މާލޭގައި ވިހަ ގޭސްހުރި މިންވަރު ބަލަން ވަސީލަތްތައް ހަރުކުރަނީ

މިނިސްޓަރު ތޯރިގު އިބްރާހިމް ވާހަކަދައްކަވަނީ -- ފޮޓޯ/ ސަން

މާލޭ ސަރަހައްދުގެ ވައިގައި، ވިހަ ގޭސް ހުރި މިންވަރު ބަލަން އެ ކަމަށް ޚާއްސަ ވަސީލަތްތައް ގާއިމްކުރަން ނިންމައި، އެ މަސައްކަތް ކުރެވެމުން އަންނަކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޠާރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

މާލޭ ސަރަހައްދުގެ އިންޓަގްރޭޓެޑް ޓްރާންސްޕޯޓް މާސްޓަރު ޕްލޭން އިފްތިތާހުކުރުމަށް މިއަދު އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، މިނިސްޓަރު ވިދާޅުވީ، މާލެއާއި ހުޅުމާލެ، އާއި ވިލިމާލޭގައި އެ ފަދަ ވިހަ ގޭސް ހުރި މިންވަރު ބެލުމަށް މޮނިޓަރުކުރާ ވަސީލަތްތައް ހަރުކުރަން ނިންމައިފައިވާ ކަމަށެވެ.

އެ މަސައްކަތުގެ ތެރެއިން، ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ވިހަ ގޭސް ހުރި މިންވަރު ބަލާ އާލާތްތައް ހަރުކޮށްފައިވާއިރު މާލޭގައި ވެސް އެ ހަރުކުރުމަށް މިހާރު މަސައްކަތް ފަށައިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި ކަންތައް ކޮށް ނިމުމުން އަޅުގަނޑުމެންނަށް އެނގޭނެ މާލޭ ސަރަހައްދުގައި ކޮބައިތޯ އެމިޝަން އެންމެ ބޮޑަށް ހުރި ސަރަހައްދުތަކަކީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ވިހަ ގޭސް ޖައްވަށް ދޫކުރުމުގައި މާލޭ ސަރަހައްދުގައި އެންމެ ބޮޑު ދައުރެއް އަދައިކުރަނީ ވެހިކަލްތަކެވެ.

އެހެންކަމުން ލޯ އެމިޝަން ޓްރާންސްޕޯޓް ނިޒާމެއް ގާއިމްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެ ކަމަށް ޓަކައި މުހިންމީ ރަނގަޅު ޓްރާންސްޕޯޓް ޕްލޭނެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި، މާލެ ފަދަ ތޮއްޖެހިފައި އޮތް ތަނެއްގައި ދިރިއުޅޭ ރައްޔިތުންނަށް އެ އުޅަނދުތަކުގެ ދޫވާ ވިހަ ގޭހަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެހެންކަހަލަ ސިއްހީ ބަލިތައް ޖެހުމުގެ ފުރުސަތު އޮތް ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

އެ ފަދަ ޕްލޭނަކާއެކު ކަރަންޓް ބޭނުންކޮށްގެން ދުއްވާ ބަހާއި، ބައިސްކަލާއި، ކާރާއި ސައިކަލު އިތުރުކޮށް، ޕެޓްރޯލާއި ޑީސަލް ބޭނުންކުރާ ވެހިކަލް މަދުކުރެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ސަރުކާރުގެ އަމާޒަކީ މާލެއަކީ މިހާރަށްވުރެ 'ލިވެބަލް' ތަނަކަށް ހެދުމުގެ މަސައްކަތް ކުރުންކަމަށް ވިދާޅުވިއެވެ.

މާލޭގައި ވެހިކަލް ތޮއްޖެހުން އޮތީ ކަންބޮޑުވާން ޖެހޭ މިންވަރަށް އިތުރުވެފައެވެ. އެ ކަން ހައްލުކުރުމަށް މިހާރު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މަސައްކަތް ވެސް ފަށައިފައެވެ.

comment ކޮމެންޓް