ޝިލްޕާ ޝެޓީ ފިރިހެން ކުއްޖަކު ވިހައިފި

ބޮލީވުޑުގެ މަޝްހޫރު ތަރި ޝިލްޕާ ޝެޓީ، ބޮންބޭގެ ހޮސްޕިޓަލެއްގައި ފިރިހެން ކުއްޖަކު ވިހައިފިއެވެ. "އަހަރެމެންގެ ދަރިފުޅަށް ހެޔޮ އެދޭ ހުރިހާ އެންމެންނަށް ޝުކުރު އަދާކުރަން. މަންމަ އާއި ދަރިފުޅު ވެސް ރަނގަޅު. އެ މީހުން އަރާމު ކުރަނީ." ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ ޓްރީޓްކޮށްފައިވެއެވެ. އަދިވެސް އޭނާ ޓްވީޓްކޮށްފައިވެއެވެ. "އެންމެ އަގު ބޮޑު ހަދިޔާ އަހަންނަށް ދިނީތީ އަހަރެންގެ އަންހެނުން ޝިލްޕާއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!"

އިންޑިޔަން ޕްރެމިޔަރ ލީގުގެ ކްރިކެޓް ޓީމް ރާޖަސްތާން ރޯޔަލްސްގެ ވެރިންކަމުގައިވާ ޝިލްޕާ ޝޭޓީ އާއި އޭނާގެ ފިރިމީހާ ރާޖް ކުންދުރާއަށް ލިބުނު މި ދަރިފުޅަކީ މި ފަހަރުގެ މުބާރާތުގައި ރާޖަސްތާން ރޯޔަލްސްއަށް ކުރިމަތިވި ނާކާމިޔާބީގެ ސަބަބުން ލިބުނު ހިތާމަތައް ފިލައިގެން ދިއުމުގެ ސަބަބަކަށް ވާނެކަމަށް ކުންދުރާ ވަނީ ބުނެފައެވެ.

ކުންދުރާ އާއި ޝިލްޕާ ޝެޓީ އަކީ ވަރަށް ގުޅޭ ޖޯޑެއް ކަމަށް ނޫސްވެރިން ސިފަ ކުރެއެވެ. ލަންޑަނުގައި ދިރިއުޅޭ ކުންދުރާއަށް ޝިލްޕާ ޝެޓީއާ މެދު ހާއްސަ ސަމާލުކަމެއް ދެވެން ފެށީ ބިގް ބްރަދަރ 2007 އަށް ފަހުގައެވެ. ޝިލްޕާ ޝެޓީ ވަނީ އިނގިރޭސިވިލާތުގެ ރިޔަލިޓީ ޝޯވ އެއް ކަމުގައިވާ ބިގް ބްރަދަރ 2007 ވަނަ އަހަރު ކާމިޔާބުކޮށްފައެވެ. އެ ފަހަރު ބިގް ބްރަދަރގައި ހަރަކާތްތެރިވި އިރު އިނގިރޭސި ބައެއް ފަރާތްތަކުން ވަނީ ޝިލްޕާއަށް ނަސްލީ އިމްތިޔާޒުގެ ތަފާތު ހަމަލާތައް އަމާޒުކޮށްފައެވެ. މިއީ ޝިލްޕާއަށް މީޑިޔާގެ ސަމާލުކަމާއި ހަމްދަރުދީ ވަރަށް ބޮޑަށް ލިބިގެންދިޔަ ކަމަކަށް ވިއެވެ.

ޝިލްޕާ ޝެޓީ ވަނީ މިހާތަނަށް 40 އަށް ވުރެ ގިނަ ހިންދީ ފިލްމުގެ އިތުރުން ތަމަޅަ، ތެލުގޫ އަދި ކަންނަޑާ ފިލްމުތަކުގައި ހަރަކާތްތެރިވެފައެވެ. ދަރިފުޅު ވިހެޔަސް މުޅީން ފިލްމީ ދާއިރާއާ ދުރަށް ދާން ޝިލްޕާ ގަސްތުކޮށްފައި ނުވާ ކަން، އޭނާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ވަނީ ނޫސްވެރީންނަށް ކަށަވަރުކޮށްދީފައެވެ.
comment ކޮމެންޓް
ގުޅޭ ޚަބަރު