20 މެއި 2012 އާ ގުޅޭ

"މާމަ އެހެންބުނީތަ" ފޯނު ބާއްވާލުމާއިއެކު ޒައުލްގެ ސަމާލުކަން ޔޫހާއަށް ހުއްޓުނެވެ. އަދި އޭނަ ދެއްކިވާހަކަތަކާއި ގުޅިގެން އަހާލެވުނެވެ.
"ޒައުލް، އަހަރެން ދޮގު ހަދަން ބޭނުންނުވާކަން ޒައުލްއަށް ހަމަ ރަނގަޅަށް އެނގޭނެ، އެހެންވީމަ މިއަދު މިވީ ރަނގަޅަށް، އިތުރަށް އަހަރެން އެއްވެސް ކަމެއް ޒައުލްގެ އާއިލާއަށް ސާބިތުކޮށްދޭކަށް ނުޖެހޭނެ، ޒައުލްއަށް އަހަރެން އަހަރެންގެ ގޮތުގައި ކަމުނުދަންޏާ ދެން ކުރެވޭނެ ކަމެއްނެތް، ޒައުލް އާއި އެކަށީގެންވާ މީހަކު ހޯދުން ރަނގަޅުވާނީ... އަހަރެން ނުބުނަން ޒައުލް ކައިރީ ކިޔާންއަށްޓަކައި އަންނާށޭ، އަދި ކިޔާންއަށްޓަކައި އަހަރުމެން ދެމީހުން ކައިވެނި ކުރާކަށްވެސް... އަހަންނަށް މިހާރުވެސް މިއުޅޭ ގޮތަށް އުޅެވިދާނެ، ހޮޓެލުގެ ރިސެފްޝަން ކައުންޓަރުގައި އިނދެގެން އަހަންނަށް ލިބޭ ފައިސާއިން އަހަންނަށް ފުދޭ، ކިޔާން އެވަރުކޮއްފަ އެހުރީ ގައިމު މީހަކު ދިން ރުފިޔާއަކުންނޫން، އެހެންވިޔަސް އަހަރެން އެ ދަރިފުޅަށް ބޭނުންވާ އެއްޗެހި ހޯދައިދީގެން މިހިސާބަށް މިއައީ... ޒައުލް، އިތުރަށް އަހަރުމެން ދެމައިންގެ ދިރިއުޅުމާ ކުޅެން ނުހަދާ، އަހަރުމެންގެ ހާލައިގެން ދޫކޮއްލާ،" ޔޫހާ ޒައުލްއަށް ފުރަގަސްދެމުން ބުނެލި އެވެ. ލާއިގާ ކީ އެއްޗެހިން އޭނަގެ ހިތަށް އަސަރުކޮއްފައި ވެއެވެ. އޭނައަކީ ލާއިގާ ހީކުރާފަދަ ދަށުދަރަޖައިގެ އަންހެނެއް ނޫނެވެ. ދެ ލޮލަށް ޖަމާވިކަރުނަ ހިންދާލުމަށް ޔޫހާ މަސައްކަތްކުރި އެވެ.
"ޔޫހާ... ތިހެން ނުބުނޭ، އަހަންނަށްވެސް މީ ކުރަން އެހާ ފަސޭހަ ކަންތައްތަކެއް ނޫން، އެކަމަކު މާމަ ޔޫހާ އާއި ވާހަކަ ދެއްކީ ތިބުނާ ގޮތަށްނަމަ އަހަރެން ވަރަށް ދެރަވެއްޖެ، ހިއެއް ނުކުރަން މާމަގެ ފަރާތުން އެފަދަ ޢަމަލެއް ފެންނާނެ ކަމަކަށް، މާމަ ކީހުރިހާ އެއްޗަކަށް އަހަރެން ޔޫހާގެ ގާތުން މާފަށް އެދެން، އޭއި... ތިހެން ފުރަގަސްދީގެން ނުހުރެބަލަ..." ޒައުލް ޔޫހާގެ މުލައްދަނޑީގައި އެއްއަތުން ހިފާލަން އުޅުނެވެ. އެހިނދު ޔޫހާ ޒައުލްގެ އަތް ފޮޅުވާލަމުން އޭނަ އާއި ދިމާލަށް އެނބުރުނެވެ.
"އަހަންނާ އަހަރެންގެ ދަރިފުޅު ކިތަށް ފަހަރު ޒައުލް އާއި ޒައުލްގެ މީހުންގެ ކުރިމަތީ ފަލީޙަތްވާންޖެހޭނެތަ، އެއެއް ބުނެދީބަލަ... އެ ދަރިފުޅަކީ އަހަރެންގެ ހަށިގަނޑުގެ އެއްބައި، މީހަކާ ކުރިމަތިލުމާއިއެކު އެންމެ ފުރަތަމަވެސް އަހަނީ ދަރިފުޅުގެ ބައްޕަ ކޮބާހޭ... އެދަރިފުޅުގެ ބައްޕަ ކޮބާތަ؟ ޒައުލް އަހަންނަށް ބުނެދީބަލަ؟" ޔޫހާ ވާހަކަ ދެއްކިއިރު އޭނައަށް ރޮވެން ފަށައިފި އެވެ. އޭނަގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ހިފަހައްޓާ ނުރޯން މަސައްކަތްކުރާތަން ވެސް ޒައުލްއަށް ފެނިގެންދިޔަ އެވެ. އޭނައަށް އެވަގުތު ވީގޮތް ބަޔާންކުރަން ވެސް ނޭގުނެވެ. ޔޫހާގެ ކޮނޑުގައި ހިފާގެނެސް މޭގައި ބޮނޑިކޮށްލެވުނެވެ. ޒައުލްގެ އަތުން ދެ ފަހަރަކު ވީއްލިގެން ދާން މަސައްކަތްކުރުމަށްފަހު ޔޫހާއަށް ވެސް ޒައުލްގެ މޭގައި ބޮނޑިވެލެވުނީ އެވެ. އަދި ހިތް ބޭނުންވި ގޮތަށް އޭނަ ރޮމުންދިޔަ އެވެ. ކަރުނައަކީ ހިތަށް ހަމަޖެހުން ގެނުވާ އެއްޗެއްކަން އޭނައަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެކަމަކު ޒައުލްގެ މޭގައި ބޮނޑިވެގެންހުރެ ރޯލުމަކީ އޭނަ ބޭނުންވި ގޮތެއް ނޫނެވެ. ޒައުލް ޔޫހާގެ ބޮލުގައި ބޮސްދެމުން ކުރިއަށްވުރެ ވެސް ބޮޑަށް ގަޔާލާ ޔޫހާ ބާރުކޮއްލި އެވެ. އަދި ނުރޮއެ ހުއްޓާލުމަށް ބުންޏެވެ.

"ޔޫހާ އިތުރަށް އެކަކުގެ ކުރިމަތީ ވެސް ފަލީޙަތްވާކަށް ނުޖެހޭނެ، އަހަރެން ހަމައެކަނި މިއުޅެނީ ޔޫހާ ބޭނުން ވެގެނެއް ނޫން، އަހަރެން މިއުޅެނީ މާޒީގަ އަހަންނަށް ހެދުނު ގޯހެއް ރަނގަޅުކުރެވޭތޯ، ލޯބިވާ މީހުން ދުރުކޮށްލުމީ ހިތަށް ކިހާ ވޭނެއް ލިބޭ ކަމެއްކަން އަހަންނަށް ނޭނގެނީއެއް ނޫން، ދެން ނުރޮއެ ހުއްޓާލާ..." ޒައުލް ބުނެލި އެވެ. އެހެން ހުއްޓާ ދެވަނަ ފަހަރަށް ލާއިގާ ގުޅިއެވެ. ޒައުލް ހުރީ ކޮންތާކުތޯ ބެލުމަށެވެ. ވަކި އެއްޗެއް ބުނަން ނޭގިފައި ކުޑައިރުކޮޅަކު ޒައުލް ހުއްޓެވެ. ނަމަވެސް އޭނަގެ ހިތް ބުނިގޮތަށް ކަންތައްކުރި އެވެ. މާމަ ގާތު އޭނަ އެވަގުތު އެހުރީ ޔޫހާމެންގޭގަކަމުގައި ޒައުލް އެންމެފަހުން ބުނެފި އެވެ. އަދި ފަހުން ގުޅާނަން ކަމުގައި ބުނެ ފޯނު ކަނޑާލިއެވެ. ޒައުލް ފުރަތަމަ ފަހަރަށް ލާއިގާދެކެ ހިތްހަމަނުޖެހުނެވެ.

