އަލްހާނާއި ޑީޑީއަށް ޑިމޮކްރެސީ ފެނުނު ގޮތް!

އެމްޑީޕީ ދޫކޮށް އެ ޕާޓީގެ އިންތިހާބީ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) އާއި ނައިބް ރައީސް އަލްހާން ފަހުމީ ނުކުމެވަޑައިގަތީ ޑިމޮކްރެޓިކް އުސޫލުން ޕާޓީ ހިންގަން ޕާޓީގައި އެބޭފުޅުންނަށް ކުރިމަތިވަޑައިގެންނެވި ފިއްތުންތަކާ ގުޅިގެންނެވެ. ޑިމޮކްރެޓިކް އުސޫލުން ޕާޓީގެ ކަންކަން ކުރިއަށް ގެންދިއުމަށް ހުރި ހުރިހާ ދޮރުތައް ބަންދުވެއްޖެ ކަމަށް ނިންމެވުމަށް ފަހު އެވެ. އެ ދެ ބޭފުޅުން ވެސް ވިދާޅުވަމުން ގެންދެވީ ދެން ގުޅިވަޑައިގެންނަވާނީ ރައްޔިތުންގެ ފައިދާއަށް ޑިމޮކްރެޓިކް އޫސޫލުން ހިންގާ ޕާޓީއަކާ ކަމަށެވެ. ދެ ބޭފުޅުން ވިދާޅުވަމުން ގެންދިޔަ ޑިމޮކްރެޓިކް އުސޫލުން ހިންގާ ޕާޓީއަކަށް މިފަހަރު މިވަނީ ޖުމްހޫރީ ޕާޓީ އެވެ.

ޑީޑީ އާއި އަލްހާން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމުގެ ކުރިން އެމްޑީޕީގެ ފަންޑްރައިސިން ކޮމެޓީގައި ޗެއާ ކުރެއްވެވި އަދި އެމްޑީޕީގައި ބާރުގަދަ ބޭފުޅެއްގެ ގޮތުން ފާހަގަ ކުރެވުނު އަބްދުﷲ ޖާބިރު ޖުމްހޫރީ ޕާޓީއާ ގުޅިވަޑެން ނައިބު ލީޑަރަކަށް ވެވަޑައިގަތެވެ. ޕާޓީގެ މެންބަރުންގެ ބަހަކާ ނުލަ އެވެ.

އަދި އެމްޑީޕީގެ ޗެއާޕާސަން ނައިބު އިދާރީގެ މަގާމުގައި ހުންނެވި ބޭފުޅަކު ވެސް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން މަގާމެއް ކަށަވަރު ކުރެއްވި އެވެ. އިއްޔެ ޑީޑީ އާއި އަލްހާން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވުމުގެ ކުރިން އެޕާޓީގެ އަސާސީ ގަވާއިދަށް ދެ އިސްލާހެއް ގެނަ އެވެ. އެގޮތުން އެޕާޓީގެ ލީޑަޝިޕަށް ރައީސަކާއި ނައިބް ރައީސެއްގެ މަގާމު އިތުރު ކުރުމަށް އެޕާޓީގެ ކައުންސިލްގެ އިއްތިފާގުން ފާސްކުރި އެވެ.

އެއީ މިހާރު ވެސް ލިޑަރަކަށް ހުންނަވާ ގާސިމް އިބްރާހިމާއި ނައިބު ލީޑަރު ޖާބިރާއި ޑރ. ހުސައިން ރަޝީދު ވެސް ތިއްބަވާ ގޮތަށެވެ. މީގެ ތެރެއިން ޑރ. ހުސައިންއަކީ ވެސް ޖުމްހޫރީ ޕާޓީ ދޫކޮށް ނުކުމެވަޑައިގެންނެވި ބޭފުޅެކެވެ. މިފަހަރު އެނބުރިވަޑައިގަތީ ވެސް ނައިބު ލީޑަރުކަން ކަށަވަރު ކުރެއްވެވީ ވެސް ކުއްލި އަކަށެވެ. ޖުމްހޫރީ ޕާޓީގައި ކުއްލިއަކަށް ކުޅިބައި އަތުރާލި ގޮތުން އެއީ ހަމަ ޑިމޮކްރަސީތޯ ސުވާލު ކުރާ މީހުން އުޅެ އެވެ. އަދި އެމްޑީޕީގެ ހަމަތަކާއި ޖުމްހޫރީ ޕާޓީގެ ހަމަތަކާއި ޑިމޮކްރަސިއާ ވަރުން އަޅުވައި އަލްހާނާއި ޑީޑީ ދައްކަވާފައިވާ ވާހަކަފުޅުތައް "ހާދަ ހެއްވައޭ" ބުނާ މީހުން އުޅެ އެވެ.

