަން ނޭގުނަސް މަޖިލީހުގައި އެމްޑީޕީގެ ސައިޒު ވަނީ ފެނިފަ އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދެވީ އުނދަގޫ ނިންމުންތައް ނިންމާއިރު ވެސް ގަވާއިދާއި ޕާޓީތަކާއި އެކު މަޝްވަރާ ކުރައްވަމުންނެވެ. އެ މަސައްކަތް މަޖިލީހުގެ މެންބަރުން ގަބޫލު ކުރާކަން ވޯޓުން ހާމަވެއްޖެ އެވެ.

"މިފަދަ މަގާމެއްގައި ހުންނަ މީހަކީ ވަރަށް ނާޒުކު ފައްތަރެއްގައި ހުންނަ މީހެއް އަޅުގަނޑާއި ދިމާލަށް އަންނަ ތުހުމަތަކީ މާބޮޑަށް މަޝްވަރާ ކުރަނިއްޔޭ. ކަމެއް ދިމާވާ އިރަށް ޖަލްސާ މެދުކަނޑާލާފައި ވާހަކަ ދައްކަނީއޭ. މަޝްވަރާކުރާކަށް ނުޖެހޭނެ. އަނެއްބައި ބޭފުޅުން ވިދާޅުވަނީ މާހުދުމުހުތާރޭ،" ޝާހިދު ވިދާޅުވި އެވެ.

އިއްޔެގެ ވޯޓުން އެހެން ކަމެއްވެސް އެނގުނެވެ. މަޖިލިހުގެ ރައީސް ކަމަށް ޝާހިދު ވަޑައިގަތުމަށް 42 ވޯޓް ލިބުނު އިރު މިއަދު އެމަނިކުފާނުގެ އިތުބާރު އޮތްކަމަށް 45 ވޯޓް ހޯއްދެވުމެވެ. އެހެން ކަމުން މިއީ އެމްޑީޕީން ރޯކޮށްލި ފަޓާހުގެ ފީތާ އަތަށް ގޮވުންކަހަލަ ކަމެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް