ލޮސް އެންޑް ޑެމޭޖު ފަންޑު އޮޕަރޭޝަނަށް ގެންނަން ނިންމައިފި

ކޮޕް28ގެ އެންމެ ފުރަތަމަ ބައްދަލުވުން -- ފޮޓޯ/ ކޮޕް28

ކޮޕް28 ސަމިޓު ފަށައި މިއަދު ބޭއްވި އެންމެ ފުރަތަމަ ބައްދަލުވުމުގައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ އިޔާދަ ނުކުރެވޭ ފަދަ ގެއްލުންތަކުން އަރައިގަތުމަށް އެހީ ދޭ "ލޮސް އެންޑް ޑެމޭޖް ފަންޑް" އޮޕަރޭޝަނަަށް ގެންނަން ނިންމައި، އޭގެން އެންމެ ބޭނުންޖެހިފައިވާ ގައުމުތަކަށް ފައިސާގެ އެހީ ދޭން ފާސްކޮށްފިއެވެ.

މިއީ ކޮޕް ސަމިޓެއްގައި، ސަމިޓުގެ އެންމެ ފުރަތަމަ ބައްދަލުވުމުގައި ހުރިހާ ގައުމަކުން އެއްބަސްވެގެން ނިންމުމެއް ނިންމި އެންމެ ފުރަތަމަ ފަހަރެވެ. ގިނަ ގައުމުތަކަކުން އަންނަނީ މި ކަން ފާހަގަކުރަމުންނެވެ.

އެއާއެކު މިފަހަރުގެ ކޮޕް ސަމިޓުގެ ރިޔާސަތު ބަލަހަައްޓަވާ ޑރ. ސުލްތާން އަލް ޖާބިރު ވިދާޅުވީ އެ ނިންމުމުން ހާމަވަނީ ކޮޕްއަކީ ނަތީޖާ ނެރެދެވޭނެ ސަމިޓެއް ކަމަށެވެ.

ކޮޕް ސަމިޓުގެ ރިޔާސަތު ބަލަހައްޓަވާ ޑރ. ސުލްތާން އަލް ޖާބިރު --

"މިއީ އެތައް ބައެއްގެ މަސައްކަތް ހާމަވާ ކަމެއް. ޚާއްސަކޮށް ފާހަގަވަނީ މި ނިންމުމާ ހަަމައަށް އަައުމަށް ޓަކައި ޓްރާންސިޝަނަލް ކޮމިޓީގެ މެމްބަރުން ކުރި މަސައްކަތް،" ޖާބިރު ވިދާޅުވިއެވެ.

ބައެއް ގައުމުތަކުން ފަންޑަށް ދޭން ވައުދުވި ފައިސާގެ އަދަދުތައް

  • އެމެރިކާ - 17.5 މިލިއަން ޑޮލަރު
  • އިނގިރޭސިވިލާތް - 75 މިލިއަން ޑޮލަރު
  • ޖަޕާން - 10 މިލިއަން ޑޮލަރު

އެ ނިންމެވުމާ ގުޅިގެން އެންވަޔަރަމަންޓް މިނިސްޓަރު ޠާރިގު އިބްރާހިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮޕް28 ސަމިޓުގެ އެންމެ ފުރަތަމަ ދުވަހު އެ ނިންމުން ނިންމުމުން ހާމަވަނީ މުޅި ބައިނަލްއަގްވާމީ ދުނިޔެއިން މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ދޭ އަހަންމިއްޔަތުކަން ކަމަަށެވެ.

އަދި މިއީ ރާއްޖެފަދަ މޫސުމީ ކާރިސާތަކާ ކުރިމަތިލާން ޖެހުމުގެ ހިރާސް އޮތް އެހެން ގައުމުތަކަށް ވެސް ޙާލަތު ބަދަލުކުރުމަށް ޓަކައި އެޅުނު މުހިންމު ފިޔަވަޅެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެއާއެކު އެ ނިންމުވާ ގުޅިގެން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މި ނިންމުމަކީ މި އަހަރުގެ ކޮޕް ސަމިޓަށް ވަރަށް ރަނގަޅު ފެށުމެއް ކަމަށެވެ.

އެގޮތުން ލޮސް އެންޑް ޑެމޭޖް ފަންޑު ބޭނުންކުރަން ފެށުމާ ގުޅޭގޮތުން ނިންމުނު ނިންމުމަކީ ރަނގަޅު މިސްރާބުން ކަންކަން ނިންމޭކަން ހާމަވާ ކަމެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޔޫއޭއީއަށް ޝުކުރު އަދައިކުރަން، މި ފުރިހަމަ ލީޑާޝިޕާއި ހުށަހެޅި އެންމެ ފުރަތަމަ ހުށަހެޅުމަށް. ހަމައެއާއެކު ހުށަހެޅުންތައް ހުށަހެޅި އެހެން ގައުމުތަކަށް ވެސް ޝުކުރު ދަންނަވަން،" މިނިސްޓަރު ވިދާޅުވިއެވެ.

އެއާއެކު ލޮސް އެންޑް ޑެމޭޖު ފަންޑަށް ބޭނުންވާ ފައިސާ ޖަމާކުރުމަށް ތަރައްގީވެފައިވާ ބޮޑެތި ގައުމުތަކުން ވީ ވައުދުތަކުގައި ފުރިހަމައަށް ހިފަހައްޓައި، އެއަށް އަމަަލުކުރާނެކަމަށް އުންމީދުކުރައްވާކަމަށް ޒަމީރު ވިދާޅުވިއެވެ.

ކޮޕް28 ސަމިޓްގައި ދުނިޔޭގެ 160 ގައުމެއްގެ ވެރިން ބައިވެރިވެވަޑައިގަންނަވާއިރު، މި ބައްދަލުމުގައި ރާއްޖެ ތަމްސީލްކޮށް ތަޤުރީރު ކުރައްވާނީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.

comment ކޮމެންޓް