"އަހަންނާއިއެކު ބޭރަށް ގޮސްލާނަންތަ، ޕްލީޒް" ޔޫހާ ޒައުލްގެ މެޔާ ދުރަށް ޖެހިލަމުން ދެލޯ ފޮހެލި އެވެ. އެހިނދު ޒައުލް އަހާލިއެވެ. ޔޫހާ އިސްޖެހިފައި ޖަވާބެއްނުދީ ހުއްޓެވެ. ދެންވެސް ޒައުލް އެދުނެވެ. އެއާއިއެކު ޔޫހާ މަޑުމަޑުން ބޯޖަހާލިއެވެ. ޒައުލް ބޭނުންވީ ތަންކޮޅެއް ގިނައިރު ޔޫހާ އާއިއެކު ވަގުތު ހޭދަ ކޮށްލުމަށެވެ. ޔޫހާ ފާހާނާއަށްވަދެ މޫނު ދޮވެލިއެވެ. އަދި ލައިގެން ހުރި ޖިންސާއި ޓޮޕްކޮޅު ބަދަލުކޮއްލި އެވެ. އެނދުގައި އިށީނދެލައިގެން އިން ޒައުލް ތެދުވީ ޔޫހާ ފާހާނާއިން ނުކުތުމުންނެވެ. ޔޫހާގެ ލޮލުން އަދިވެސް ރޮއެފަހުރި ކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. ބޭރަށް ނުކުންނައިރަށް އޭނަގެ މޫނު ޝާއިންއަށް ފެނިއްޖެއްޔާ ވަރަށް ސުވާލު ގިނަވާނެ އެވެ. ޔޫހާ މިހާރު މަސައްކަތްކުރަނީ އޭނަގެ އޮޅުން ބޮޅުންވެފައިވާ ދިރިއުޅުމުގެ ތެރެއަށް ޝާއިން ނުވައްދާވޭތޯއެވެ. ނަސީބަކުން ޔޫހާ ކޮޓަރިން ނުކުތްއިރު ސިޓިންރޫމުގައި އެކަކުވެސް ނެތެވެ.

ރޭގަނޑުގެ ކެއުމަށް ސުފުރާމަތި ތައްޔާރު ކުރަން ޒަރާނާ އައީ އިޝާ ނާމާދު ކޮށްލައިގެންނެވެ. އިތުރުކަމެއް ނެތުމާއިއެކު އާފާގު ވެސް ޒަރާނާ އާއިއެކު ކާގޭގައި އިންނެވެ. އެއްފަރާތު ފާރުގަައި ހަރުކުރެވިފައިހުރި ޓީވީގެ ޗެނެލްތައް ބަދަލުކުރަމުން އާފާގު ދިޔައީ ނޭޝަނަލް ޖޮއޮގްރަފީ ޗެނެލާއި ޖެހެންދެންނެވެ. އެއީ އޭނަ އާމުކޮށް ބަލާ ޗެނަލެވެ.
"އާފާގު، އަހަންނަށް މިއަދު ވަރަށް އަޖައިބު ކުރުވަނިވި ކަމެއްފެނުނު، އެއީ ހަމައަޖައިބެއް..." ޒަރާނާ މަސައްކަތުގައި ހުރެ ބުނެލިއެވެ.
"އަޖައިބެކޭ، އަނެއްކާ ކިހާވަރެއްގެ އަޖައިބަކާ ކުރިމަތިވެގެން ތިއުޅެނީ!" އާފާގުގެ ނަޒަރު ޓީވީ އާއި ވަކިކޮއްނުލާ ޒަރާނާ ބުނި އެއްޗަކަށް ޖަވާބުދިނެވެ.
"އަހަރެން އެ ދިރިއުޅުން މަތިން ހަނދާން ނައްތާލިޔަސް، އެކުދިން އެއީ އަހަރެންގެ ވެސް ދަރިން، އެނގޭތަ، މިއަދު އައްޔަދުގެ ރައްޓިހި ކުއްޖަކު އައެއްނު މިގެއަށް، ކީކޭތަ ކިޔަނީ... ހޫމް... ޔޫހާ، އޭނަގެ ކުއްޖެއް ހުރޭ..."ޒަރާނާ ބުނަން އުޅުނު އެއްޗެއް ނުނިމެނިސް އާފާގު ޒަރާނާއަށް ބަލާލަމުން ވާހަކަ ދެއްކިއެވެ.
"އަހަރުމެންގެ އައްޔަދު ހޯދީ ދަރިއަކު ހުރި އަންހެން ކުއްޖެއްތަ، މާތްކަލާކޯ..." އާފާގު ބުނެލި އެވެ.
"އަަހަރެން ބުނަން އުޅޭއެއްޗެއް އާފާގު އިހަށް އަޑުއަހާބަލަ، އައްޔަދު ޔޫހާ އާއި ގަޔާވިޔަސް އަހަރެންގެ ހިތެއް ނުބުނޭ ޔޫހާ އަހަރުމެންގެ އައްޔަދު އާއިހެދި އުޅެފާނެއޭ، އަހަންނަށް ހީވަނީ ޔޫހާ އަދިވެސް އޭނަގެ ދަރިފުޅުގެ ބައްޕަދެކެ ވަރަށް ލޯބިވާހެން، މިހެން ބުންޏަސް ނޭގެ އެއަންހެން ކުއްޖާގެ ދިރިއުޅުމާބެހޭ ވާހަކަތަކެއް، އެނގޭތަ، ބުނަން މިއުޅެނީ އޭނަގެ ދަރިފުޅުގެ ވާހަކައޭ... ހީވަނީ އަހަރެންގެ ޒައުލްހެން، އެސޮރު ފެނިފަ އަހަންނަށް ނޭގެ ވީގޮތް ވެސް، އަހަރެން އެކުދިންނާ ވަކިވާންޖެހުނުއިރު ޒައުލްގެ އުމުރުންވާނީ އެހާކަންހާވަރު، ހާދަވައްތަރޭ ޒައުލާ... އެކުއްޖާ އާއި ޔޫހާ އާއި ވައްތަރުކަމެއް ނުހުރޭ، ޔޫހާ އެއީ ކުޑަކުޑަކޮށް ހުންނަ އަންހެން ކުއްޖެއް، ބަލާލާފަ ހިއެއްނުވެސްވާނެ ދަރިއަކު ހުންނަހެންވެސް، އުމުރުން ވަރަށް ޅައިރުކަންނޭގެ ބަލިވެއިނީ... އަހަރެން ވަރަށް އޮޅުން ފިލުވާލާހިތުން ހުރީ އޭނަގެ ދަރިފުޅާ ބެހޭގޮތުން، އެކަމަކު ނުކެރުނު، އަހަރެން ޔޫހާގެ ދަރިފުޅުގެ ބައްޕަ ކޮބާތޯ ސުވާލުކުރުމުން އޭނަ އެކަމާ އެހާ ގަޔާވާގޮތެއްނުވި..." އަނެއްކާވެސް ޒަރާނާގެ ވާހަކަ އާފާގު މެދުކަނޑާލި އެވެ.
"ޒަރާ، އެހެންވެދާނެ ދޯ... ޒަރާވަކި ބޭނުންވާނެތަ އެކުދިންގެ ބައްޕަ އާއި ބެހޭގޮތުން ވާހަކަ ދައްކަން، ނުވާނެކަން އަހަންނަށް ޔަގީން، އެހެންވީމަ ޔޫހާ ވެސް ބޭނުންނުވީ އޭގެ ފަހަތުގައި ރަނގަޅު ސަބަބެއް އޮވެގެންކަމަށް ތިވާނީ،" އާފާގު ބުނެލި އެވެ.
"އެނގޭތަ، އަހަންނަށް ވަރަށް ކަމުދާކަހަލަ ގޮތެއް ހުރޭ ޔޫހާގެ ގައިގަ، އައްޔަދުއަށް އޭނަ ވަރަށް ރަނގަޅު، ވަރަށް އާދައިގެ އަންހެންކުއްޖެއް، އޭނަ ފެނުނީމަ ނޭގެ ކީއްވެކަމެއް، ހަނދާންވީ އަހަރުމެން ދެމީހުން ދިމާވި ދުވަސްވަރުމަތިން، އަހަރެންގެ އެކަނިވެރިކަން..." ޒަރާނާގެ ނަޒަރު ކުއްލިއަކަށް ކާގޭ ދޮރާދިމާލަށް ހުއްޓުނެވެ.
"އައްޔަދު، ދަރިފުޅު، ކާންދޯ ތިއައީ، މިހާރުދެން މިނިމުނީ، އާދޭ އަވަހަށް އިށިންނަން" ޒަރާނާ އޭނަ ދައްކަމުންދިޔަ ވާހަކަ ހުއްޓާލާފައި އައްޔަދުއަށް ބުނެލިއެވެ. އައްޔަދު ވަދެގެން އައިސް މޭޒުދޮށުގައި އިށީނެވެ.
"މަންމާ، އަޅުގަނޑު ކައިވެނި ކުރަން ބޭނުންނަމަ މަންމަ ކީކޭތޯ އެކަމާ ބުނާނީ" އައްޔަދު ހިނިއައިސްފައި އިނދެ ވާހަކައެއް ފެށި އެވެ.
"ދަރިފުޅު މީހަކާ އިންނަން ބޭނުންވަނީތަ" ޒަރާނާއަށްވުރެ ކުރިން އާފާގަށް ހައިރާންކަމާއިއެކު އަހާލެވުނެވެ.
"ތެދެއް، ދަރިފުޅު މީހަކާ އިންނަން ބޭނުންވަނީތަ، އަނެއްކާ ކޮންކުއްޖެއް، ދަރިފުޅު މާލެއައިތާ އަދިނުވޭ އެހާ ގިނަ ދުވަހެއް، ކިޔެވި ދުވަސްވަރު އެކުގައި އުޅުނުކުއްޖެއްތަ" ޒަރާނާ އައްޔަދުގެ ކުރިމަތީ ބެހެއްޓި ތައްޓަށް ބަތް އަޅައިދެމުން ބުންޏެވެ.
"މަންމައަށް ނޭގުނުތޯ ކޮން ކުއްޖެއްކަން، ގައިމު އަޅުގަނޑު މަންމަ އާއި ބައްދަލު ވެސް ކުރުވައިފިން" އައްޔަދު ލާނެތްގޮތަކަށް ހިނިއައިސްފައި އިނދެ ބުނެލި އެވެ.
"އެހެންވެތަ ޔޫހާ މިގެއަށް ގެނައީ، މަންމައަށް ޔޫހާ ދައްކަންވެގެންތަ" ޒަރާނާއަށް އައްޔަދު ބުނަން އުޅުނުއެއްޗެއް ނަގައިގަނެވުނެވެ.
"ހެ ހެ ހެ... ކީކޭތޯ މަންމަ ބުނަނީ؟" އައްޔަދު ހީލަމުން ބުނެލި އެވެ.
"އަސްތާ، ޒަރާ ވާރޭ ވެހެން ފެށިއަޑު އެއިވުނީ، ހުންނާނެތަ ބޭރުގަ އެއްޗެހި" ކުއްލިއަކަށް ބާރުމިނުގައި އޮހިގަތް ވާރޭގެ ތިކިތަކުގެ އަޑު އާފާގުއަށް އިވުމާއިއެކު ބުނެލި އެވެ.

މަޑުމަޑުން އޮރެންޖް ކުލައުޑުމައްޗަށް ފެތުރެމުންދިޔަ ގޮތުންނާއި މަޑުމަޑުން ބާރުވަމުން އައި ވައިރޯޅިތައް ވާރޭވެހެން އުޅޭކަމުގެ ހަނާއަޅާލި ކަހަލައެވެ. ނަމަވެސް އެކަކުވެސް އެކަމަށް ސަމާލުކަމެއް ނުދިނެވެ. އެންމެފަހުން އެނގުމެއްނެތި ކުއްލިއަކަށް ބޯކޮށް ވެހިގަތް ވާރެއާއިއެކު މަގުތަކުގައި އުޅުނު މީހުންތައް ކޮޅުކޮަޅަށް ދުއްވައިގަތެވެ. ހިޔާވެލާނޭ އަސްކަންޏެއް ލިބޭތޯއެވެ. ބައެއްމީހުން މަގުތަކުގައި ހުރި ފިހާރަތަކަށް ވަންނަމުން ދިޔައެވެ. ކާރުގެ ކުރީ ސީޓުގައި ޒައުލް އާއި ޖެހިގެން އިން ޔޫހާ މެޔާއި ދިމާލުން ދެއަތް ހުރަސްކޮއްލާ ހަށަން ބަދެގެން އިންނަފަދަ ގޮތަކަށް އިނެވެ. އެއްވެސް ބަހެއް ނުބުނެ އެހެން އިންނަން ފެށުމުން ޒައުލް ވާހަކަދެއްކި އެވެ.
"ފިނިވަނީތަ؟" ޒައުލް އަހާލިއެވެ.
"ނޫން، އޯކޭ..." ޔޫހާވެސް ކުރުޖަވާބަކުން ނިންމާލިއެވެ. ވާރޭ މާބޮޑަށް ބޯކޮށްލުމާއިއެކު ޒައުލް ކާރު ޕާކުކޮއްލާނެ ރަނގަޅު ތަނެއް ހޯދާލުމަށްފަހު ކާރު ޕާކުކޮއްލި އެވެ.
"އަހަރެން ވާހަކައެއް އަހާލަންތަ" ޒައުލް ބުނެލިއެވެ. ޔޫހާ ބޯޖަހާލަމުން ހޫންލައްވާލިއެވެ.
"ޔޫހާ އަދިވެސް ކިޔައެއް ނުދެމެއްނު އަހަންނާ ވަކިވުމަށްފަހު ދެންވީ ކިހިނެއްކަން، ޝާއިން އާއި ދިމާވީ ކިހިނެއްކަން ވެސް ކިޔާދިނީ ވަރަށް ދުރުދުރުން، އަހަރެން ބޭނުން ހުރިހާ ކަމެއް އެނގެން" ޒައުލް ޔޫހާ އާއި ދިމާލަށް ކުޑަކޮށް އެނބުރިލަމުން ބުނެލިއެވެ.
"އެކަމުގަ ދެން ކިޔާދެން އޮތީ ކޮންވާހަކައެއް" ޔޫހާ އިސްޖަހާލަމުން ބުނެލި އެވެ.
"ކޮންއިރަކު ކިހިނެއް ޔޫހާއަށް އެނގުނީ ބަލިވެއިންކަން" ޒައުލް ސުވާލުކުރި އެވެ.
"އަހަރެން މަސައްކަތްކުރިން ޒައުލްގެ އެ ނިންމުން ހަޖަމުކުރަން، އެއީ އަހަރެން ލޯބިވިޔަސް ޒައުލް އަހަރެންދެކެ ލޯބިވާކަށް ނުޖެހޭނެކަމަށް އަމިއްލަ ނަފްސަށް ވިސްނާދެމުން، އަހަންނާ ޒައުލް ވަކިވިތާ ދެ ހަފުތާވަރުވީ، އަހަރެން ވަރަށް ބޮޑަށް ބަލިވާންފެށީ، އަހަރެންގެ އުމުރުން ޅަކަމާ އެއްވެސް ތަޖުރިބާއެއް ނެތުމުގެ ސަބަބުން ވަނީ ކިހިނެއްކަން އަހަންނަކަށް ނޭގެ، އޭރު ކިޔަވަން ހުރިގޭ ދައްތަ ކައިރީ ބުނަން ބޭނުންވި... އެކަމަކު ނުބުނަން، ހިތަށްއެރީ އަހަރެން އަބަދު ރޮއެ ރޮއެފަ ވީކަންތައްތަކާއިމެދު ފިކުރުކުރާތީވެ ބަލިވަނީކަމަށް... ހެނދުނު ތެދުވާއިރު ބައެއް ދުވަސްދުވަހު ހުންނަނީ ބޯ އަނބުރާފަ، އޮފީހަށް ދާހިތެއްނުވޭ، އެއްވެސް ކަމަކާ ނުލާވެސް ހޮޑުލެވެނީ، އޮފީހަށް ނުކުންނަނީ ކޮންމެހެން ނުކުންނަންޖެހިގެން، އަބަދު ހުންނަނީ މޫޑު ގޯސްވެފަ، ޑޮކްޓަރަށް ދައްކަން ދާންވެގެން ނިންމައިގެން ހުއްޓަ، އޮފީސް ކުއްޖަކު ސަމާސާއަކަށް ހަދާފަ އަހަންނާ ދިމާލަށް ބުނީ، އަބަދު ހޮޑުލަނީ އަނެއްކާ ބަނޑުބޮޑީހޭ... ދެން އަހަންނަށް ވިސްނާލެވުނީ ވެސް، އެފަދަ ގުޅުމެއް އަހުރުމެން ދެމީހުންގެ މެދުގައި ހިނގައިފައިވާކަން، އަހަންނަށް ވެސް އެންމެ ފުރަތަމަ ގަބޫލެއް ނުކުރެވުނު، ހަމައެންމެ ފަހަރަކުން އަހަރެން ބަލިވެ އިންނަންވީ ކީއްވެކަން... އެކަމަކު އެކަންވެސް އަހަންނަށް ޖެހުނީ ގަބޫލުކުރަން، ހޯދި ކުޑަވަގުތުކޮޅުގެ އުފާވެރިކަން އަހަރެންގެ ކަރުބުޑުގައި ހިތި ރަހަލައްވާލީ ވަރަށް ވެސް ފުރިހަމައަށް... އަހަރެން ޑޮކްޓަރަށް ދިޔައިރު އަހަރެން އިނީ ބަލިވެކަން އަހަންނަށް ޔަގީންވާ ވަރަށް މަޢުލޫމާތު ލިބުނު، އެހެންވެ ޑޮކްޓަރު އަހަރެން އިނީ ބަލިވެކަމުގައި ބުނުމުންވެސް އަހަންނަށް ޝޮކެއް ނުލިބުނު... އަހަންނަށް އެނގޭ އަހަރެންގެ ލޭގެ ޓެސްޓުގައި މައްސަލައެއް އުޅެނީކީ ނޫންކަން، ނޫނީ އަހަރެންގެ ރިޕޯޓް މާބަނޑު މީހެއްގެ ރީޕޯޓާ ބަދަލުވެ އޮޅުނީކީ ނޫންކަން... އަހަރެން ގެއަށް އައިސް ވިސްނިން މިކަމަށް ހައްލެއް އޮތްގޮތެއް ފެނޭތޯ، އަހަރެން ޒައުލް ހޯދަން ބޭނުންވި، އެއީ އަހަރެން އެކަނި ކުރިކަމެއް ނޫންވީމަ، އެކަމަކު ޒައުލް ހޯދަން އަހަރެން ދާނީ ކޮންތާކަށް..." ވެހެމުންދިޔަ ވާރެއާއެކު ފުސްވަމުންދިޔަ ދޮރުފަތުގެ ބިއްލޫރިގަނޑަށް ބަލަހައްޓައިގެން އިން ޔޫހާ ވާހަކަ މެދުކަނޑާލި އެވެ. އެއީ އޭނައަށް ދައްކަން އެހާ ފަސޭހަވާހަކަތަކަކަށް ނުވާތީ އެވެ. އެވާހަކަތައް ކިޔާދިންކަމަކު އެ ހާލުގައި އުޅުނީ އޭނައެވެ. ވީއިރު އެކަން އަޑުއަހާ މީހާއަށް އޭނަ އުޅުނު ހާލު އިޙްސާސް ނުވާނެކަން އޭނައަށް އެނގެއެވެ. (ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު