ފައިސާ ޗާޕުކުރުން ހުއްޓައިލަނީ

މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު މިއަދު ރައްޔިތުންގެ މަޖިލީހުގައި -- ފޮޓޯ/ މަޖިލިސް

ކޮވިޑާ ގުޅިގެން ދިމާވި އިގުތިސާދީ ކާރިސާއިން އަރައިގަތުމަށް ކުރީ ސަރުކާރުގައި ޚަރަދަށް ޒިންމާވުމުގެ ގާނޫނު ސަސްޕެންޑުކުރި ކުރުން އަންނަ މަހުން ފެށިގެން ނިމުމަކަށް ގެންނަން އާ މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފިއެވެ.

ކުރީ ސަރުކާރުން ވަނީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ)އަށް އަމަލު ކުރުމުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އިސްތިސްނާކޮށްފައެވެ. އެ ހާލަތު ދަންމާލައި ކުރީ ސަރުކާރަށް އަހަރެއްގެ ތެރޭ 4.4 ބިލިއަން ރުފިޔާ ޗާޕުކުުރުމުގެ ހުއްދަ ވަނީ ދީފައެވެ.

އޭގެ ފަހުން ދެ ފަހަރެއްގެ މަތިން މަޖިލީހުން ވަނީ ސަރުކާރުގެ އެދުމަށް އެ މުއްދަތު ދަންމާލައިފައެވެ.

މާލީ ވަޒީރު ސޮއިކުރައްވައި މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވަނީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ މާއްދާތައް ސަސްޕެންޑުކޮށް، ފައިސާ ޗާޕުކުރުމުގެ ހުއްދަ ދިނީ ކޮވިޑާ ގުޅިގެން ކުރިމަތިވި ހާއްސަ ހާލަތެއްގެ ސަބަބުން ކަމަށެވެ.

އެކަމަކު، މިހާރު އެ ހާލަތު ނެތް ކަމަށް ވަޒީރު ޝަފީގުގެ ސިޓީގައި ވަނީ ބުނެފައެވެ.

ދެ ފަހަރެއްގެ މަތިން އިސްތިސްނާގެ މުއްދަތުގެ އިތުރުކުރުމުން، މިހާރު އޮތްގޮތުން އިސްތިސްނާގެ މުއްދަތު ނިމުމަކަށް އަންނާނީ މި މަހު 31 ގައެވެ.

އިގުތިސާދީ ހިސާބުތަކަށް ބަލާއިރު، 2022 ވަނަ އަހަރު ދިވެހިރާއްޖޭގެ ރިއަލް ޖީޑީޕީ ވަނީ ބަލިމަޑުކަމުގެ ކުރިން 2019 ވަނަ އަހަރު ހުރި މިންވަރު ފަހަނައަޅައި ގޮސްފައެވެ. އަދި، 2022 ވަނަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ 2019 ވަނަ އަހަރު ލިބުނު އާމްދަނީއަށްވުރެ އިތުރުވެފައެވެ.

"ވީމާ، ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 36 ވަނަ މާއްްދާގައި ބަޔާންކުރާ ފަދަ ހާލަތެއް މިހާރު ނެތުމުން އެކެއް ޖެނުއަރީ 2024 ވަނަ ދުވަހުން ފެށިގެން މި ގާނޫނުގެ 32 ވަނަ މާއްދާގެ ހ، ރ، އަދި ބ އިސްތިސްނާކުރުން ނިމުމަކަށް ގެނެސްދެއްވައި، މި ގާނޫނަށް ފުރިހަމައަށް އިޔާދަކޮށްދިނުމަށް އެދެމެވެ،" ވަޒީރުގެ ސިޓީގައިވެއެވެ.

އެހެންވެ، ވަޒީރުގެ ސިޓީގައި ބުނީ ޗާޕުކުރި ފައިސާގެ މިންވަރު މަރުކަޒީ ބޭންކު (އެމްއެމްއޭ)އިން ދޭ ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލުކުރަން ރާވާފައިވާ ކަމަށެވެ. މިހާތަނަށް ޗާޕުކޮށްފައިވާ އަދަދުގެ ތެރެއިން 4.2 ބިލިއަން ރުފިޔާ މިހާރު ވެސް ވަނީ ދިގު މުއްދަތުން ފައިސާ ދައްކަން ޖެހޭ ބޮންޑަކަށް ބަދަލުކޮށްފައެވެ.

comment ކޮމެންޓް