ޑީޑީ އާއި އަލްހާނަށް ރާއްޖެއިން ފެނިވަޑައިގެންނެވި އެންމެ ސަޅި ޑިމޮކްރަސީއަކީ ޖުމްހޫރީ ޕާޓީގެ ޑިމޮކްރަސީ އެވެ. އެއީއަކީ މައްސަލައެއް ނޫނެވެ. އެކަމަކު ޖުމްހޫރީ ޕާޓީގެ ބައެއް އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި ޑީޑީ އާއި އަލްހާން ޕާޓީއާ ގުޅިވަޑައިގެންނަވަން އެއްބަސްވެވަޑައި ގެންނެވީ ވެސް ޕާޓީގެ އަސާސީ ގަވާއިދަށް އެ ދެ އިސްލާހު ހުށަހެޅުމަށް ފަހު އެގޮތަށް ކައުންސިލުން އެއްބަސްވުމުންނެވެ. އެއިން ދޭހަވަނީ ކޮން ކަމެއް ހެއްޔެވެ؟

ސިޔާސީ ދާއިރާގެ ބައެއް ބޭފުޅުން ސިފަކުރާ ގޮތުގައި ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދަށް ގެނެސްފައިވާ މި ދެ އިސްލާހަކީ، ނުވަތަ ގެނައި ބަދަލަކީ ސީދާ ޑީޑީ އާއި އަލްހާނަށް މިން ޖަހައިގެން ފެހި ކޯޓެކެވެ. އެހެންކަމަށް ވަންޏާ ޖުމްހޫރީ ޕާޓީގައި އޮތީ އެމްޑީޕީގައި ނެތް ކޮން ޑިމޮކްރަސީއެއް ހެއްޔެވެ؟ ދެން ބުނަން އޮންނާނީ އުފެއްދި ދެ މަގާމަކީ ވެސް އިންތިހާބީ ދެ މަގާމު ކަމަށެވެ. އަލްހާނާ ޑީޑީ އަށް ވެސް އެ ދެމަގާމަށް ވަޑައިގެންނެވޭނީ އިންތިހާބަކުން ކަމަށެވެ. އެކަމަކު އެއީއަކީ ސިޔާސީ ގޮތުން މީހުންނަށް ގަބޫލު ކުރެވޭނެ ހަގީގަތެއް ކަމެއް ޖުމްހޫރީ ޕާޓީގެ މާޒީ އިން ދައްކައިދީފައެއް ނުވެ އެވެ.

އަލްހާން ވިދާޅުވީ އެމަގާމުތަކަށް ވަޑައިގެންނެވުމަށް އަދި ގަސްދު ނުކުރައްވާ ކަމަށާއި އެފަދަ މަގާމަކަށް ވަޑައިގެންނެވުމުގެ ކުރިން އެކަމަށް ގާބިލް ބޭފުޅެއްކަން ދައްކަވާނެ ކަމަށެވެ. އެއީ ރަނގަޅު ވާހަކަފުޅެއް ކަމަށް ބެލިދާނެ އެވެ. އަދި އަލްހާނަކީ ކުރީ ސަފަށް ނުކުމެވަޑައިގެން ހިތްވަރު ދައްކަވާ ކެރިވަޑައިގަންނަވާ ބޭފުޅެކެވެ. މަސައްކަތުގެ ރޭޓް ހުރި ޒުވާން ބޭފުޅެކެވެ. އެއާ ހިލާފަށް ޑީޑީއާ މެދު އެހެން ބުނާނެ ޖާގައެއް ނެތެވެ.

ޖުމްހޫރީ ޕާޓީއަކީ ލީޑަރަކާއި ނައިބް ލީޑަރުންތަކެއް ހިންގަމުން ގެންދާ ޕާޓީއަކަށް ވާއިރު އެޕާޓީގެ ލީޑާޝިޕަށް އަލަށް އިތުރު ކުރި މި ދެމަގާމު ޕާޓީގެ އެތެރޭގެ ހަމަޖެހުންތަކަށް ކިހާވަރެއްގެ ގޮންޖެހުމަކަށްވާނެތޯ މިއީ ވެސް ބައެއް ފަރާތްތަކުން އުފައްދާ ސުވާލެވެ. މިއީ ހަމަ އެމްޑީޕީގައި ޗެއާޕާސަނާއި އިސް ލީޑަރާއި ރައީސާއި ނައިބު ރައިސާ މިއެންމެންގެ ބާރުވެރިކަމާ ހެދި ޖެހުނު މައްސަލަ ޖުމްހޫރީ ޕާޓީގައި ތަކުރާރުވުމަކަށް ނުވާނެ ހެއްޔެވެ؟ މިއީ އަލްހާން ވިދާޅުވާ ކަހަލަ ރޫހާނީ ލީޑަރަކު ހިމެނޭ ލީޑަޝިޕަކަށް ނުވާނެ ހެއްޔެވެ؟ ދުރުމި އަޅާލާއިރު އެމަންޒަރު ފެނެ އެވެ.

އަލްހާނާއި ޑީޑީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށް ބޭއްވި ރަސްމިއްޔާތުގައި ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ތެރެއިން ފުރިހަމަ ޑިމޮކްރެޓިކް އުސޫލުން ކަންތައްތައް ހިނގަމުންދާނެ ކަމުގެ ޔަގީން ކަން އެމަނިކުފާނު ދެއްވާ ކަމަށެވެ. ޕާޓީގެ އަސާސީ ގަވާއިދާ ހިނގާ ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ޕާޓީގެ ތެރެއިން ނުހިނގާނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ދެބޭފުޅުންނަކީ އެމްޑީޕީގެ އަށްވުރެ ޑިމޮކްރެޓިކް ޕާޓީއެއް ނެތް ކަމަށް ދައުވާ ކުރެއްވެވި ދެބޭފުޅުނެވެ. މިއަދު އެދެބޭފުޅުން އެމްޑީޕީ އެއީ ޑިމޮކްރެސީއެއް ނެތް ބައެއް ކަމަށް ވިދާޅުވެ އެވެ. އަދި ޕީޕީއެމާ އެމްޑީޕީއަކީ "ނަގޫފިތިފައިވާ" ދެ ޕާޓީ ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތަސް މިހާތަނަށް ޖުމްހޫރީ ޕާޓީގެ މާޒީ އާއި މިފަހަރު ގެނައި ބަދަލަށް ބަލާއިރު އެބޭފުޅުން އެ ވިދާޅުވާ ގޮތަކަށް ކަންވެގެންދާނެ ކަމަށް ނުބެލެވެ އެވެ. އަދި ގާސިމް ވިދާޅުވާ ގޮތަށް ކަން ހިނގާނެ ކަމަކަށް ވެސް ނުބެލެވެ އެވެ.

"ޖުމްހޫރީ ޕާޓީގެ ތެރެއިން ފުރިހަމަ ޑިމޮކްރަސީގެ ނަމޫނާ ފެނިގެންދާނެ. އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި ކަންތައްތައް ނުހިނގާނެ އަސާސީ ގަވާއިދާ ހިނގާ ގަވާއިދާ ހިލާފަށް،" ގާސިމް ވިދާޅުވި އެވެ.

އެމްޑީޕީގެ ތެރޭގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިވެވަޑައިގެންނެވި ޑީޑީ ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީއާ ޑީޑީ ގުޅިވަޑައިގަތީ އެޕާޓީއަކީ ގައުމީ މަސްލަހަތު އިސްކޮށްގެން ގައުމުގެ ތަރައްގީއަށާއި ގައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ޕާޓީއަކަށްވާތީ އެވެ. އަދި ސިޔާސީ މަޝްރަހުގައި އޭނާއަށް ޖެހުނު ހާލު ޖުމްހޫރީ ޕާޓީން ނުޖެހޭނެ ކަމުގެ ޔަގީންކަން ލިބިވަޑައިގަތުމުންނެވެ.

"އަޅުގަނޑަށް ގަބޫލްކުރެވޭ ގޮތުގައި އަޅުގަނޑުގެ ވޭތުވެދިޔަ މާޒީގައި ފެނިފައި ހުރި ހިތި ތަޒުރިބާ ޖުމްހޫރީ ޕާޓީގެ ތެރެއިން ނުފެންނާނެ ކަމުގެ ޔަގީންކަން ލިބުމުން މިޕާޓީއާ މިގުޅުނީ. ޖުމްހޫރީ ޕާޓީއަކީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޑިމޮކްރެޓިކް ޕާޓީއަށް ހަދަން އަޅުގަނޑު މަސައްކަތް ކުރާނަން،" ޑީޑީ ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ހިސާބުން ފެށިގެން ޕާޓީގެ ސިޔާސީ ހަރަކާތްތަކާ ގާތްގަނޑަކަށް ދުރުގައި އުޅުއްވުމަށް ފަހު އަލްހާނާއި ޑީޑީ ވެސް ފެނިވަޑައިގެންނެވީ އެމްޑީޕީ ވަކި މީހެއްގެ ނުވަތަ ވަކި ބޭފުޅުންތަކެއް އަތްދަށުން ޕާޓީ މިނިވަން ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދެވި ތަނެވެ. ނަމަވެސް އެބޭފުޅުން ކުރައްވަމުން ގެންދެވި އެމަސައްކަތްތައް ވެގެން ދިޔައީ ބޭކާރު އެއްޗަކަށެވެ.

"އަޅުގަނޑުމެންނަކަށް ނެތޭ މިރާއްޖެ އަޅުގަނޑުމެން ގެންދަން އުޅޭ މަންޒިލާ ހަމައަކަށް ގެންދެވޭކަށެއް، އެއްވެސް ހާލެއްގައި ވަކިވަކި ފަރުދުންނަށް އީމާން ވެގެނެއް،" އަލްހާން ވިދާޅުވި އެވެ.

ރާއްޖޭގައި އޮތީ ސިޔާސީ ދެ ފިކުރެއްގެ މީހުން ކަމަށާއި ވަކި މީހަކަށް "އީމާން" ވެގެން ރާއްޖެ ބޭނުންވާ މަންޒިލަށް ނުގެންދެވޭނެ ކަމަށް އަލްހާން ވިދާޅުވާއިރު ކޮންމެ ސިޔާސީ ޕާޓީއެއް ވެސް އުފެދިފައި އޮންނަނީ ކޮންމެ ވެސް ސިޔާސީ ބޭފުޅަކާ އެބޭފުޅަކު ގަބޫލުކުރައްވާ ނުވަތަ ތާއީދު ކުރާ ބައެއްގެ މައްޗަށެވެ. އެހެން ކަމަށްވާއިރު ޖުމްހޫރީ ޕާޓީގެ ތެރެއިން ވެސް އެފަދަ ފިކުރެއް އޮތުމަކީ ނުވާނެ ކަމެކޭ ބުނެވޭނެ ޖާގައެއް ނެތެވެ. އަދި އަލްހާން މިހެން ވިދާޅުވާއިރު ޑީއާރްޕީގައި ވެސް އެމްޑީޕީގައި ވެސް އަލްހާން ވިދާޅުވެފައި ވަނީ އެއީ އެންމެ ރަނގަޅު ފިކުރު ކަމަށެވެ. އެކަންކަން ޔައުމިއްޔާ ވެފައި އެބަހުއްޓެވެ.

އެމްޑީޕީގައި ހިމެނިވަޑައިގެންނަވާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު މިއޮތް މާހައުލުގައި ރަނގަޅު ޑިމޮކްރެޓިކް އުސޫލުތަކަށް ޕާޓީއެއް ބައްޓަން ކޮށްގެން ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ، ވައުދުތަކަކާ އެކު އޮތް ސިޔާސީ ޕާޓީއެއް އެމްޑީޕީ ނޫނީ ނެތެވެ. އަދި ޖުމްހޫރީ ޕާޓީ މިހާތަނަށް މައްޝޫރުވެފައި އޮތީ މީހުން ގަންނަން ޕާޓީއެއްގެ ގޮތުގަ އެވެ. އެނޫން ގޮތަކަށް އެމްޑީޕީއާއެކު ވާދަކޮށްލެވޭނެ ވަރުގެ ޕާޓީއަކަށް ޖުމްހޫރީ ޕާޓީ ވެއްޖެނަމަ އަލްހާނާއި ޑީޑީ ކުރެއްވީ ވަރަށް މޮޅު ކަމެއް ކަމުގައި ވެގެންދާނެ އެވެ.

