24 މެއި 2012 އާ ގުޅޭ

ލާއިގާއަށް އިރުއިރުކޮޅާ އަތުކުރީގައި އޮތް ރިހިކުލައިގެ ހިމަގަޑިއަށް ބަލާލެވެއެވެ. ޒައުލްގެ އެއްވެސް ޚަބަރެއްނުވެގެން އޭނައިނީ ކަންބޮޑުވެފައެވެ. އެހެންނަމަވެސް އެކަން ކާމޭޒުދޮށުގައި ތިބިއެކަކަށްވެސް އޭނަ ނުދައްކައެވެ. މަންސޫރުގެ ހާލަކީވެސް އެއީއެވެ. އޭނަވެސް ދޭތެރެއަކުން ލާއިގާއަށް ބަލާލެވެނީ ޒައުލްއަށްވީގޮތެއް ނޭގިގެންނެވެ. ޒައުލްގެ ފޯނަށް ގުޅޭތޯ ވަރަށް މަސައްކަތްކުރެވިއްޖެއެވެ. އެހެންނަމަވެސް ގުޅާ ކޮންމެ ފަހަރަކު އިވެނީ ފޯނުނިއްވާލާފައިވާކަމަށް ބުނާ މެސެޖެކެވެ. އޭނައަށް ޒައުލްގެ އެޢަމަލުގެ ސަބަބުން ލާއިގާ ހިތްހަމަނުޖެހޭނެވަރު އެނގެއެވެ. އަނެއްކޮޅުން މީގެ ކުރިން ދުވަހަކުވެސް ޒައުލް ފޯނު ނިއްވާލައިގެން ނޫޅެއެވެ. އެންމެ ފަހުން ޒައުލްއަށް ގުޅުނުއިރު އޭނަ ހުރީ ޔޫހާމެންގޭގަކަން އެނގެނީވެސް ހަމައެކަނި ލާއިގާއަށެވެ. އެހެންވެ ލާއިގާ ހީކޮށްގެން އިނީ އަދިވެސް ޒައުލްވީ ޔޫހާމެންގޭގަކަމަށެވެ. ހިތުގައި ޔޫހާ އާއިމެދު އޮތް ރުޅިވެރިކަން އުތުރިގޮތްކަހަލައެވެ.

"މާމާ، ޒައުލް އަދިވެސް ހޮޓެލުގަތަވީ، މާމަ ބުނުއްވީމެއް ނޫންތޯ ޒައުލް ވެސް އަޅުގަނޑުމެންނާއިއެކު މިރޭގެ ކެއުމުގައި ބައިވެރިވާނެއޭ..." ލާއިގާގެ ކުރިމަތީ މޭޒުގެ އަނެއް ފަރާތުގައި އިން ޝައިސްތާ ބުނެލި އެވެ.
"އެހެން މާމަވެސް ހީކޮއްގެން މިއިންނަނީ... އެކަމަކު ނާދެވޭވަރުގެ ކަމެއް އޮވެގެން ނުވާނެ، ފޯނުވެސް މިހާރު އޮތީ ނިއްވާލާފަ" ލާއިގާގެ ހިތްހަމަނުޖެހުން މޫނުމަތިން ސިއްރުކުރެވިފައިވީ ނަމަވެސް އޭނަގެ އަޑުންއެކަން ސިއްރެއ ްނުކުރެވުނެވެ. ޝައިސްތާއަށް ވެގެން އުޅޭ ގޮތެއް ނޭގުނުކަމުގައިވިޔަސް ލާއިގާގެ އަޑުގައި ހަރުލާފައިވާ ހިތްހަމަނުޖެހުމާ ރުޅިވެރިކަން އޭނައަށް ފާހަގަކުރެވިއްޖެ އެވެ.
"މާމާ، ޒައުލްއަށް އެނގޭތަ އަޅުގަނޑު އަންނަކަން މިރޭ" ޝައިސްތާއަށް ލާއިގާ އިނީ ހިތްހަމ ަނުޖެހިފައިކަން އެނގުނު ނަމަވެސް އިތުރު ސުވާލެއް ކުރިއެވެ.
"ނޫނޭ، މާމަ ހިތަށް އެރީ ނޭނގިހުއްޓާ ފެނުނީމަ އެ ލިބޭ އުފާ މާބޮޑުވާނެ ކަމަށް، އެހެންވެ ޒައުލް ކައިރީ ނުބުނީ ޝައިސްތާ މިރޭގެ ކެއުމުގައި ބައިވެރިވާކަން" ލާއިގާ ކުޑަކުޑަކޮށް ހިނިތުންވެލަމުން ބުނެލި އެވެ.
"އަޅުގަނޑު އަންނަކަން ނޭނގޭތީކަންނޭގެ ނައިސް މަޑު އެކުރަނީ، އެހެންނޫނީ ޒައުލް އަންނާނެ..." ޝައިސްތާ ހިނި އައިސްފައި ވަރަށް ޔަގީންކަމާއިއެކު ބުނެލި އެވެ.

ވެހެމުންދިޔަ ވާރެއަށް ބަދަލެއް ނާދެ އެވެ. ޖެހެމުންދިޔަ ވައިމަޑުވެ ވާރޭ އެއްފަހަރަށްވުރެ އަނެއް ފަހަރު ބޯކުރަމުންދިޔަ އެވެ. ޒައުލް ކާރު ދުއްވަމުންދިޔައީ މަގުމައްޗަށް ވަރަށް ބޮޑަށް ސަމާލުވެ އިނދެއެވެ. އޭގެއިތުރުން އޭނަ ޔޫހާއަށް ދޭސަމާލުކަން ވެސް ކުޑައެއް ނޫނެވެ. މިފިނި ފިނިރޭގައި ޒައުލްގެ ހިތް އެދި ގޮވަމުންދަނީ އެއަތުގެ ތެރެއަށް ޔޫހާ ގެނެސްލުމަށެވެ. އަދި އެހަށިގަނޑުގެ ހޫނުކަން މުޅިރޭ އިޙްސާސްކޮއްލުމަށެވެ. ނަމަވެސް އެ އިޙްސާސްތައް އޭނަގެ ހިތުގެތެރޭގައި ފޮރުވާލައިގެން އިންއިރު އެތުންފަތަށް ލާނެތް ލުއި ހިނިތުންވުމެއްވެރިވެފައިވެ އެވެ.
ޔޫހާމެންގެއާއި ހަމައަށްދެވެންދެން ވެސް ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ކޮންމެ މީހެއްގެ ހިތުގައި އެތަށްކަމެއް ފޮރުވާލައިގެން ތިބީއެވެ. ޔޫހާމެންގޭ ދޮރުމައްޗަށް ޒައުލް ކާރު މަޑުކޮއްލުމާއިއެކު ޔޫހާއަށް ބަލާލިއެވެ. އޭނަ މާއަވަސްއަރުވާލާފައި ކާރުން ފައިބާކަށް ނޫޅެއެވެ. ދޮރުހުޅުވާލަން ދޮރުގައި ހިފާލާފަވެސް ޔޫހާ ޒައުލްއަށް ބަލާލީ އެއްޗެއް ބުނަން އުޅޭކަހަލަ ގޮތަކަށެވެ. އެހެންނަމަވެސް ޒައުލް އޭނަ އާއި ދިމާލަށް ބަލަންއިނުމުން ރަކި ހިނިތުންވުމެއް ދީފައި އިސްޖަހާލަމުން ކާރުން ފައިބަން އުޅުނެވެ.
"ކީކޭ..." ޔޫހާ ދޮރުހުޅުވާލިތަނާހެން ޒައުލް ބުނެލި އެވެ.
"ހޫމް..." ޔޫހާ ހުޅުވާލި ކާރުގެ ދޮރުފަތް ހަލުވިކަމާއިއެކު ލައްޕާލަމުން ޒައުލްއަށް ބަލާލީ އޭނަ ބުނި އެއްޗެއް ނޭގިގެން ބަލާލިފަދަ ގޮތަކަށެވެ.
"ޔޫހާ އެއްޗެއް ނުބުނަންތަ؟" ޒައުލް ކާރުގެ ހުންގާނު ބުރުގައި އެއް އަތްއަޅުވާލަމުން ޔޫހާއާ ދިމާލަށް ކުޑަކޮށް އެނބުރި އިނދެ ބުނެލިއެވެ. ޔޫހާ އަވަސް ނަޒަރެއް ޒައުލްއަށް ދެމުން ދެފަރާތަށް ބޯހޫރުވާލީ ނޫނެކޭ ބުނުމަށެވެ.
"ދެން ދަނީ..." ޒައުލް އިތުރުއެއްޗެއް ނުބުނުމުން ޔޫހާ ކާރުން ފައިބައިގެން އަތުގައި އޮތް އަތްދަބަސް މެޔާލާ ފިއްތާލައިގެން ހުރެ ގޭގެ ދޮޮރޯށީގެ ހިޔަލަށްވަނެވެ.

އެމީލީހިޔާގޭގެ ބޮޑު ގޭޓު ކައިރީ ފާރައަށް ހުންނަ ވޮޗަރު މީހާ ގޭޓު ހުޅުވާލުމާއިއެކު ޒައުލް އޭނަގެ ކާރުގައި އެތެެރެއަށް ވަދެގެން އައެވެ. އަދި ކާރު އޮންނަންވާ ހިސާބުގައި ޕާކް ކޮށްލުމާއިއެކު ކާރުގެ ދޮރުފަތް ހުޅުވާލާފައި ނުކުމެ ކާރު ތަޅުލި އެވެ. ކާރުތައް ޕާކުކޮށްފައި އޮތްތަނުން މައި ގެއަށް ވަންނަން ހިނގާލާފައި ގޮސްފިނަމަ ތެމޭނެކަން ޒައުލްއަށް އެނގެއެވެ. ޔަގީންކޮއްލާފަދަ ގޮތަކަށް ވާރޭވެހެމުންދިޔަ ވާރޭގެ ތެރެއަށް އަތް ދިއްކޮއްލި އެވެ. ވާރޭގެ ތިކިތަކުން އަތްތިލައިގެ ބޮޑު ބައެއް ތެތްމާލުމުން ޒައުލް އެއަތްފޮޅާލާލި އެވެ. އަދި މައި ގެއަށް ވަނުމަށް ހުރި ދޮރަށް ލޯ ހިމަކޮއްލާފައި ބަލާލަމުން ދުއްވައިގަތެވެ. ހީވީ އެދެމެދުގައި ހުރި ދުރުމިން އަންދާޒާކޮއްލާފައި ދުއްވައިގަތްހެންނެވެ. މޫނުގައި ފެންޖެހިދާނެތީ ނިތުގައި ޖައްސާލެވިފައިވާ އަތް ޒައުލް ދުރަށްލަމުން މީހާގެ ގައިން ފެން ފޮޅާލީ ސިޓިންރޫމު ދޮރުމައްޗަށް އެރުމާއެކުއެވެ.

"ޒައުލް..." ކުއްލިއަކަށް ސިޓިންރޫމު ތެރެއިން ޒައުލް ދަންނަ އަޑަކުން އަންހެން ކުއްޖަކު ގޮވާލި އެވެ. ފަހަތަށް އެނބުރެންވިއިރު އޭނަގެ ގާތުގައި އައިސް ޝައިސްތާ މަޑުކޮއްލައިފިއެވެ.
"އެސްތާ... މިގަޑީގަ، މިގޭގަ..." ޒައުލްއަށް ހައިރާން ކަމާއެކު އަހާލެވުނެވެ.
"ސަޕްރައިޒްވެއްޖެ ދޯ... ތީވާ ރަނގަޅު މީހެއް، ގެއަށް ނުދަނިސް ނަސީބަކުން ދިމާވެއްޖެ... އެކަމަކު އަހަރެން މިހިރީ ޒައުލްދެކެ ރުޅިއައިސްފަ، މިރޭގެ ކެއުމުގައި ޒައުލް ބައިވެރިވުމަށް މާމަ އެދުނީ ކީއްވެކަން އެނގޭތަ..." ޝައިސްތާ ތުން ދަމާލަމުން ރުޅިވެރި މޫނެއްދައްކަން މަސައްކަތްކުރި އެވެ.
"އެސްތާ އަންނާތީ ދޯ" ޒައުލް އޭނަގެ އިސްތަށިގަނޑުގައި އަތް ފުނާ އަޅާލަމުން ފަރުވާ ކުޑަގޮތަކަށް ބުނެލިއެވެ.
"ޔެސް... ހަމައެކަނި އެހެންވެގެންނެއް ނޫން ރުޅިއައިސްފަ މިހިރީ، ކީއްވެތަ އަހަންނަށް ނުގުޅީ، ބުނީމެއްނު ދެން އެކޮޅަށް ދާކަށް ގަސްދެއް ނުކުރަމޭ، އަހަރެން މިހުންނަނީ ޒައުލް އަހަންނަށް ފޯނު ނަންބަރު ދެންދެން، ނޫނީ އަހަންނަށް ގުޅާތޯ" ޝައިސްތާ ޖެހިލުން ކުޑަގޮތަކަށް ބުނެލި އެވެ. ޒައުލް މާނައެއް ނުވާފަދަ ގޮޮތަކަށް ހީނލާފައި ހިނގައިގަތީ އެތެރެއަށް ވަނުމަށެވެ. ޝައިސްތާއަށް ކޮންމެވެސް ވަރެއްގެ ހައިރާންކަން ލިބުނެއްކަމަކު ޒައުލްގެ ފަހަތުން އޭނަ އައެވެ. އޭރު ލާއިގާ އާދައިގެމަތިން ޓީވީ ބަލަން ސޯފާގައި އިންތަން ޒައުލްއަށް ފެނުނެވެ. އޭނަ ސޯފާގައި އިނދެ ޒައުލް އާއި ދިމާލަށް އެނބުރިލާ ބަލާލި ގޮތުން ވެސް އެއިނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިކަން ޒައުލްއަށް އެނގުނެވެ.
"ހިނގާބަލަ ޓެރެސްއަށް، ވާހަކަދައްކާލަން... މާމާ، އެންމެ ރަނގަޅުތޯ އަޅުގަނޑާ ޒައުލް ޓެރެސްގައި ވާހަކަދައްކާލަން މަޑުކޮއްލިޔަސް" ޝައިސްތާ ޒައުލްއަށް ބުނެލާފަ ވެސް ކުއްލިއަކަށް ލާއިގާއަށް ބަލާލަމުން އަހާލިއެވެ. ލާއިގާ ހިނިތުންވުމެއް ދައްކާލަމުން ބޯޖަހާލާފައި އާއެކޭ ބުނެލިއެވެ.

"ޝައިސްތާ، މިރޭ ދެން މިގޭގަ މަޑުކުރަންވީނު، ތިބުނީވިއްޔަ އެކަންޏޭ އައިސް ތިއުޅެނީ، މިކަހަލަ ތޫފާނީ ރެއަކު އެކަނި ގޭގަ ހުންނާނެ ކަމެއްނެތް..." ޝައިސްތާ ޒައުލް އާއި ދިމާލަށް އެނބުރިލިތަނާހެން ލާއިގާ ބުނެލި އެވެ.
"ނޫނޭ މާމާ، ރަނގަޅުވާނެ، އަޅުގަނޑު އެކަންޏެއް ނުވާނެއޭ... ޒައުލް ކާރުގަ އަޅުގަނޑު ގެންގޮސްދޭނެ، އެވަރުން އޯކޭވާނެ" ތުއި ގޮތަކަށް ޝައިސްތާ ޒައުލްގެ އަތުގެ މުލައްދަނޑީގައި ދެއަތުން ހިފާގާތްވެލަމުން ބުނެލި އެވެ.
"މާމައެއްނު ތިކިޔަނީ، އެހެންވީމަ މާމަ ބުނާބަސް ގަބޫލު ކުރަންވާނެ، ޝައިސްތާގެ މަންމަވެސް އެންމެ ހިތްހަމަޖެހޭނީ މިގޮތަށް، އަހަރުމެންނަކީ ދުރު މީހުންނެއް ނޫނެއްނު، މިރޭ ދެން ގެއަށްދާނެ ކަމެއްނެތް، އީލާކްގެ ކޮޓަރީގެ ކުރިމައްޗަށް ހުރި ކޮޓަރި ޝައިސްތާއަށް ތައްޔާރު ކޮށްދޭނަން" ލާއިގާ އެގޮތަށް ނިންމިއިރު އެކަމުގައި ފޮރުވިފައިވާ ސިއްރެއް ވާކަން ހަމައެކަނި އެނގެނީ އޭނައަށެވެ. އޭނަ ގަސްދުގައި ޝައިސްތާ އެގޭގައި ބަހައްޓަން ބޭނުންވަނީ އެވެ.
"އޯކޭ... މާމައަށް އެނގޭނެ އަޅުގަނޑު މާމަގެ ނިންމުންތަކަށް އިޙްތިރާމްކުރާނެކަން، ކަމަކަށް އެހާވަރަށް އެދުމުން ނުކޮއްދީއެއް އަޅުގަނޑަށް ނުކެރޭނެ... އެހެންވީމަ މާމަގެ ބަސް ގަދަވީ، އަޅުގަނޑު މިރޭ މިގޭގަ މަޑުކުރާނީ، އެކަމަކު އަޅުގަނޑު އަތުގަ ނުހުންނާނެ އެއްވެސް އެއްޗެއް" އިތުރުގޮތެއް ނެތިގެން ބުނާފަދަގޮތަކަށް ޝައިސްތާ ބުންޏަސް އޭނަގެ ހިތްވަނީ އެނިންމުމާއިދޭތެރޭ އުފަލުންނެވެ.
"އެކަމާ ކަންބޮޑުނުވޭ، މާމަ އެކަން ހަމަޖައްސާލަފާނަން، ދެން އެންމެ ރަނގަޅު ޒައުލް އާއި ދެކުދިން ވާހަކަ ދައްކާލަން ޓެރެސްއަށް ދިޔަޔަސް" ލާއިގާ އަދިވެސް ވާހަކަ ދެއްކީ ހިނިތުންވެލައިގެން އިނދެއެވެ. ޝައިސްތާ ތުއިގޮތަކަށް އެނބުރިލާފައި ސިޑިއާއި ދިމާލަށް ދިޔައީ ޒައުލްގެ އަތްތިލާގައި ހިފާލައިގެންނެވެ. ޒައުލް ހިނިތުންވެލާފައި ޝައިސްތާ އާއިއެކު ސިޑިއާއި ދިމާލަށް ދިޔަޔަސް މަޑުމަޑުން އޭނަގެ އަތް ޝައިސްތާގެ އަތާ ވަކިކޮއްލި އެވެ. އަދި ދެއަތްތިލަ ލައިގެން ހުރި ޖިންސުގެ ޖީބަށް ޖަހާލި އެވެ.

ޓެރެސްގަ ހިޔާކޮއްފައިވާބައިގަ ހުރި ސޯފާސެޓުގެ ދިގުގޮނޑީގައި ޝައިސްތާ އިށީނީ އެގޮނޑީގައި ޒައުލް އާއިދެމީހުން ތިބުމުގެ ޖާހަގަ އޮންނާނެތީ އެވެ. އެހެންނަމަވެސް ޒައުލް އިށީނީ ވަކިން ހުރި ސޯފާގޮނޑީގަ އެވެ. ވެހެމުންދިޔަ ވާރޭގެ އަސަރު އެމީހުންތިބި ހިސާބަށް ނުކުރީ ދަމާލެވޭގޮތަށް ހުރި ބިއްލޫރި ދޮރުތައް ލައްޕާފައި ހުރުމުންނެވެ. ނަމަވެސް ފައިދަށުގައި ޖަހާފައިހުރި މާބަލް މުށިތަކުގައި ފިނިހިފާފައިވާތީ އެތަންވަރަށް ފިންޏެވެ. ސޯފާގައި އިށިންގޮތަށް ޝައިސްތާ އޭނަގެ ހާމަކަންބޮޑު ދެއަތުގައި އަތްހާކާލީ ފިނިވެގެން ހަދާލާފަދަ ގޮތަކަށެވެ.
"ކުދި ރަޖާ ހުންނާނެ، ބުނަންތަ ގެނެސްދެން" ޒައުލް ގޮނޑީގައި ހަމަޖެހިލައިގެން ޝައިސްތާގެ ހަރަކާތްތަކަށް ބަލަން އިނދެފައި ބުނެލިއެވެ.
"ޔެސް ޕްލީޒް، ހާދަ ފިންޏޭ މިތަން، ހީކަރުވައިގަނެއްޖެ..." ޝައިސްތާ ހަށަން ބަނދެލަމުން ހަށިގަނޑު ހަރުކަށިކޮއްލާފައި ދެދަތްޕިލާ ޖައްސާލައިގެން އިނދެ ވާހަކަދެއްކި އެވެ.
"އެކަމަކުވެސް ހެވެންނު، މިތަނަށް އަންނަންވެއްޖެވިއްޔަ... ފިނި ރެއެއްކަން އެނގޭއިރުވެސް ތިއިނީ ލައިގެން އިން ޓޮޕުކޮޅު، ހީވަނީ ދެފަރާތުން ދެފޮތިކޮޅު ގުޅުވާލާފަ ހުރިހެން" ޒައުލް ދިމާކޮއްލާފަދަ ގޮތަކަށް ބުނެލިއެވެ. އަދި ހީނލާފައި ތެދުވީ ރަޖައެއް ހިފައިގެން އައުމަށެވެ.
"ޒައުލް ގާތު އަހަރެން ބުނަންދޯ، އަހަރެން ލާ ހެނދުމާ ނުބެހެއްޗޭ، މީ މިހާރުގެ ފެޝަނޭ" ޝައިސްތާ ފޮނި ގޮތަކަށް ބުނެލި އެވެ.
"ހެ ހެ ހެ... އެހެންތަ، މިފަހަރު ފިނި މޫސުމަށް ނެރުނީ ހޫނު މޫސުމުގައި ލާކަހަލަ ހެނދުންތަ؟" ޒައުލްގެ އަޑުގައިވަނީ ދިމާކޮއްލުމުގެ ރާގެވެ. ޝައިސްތާ ދެފަރާތަށް ތުން އަނބުރާލާފައި ދެބުމަ ކައިރިކޮއްލަމުން ކުރިއަށްވުރެވެސް ބޮޑަށް ގައިގާ ދެއަތުން ހިފަހައްޓާލި އެވެ. ޒައުލް ހިނި އައިސްފައިހުރެ ސިޑިން ފައިބަން ދިޔައެވެ.
ގިނަ އިރެއްނުވެ ޒައުލް އައިއިރު އޭނަގެ އަތުގައި ފަތްޖަހާލެފިވައިވާ ރަޖައަކާއި ރަތް އަފާލެއްގެ އިތުރުން ކުޑަ ފެންފުޅިއެއް ވެސް އޮތެވެ. ޒައުލް އައިގޮތަށް އައިސް ރަޖާ ފަތުރާލާފައި ޝައިސްތާގެ ފަހަތުން ރަޖާގެނެސް ކައިރިކޮއްލަދިނެވެ. އެވަގުތު އަތުގައި ހުރި ފެންފުޅި ސޯފާ ކުރިމަތީ ހުރި މޭޒުގެ މަތީ ބަހައްޓާލާފައި ހުއްޓެވެ.
"ނޭނގޭނެއެއްނު ވާރޭ ވެހޭނެ ކަމެއް، ދުވާލުގަޑީގަ އުޑުމަތި އޮތީ ނުލާހިކު ސާފުކޮށްވިއްޔަ" ޝައިސްތާ އޭނަގެ ހަށިގަނޑުގެ ބޮޑުބައެއް ރަޖައިން ނިވާކޮއްލުމާއިއެކު ބުނެލި އެވެ. ޒައުލް ވަކިއެއްޗެއް ނުބުނެ ހިނގައިގަތީ ވެހެމުންދިޔަ ވާރެއަށް ނަޒަރުހުއްޓައިލައިގެން ހުރެއެވެ. ބިއްލޫރިދޮރުތަކުން ވާރޭގެ ފެންތިކިތަށް ފައިބައިގެންދާ މަންޒަރު ވަރަށްވެސް ހިތްގައިމެވެ. އަތުގައި އޮތް އާފަލުނަގާ އޭގެން އެތިކޮޅެއް ކާލީވެސް ދުރަށް ބަލަހައްޓައިގެން ހުރެއެވެ. ބޯވާރޭގެ ސަބަބުން ފުސްވެފައިވިޔަސް އޭނަގެ ދެލޯ ހޯދަމުންދިޔައީ އެ މަންޒަރެއް ނޫނެވެ. އޭގެ ބަދަލުގައި އޭނަގެ ލޯކުރިމަތީ އެހެންމީހުންނަށް ނުފެންނާނޭހެން ސިފަވެފައިވަނީ ޔޫހާގެ ރީތި ސޫރައެވެ. އެހިނދު ލޯތްބާއިއެކު ހިނިތުންވެލެވުނީ މޮޔައަކު ފަދައިންނެވެ. އެ ހިނިތުންވުމާއިއެކު ކުރިމަތީހުރި ބިއްލޫރި ދޮރުގައި ބޯޖައްސާލެވުމާއިއެކު ދެލޯ މަރާލެވުނެވެ.

"އައި ލަވް ރެއިން..." ޒައުލް ސިހިފައި ލޯހުޅުވާލިއިރު އޭނަގެ ދާދިގާތުގައި ރަޖާއޮޅާލައިގެން ޝައިސްތާ ހުއްޓެވެ. ޒައުލްގެ ސިކުނޑީގައި ސިފަކުރަމުންދިޔަ ރީތި ލޯބީގެ ހިޔާލުގެތެރެއިން ނުކުންނަންޖެހުމުން އޭނައަށް އުނދަގޫވިއެއްކަމަކު އެކަން މާބޮޑުކަމަކަށް ނުހަދާ ޝައިސްތާ އާއި ދިމާލަށް އެނބުރިލާފައި ހިނިތުންވެލިއެވެ.
"އަހަރެން ހިތަށްއަރާ އަހަރުމެން ދެމީހުންގެ ގުޅުން ކެނޑޭވަރުގެ ހިނގީ ކޮންކަމެއްބާއޭ، ކިޔަވަން އުޅުނު ދުވަސްތައް... އަހަރެން ހަނދާނެއް ނުނެތޭނެ އެދުވަސްތަކެއް" ޝައިސްތާ ޒައުލްއަށް ބަލާލީ ވަރަށް ގާތް ނަޒަރަކުންނެވެ.

ޝައިސްތާއަކީ ރީތި އަންހެން ކުއްޖެކެވެ. އެދެމީހުން ކިޔަވަން އުޅުނުއިރު ފިރިހެން ކުދިންގެ ތެރޭ މަޝްހޫރު ވެސް އަންހެން ކުއްޖެކެވެ. އެކަމަކު އޭނައަކީ ބޮޑާ ފޮނި އަންހެން ކުއްޖެއްގެ ގޮތުގައިވެސް މަޝްހޫރު އަންހެން ކުއްޖެކެވެ. އޭނަގެ ހުރިހާ ސިފައެއް ވެސް ޒައުލްއަށްވަނީ ފެނިފައެވެ. އޭނައަށްވުރެ ބޮޑަށް ޝައިސްތާގެ ގޮތް އެނގޭނެ އެހެންމީހަކު ހުންނާނެއެކޭ ޒައުލްގެ ހިތެއް ނުބުނެއެވެ. (ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު