ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އޭނާގެ ކުރިއަށް އޮތް ފިލްމަށް ޒުވާން، ހުނަރުވެރި ލިޔުންތެރިންގެ އާ ޚިޔާލުތަކެއް ހޯދަމުން އަންނަ ކަމަށް ބުނެފިއެވެ.
އިންޑިއާގެ ރަނި ރަސްކަމުގެ ވާހަކަތައް ލޯބީގެ ރަހަތަކާ އެކު ސިނަމާއަށް ގެންނަ ޑައިރެކްޓަރު މި ފަހަރު ބޭނުންވަނީ މި ޒަމާނާ ގުޅޭގޮތަށް މިހާރުގެ ޖީލުތަކަށް ހާއްސަ ފިލްމެއް އުފައްދާށެވެ.
މި ޒަމާނާ ގުޅޭގޮތަށް ތައްޔާރުކުރާ ސްކްރިޕްޓްތަކަށް ސަންޖޭ އިންތިޒާރު ކުރަމުން އަންނައިރު އެ ސްކްރިޕްޓްތައް ފާސްވެ ސިނަމާއާ ހަމައަށް ދާނީ ސަންޖޭގެ ސްޓައިލްގައި ސަންޖޭގެ ހާއްސަ ސްޓޭމްޕް ޖެހިގެން ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ފިލްމު އިންޑަސްޓްރީގައި ޑައިރެކްޓަރެއްގެ ގޮތުގައި 11 އަހަރަށްވުރެ ގިނަ މުއްދަތަކަށް މަސައްކަތްކޮށްފައިވާ ސަންޖޭއާ އެކު ފިލްމެއްގައި މަސައްކަތް ކުރުމަކީ ފިލްމު އިންޑަސްޓްރީއަށް ނިސްބަތްވާ ކޮންމެ މީހެއްގެ ވެސް އެންމެ ބޮޑު ހުވަފެނެވެ.
މީގެ ދެ އަހަރު ކުރިން ބަތަލާ އާލިއާ ބަޓް ލީޑު ރޯލު ކުޅުނު ފިލްމު "ގަންގޫބާއި"ގެ ޑައިރެކްޓަރުގެ ފިލްމަކަށް ބެލުންތެރިން އިންތިޒާރު ކުރަމުން އަންނައިރު ސަންޖޭ އަންނަނީ ނެޓްފްލިކްސްއާ ގުޅިގެން ވެބް ސީރީސްއެއްގެ މަސައްކަތް ކުރަމުންނެވެ. ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ފިލްމީ ތަރިންތަކެއް ހިމަނައިގެން "ހީރާމަންޑީ"ގެ ނަމުގައި އުފައްދާ މި ވެބް ސީރީސް އަކީ ސަންޖޭގެ ކެރިއަރުގެ އަލަތު ވެބް ސީރީސްއެވެ. މި ވެބް ސީރީސް ބެލުންތެރިންނާ ހަމައަށް އަންނާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ދާދި ފަހުން "ބައިޖޫ ބާވްރާ"ގެ ނަމުގައި ސަންޖޭ ފިލްމެއް އިއުލާނުކޮށްފައިވާއިރު މި ފިލްމު އުފެއްދުމަށް ބޭނުންވާ ފައިސާ ނުލިބުމާ އެކު ފިލްމުގެ މަސައްކަތް ވަނީ ފަސްކޮށްފައެވެ. މި ފިލްމުގެ ކާސްޓުން ނެގުމުގައި ވަކިގޮތެއް ނިންމާފައިނުވާއިރު މިއީ މީގެ 20 އަހަރު ކުރިން ސަންޖޭ އުފައްދަން ނިންމި ފިލްމެއްކަމަށް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.