ވިކީގެ ހުރިހާ ވަގުތެއް ފިލްމީ ކެރިއަރަށް

ފިލްމީ ތަރި ވިކީ ކޯޝަލް-- ފޮޓޯ/އިންޓަނެޓު

މިދިޔަ އަހަރު ހަތަރު ފިލްމަކުން ބެލުންތެރިންނާ ބައްދަލުކުރި ބޮލީވުޑްގެ އެކްޓަރު ވިކީ ކޯޝަލް އިހުނަށް ވުރެ ބޮޑަށް ފިލްމީ މަސައްކަތް ކުރުމަށް ކެތްމަދުވެފައިވާ ކަމަށް ބުނެފިއެވެ.

ފިލްމު "ދުންކީ"އިން މިދިޔަ ޑިސެމްބަރު މަހު ފެނުނު ވިކީގެ ހަތަރު ފިލްމަށް ވެސް ބެލުންތެރިންގެ ފަރާތުން ލިބުނު ތަރުހީބާ އެކު ކުރީ ފިލްމުތަކުން ދެއްކި ހުށަހެޅުމަށް ވުރެ ފެންވަރު ރަނގަޅު ހުށަހެޅުންތައް ބެލުންތެރިންނަށް ގެނެސްދޭން ބޭނުންވާ ކަމަށް ވިކީ ވަނީ ބުނެފައެވެ.

ބަތަލާ ސާރާ ޢަލީ ޚާންއާ އެކު ވިކީ ކުޅުނު ފިލްމު "ޒަރަ ހަޓްކޭ ޒަރަ ބަޗްކޭ"އަށް ފަހު ވިކީ ފެނުނީ ބަތަލާ މަނޫޝީ ޗިލާއާ އެކު ހެއްވާ މަޖާ ފިލްމު "ދަ ގްރޭޓް އިންޑިއަން ފެމިލީ"އިންނެވެ. އެއަށް ފަހު ވިކީ ވަރަށް ބުރަކޮށް މަސައްކަތް ކުރި ފިލްމު "ސޭމް ބަހާދުރު" ރިލީޒްވިއެވެ. މި ފިލްމުގައި ވިކީ ދެއްކި ހުށަހެޅުމަށް ލިބުނު ރިވިއުސްތައް ރަނގަޅުވެފައި ފިލްމު ކްރިޓިކުން ވެސް މި ފިލްމު ވަނީ ބަލައިގަނެފައެވެ.

އެއަށް ފަހު އެކްޓަރު ޝާހްރުކް ޚާންއާ އެކު ސްކްރީން ހިއްސާކޮށްލުމުގެ ފުރުސަތު ފިލްމު "ދުންކީ"އިން ލިބުމާ އެކު ބެލުންތެރިންގެ މެދުގައި ވިކީ ވަނީ އިހުނަށް ވުރެ މަގުބޫލު ވެފައެވެ. އިންޑިއާގެ ނޫހެއް ކަމަށްވާ ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ވިކީ ބުނީ މިދިޔަ އަހަރު ރިލީޒްވި ހަތަރު ފިލްމުގެ ތެރެއިން ވެސް އެންމެ ބުރަކޮށް މަސައްކަތް ކުރި ފިލްމަކީ، "ސޭމް ބަހާދުރު" ކަމުގައެވެ.

ފިލްމީ ތަރި ވިކީ ކޯޝަލް ފިލްމު 'ސާމް ބަހާދުރް"ގެ މަންޒަރެއްގައި-- ފޮޓޯ/ ޖީކިއު އިންޑިއާ
މި ނިމުނު 2023ވަނަ އަހަރު ލިބުނު ފިލާވަޅުތަކުގެ އަލީގައި އަމަލީ މަސައްކަތް ފަށަން ވިކީ ތައްޔާރަށް ހުރިއިރު މި އަހަރު ވިކީ ދެ ފިލްމެއްގެ މަސައްކަތް ކުރާނެއެވެ. އޭގެ ތެރެއިން އެއް ފިލްމުގެ މަސައްކަތް ޕޯސްޓު ޕްރޮޑަކްޝަން މަރުޙަލާގައި އޮތްއިރު ދެވަނަ ފިލްމަކީ، ވިކީ ލީޑް ރޯލް ކުޅުނު ފިލްމު "ޒަރަ ހަޓްކޭ ޒަރަ ބަޗްކޭ"ގެ ޑައިރެކްޓަރު ލަކްޝްމަން އުތޭކަރުގެ ފިލްމެކެވެ. މި ފިލްމުގައި ވިކީއާ އެކު ބަތަލާގެ ރޯލްއިން ފެންނާނީ ސައުތު ބަތަލާ ރަޝްމިކާ މަންދަންނާއެވެ.

comment ކޮމެންޓް