"އެމްޑީގައި އެބައޮތް ނިޒާމެއް ބޮޓަމްއަޕް ނިޒާމެއް. އެއީ ތިރިން މައްޗަށް އަމުރު އަންނަ ގޮތް. ގިނަ މީހުންގެ ތާއީދު ލިބޭ މީހާ މައްޗަށް އަރާ ގޮތަށް. އެކަމަކު އެފަދަ ނިޒާމެއް ނެތް އެހެން ޕާޓީއެއްގަ. ޖުމްހޫރީ ޕާޓީއަކީ ވެސް އެފަދަ ޕާޓީއެއް ނޫން. އެހެން ވީމާ އެބޭފުޅުން އެނޫން ގޮތަކަށް އެކަންތައް އަނބުރާލައިފިނަމަ ވަރަށް މޮޅު. އަޅުގަނޑުމެންނާއި ވާދަކޮށްލެވޭ ރައްޔިތުންގެ ލޯބި ލިބި އޮތް ޕާޓީއަކަށް ޖުމްހޫރީ ޕާޓީ އަނބުރާލައި ދެއްވައިފިނަމަ، އަޅުގަނޑު ވެސް ބުނާނަން ހާދަ ދެރައޭ އެފަދަ އިހުލާސްތެރި ބޭފުޅުންކޮޅަކާ ދެކޮޅަށް ވޯޓެއް ނެގުނީތީ،" ހާމިދު ވިދާޅުވި އެވެ.

ޕީޕީއެމްގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ ޑީޑީ އާއި އަލްހާން އެމްޑީޕީ ދޫކުރައްވައި އެހެން ޕާޓީއަކާ ގުޅިވަޑައިގެންނެވުމުން އޭނާ އެކަމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. ނަމަވެސް ރާއްޖޭގައި މިވަގުތު އޮތް ސިޔާސީ އެންމެ ވަރުގަދަ ދެ ޕާޓީއަކީ އެމްޑީޕީއާ ޕީޕީއެމް ކަމަށްވާއިރު ގިނަ ވާނީ ވެސް އެ ދެ ފިކުރުގެ މީހުން ކަމަށެވެ.

"މިވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޑިމޮކްރެޓިކް ދެ ޕާޓީއަކީ އެމްޑީޕީއާއި ޕީޕީއެމް. އެނޫން ގޮތަކަށް އެކަން ޑިމޮކްރެޓިކް އޫސޫލުން ބަދަލުކުރަން މަސައްކަތް ކުރުމަކީ ޑިމޮކްރަސީއެއްގައި ލިބޭނެ ކުރިއެރުމެއް،" މަހުލޫފް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ތެރޭގައި މީގެކުރިން ވެސް އިންތިހާބަކާ ނުލައި ބައެއް މަގާމުތަކަށް ބޭބޭފުޅުން އިސްކުރައްވާފައިވާއިރު ޕާޓީގެ އަސާސީ ގަވާއިދުގައި އަލަށް ހިމެނިފައިވާ ދެ މަގާމު އެފަދަ ގޮތަކަށް ދީފާނެ ކަމަށް ބުނެ ވެސް ވާހަކަތައް ދެކެވިފައިވެ އެވެ. އަލްހާން އާއި ޑީޑީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވުމަކީ "ވިކުން" ކަމަށް ބައެއް ފަރާތްތަކުން ސިފަކުރެ އެވެ. ބައެއް އެހެން މީހުން ބުނަނީ އަލަހާނާއި ޑީޑީ ގުޅިވަޑައިގަތުމުން ޖުމްހޫރީ ޕާޓީގައި ޑިމޮކްރަސީ އޮވެފައި އެމްޑީޕީ އާއި އެހެން ޕާޓީތަކުގައި ޑިމޮކްރަސީ ނެތް ކަމަށް ވަންޏާ ޑިމޮކްރެސީ އޮޅޭގޮތްވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް