ޔޫރޯ 2024އިން މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ޖާގަ ހޯދައިފި

އިޓަލީވިލާތުން މިވަނީ ޔޫރޯ ތަށި ދިފާއު ކުރުމުގެ ފުރުސަތު ތަނަވަސްކޮށްފަ / ފޮޓޯ: ކެޕިޓަލް ނިއުސް

އަންނަ އަހަރު ޖަރުމަނުވިލާތުގައި ބާއްވަން ހަމަޖެހިފައިވާ ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުން އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ޖާގަ ހޯދައިފިއެވެ.

މި މުބާރާތުން އިޓަލީ ޖާގަ ހޯދީ ގްރޫޕް ސީގައި ޔޫކްރެއިނާއެކު ރޭ ބައްދަލުކުރި މެޗު އެއްވަރުކޮށް އެ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މި މެޗަށް ނިކުތް އިރު މި ދެ ޓީމު ވެސް އޮތީ 13 ޕޮއިންޓުން އެއްވަރުގައެވެ. ނަމަވެސް ފައިދާ ގޯލަށް ބަލާއިރު ކުރީގައި އޮތީ އިޓަލީއެވެ.

ޔޫކްރެއިންގައި ހިނގަމުންދާ ހަމަނުޖެހުމުގެ ސަބަބުން ޖަރުމަނުވިލާތުގައި ކުޅުނު މި މެޗު ނިމުނީ ދެ ޓީމުކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފައްދައިފައި ވަނީ އިޓަލީއިންވެ.

މި މެޗުގައި ދެ ޓީމަށް ވެސް ލީޑު ނަގާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ. އެގޮތުން ފެޑެރީކޯ ކިއޭސާއާއި ނިކޮލާ ބަރެއްލާއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

ޔޫކްރެއިނަށް ބަލާއިރު ޖިއޯޖީ ސުޑަކޯފާއި މިހައިލޯ މުޑްރިކް ފޮޮނުވާލި ދެ ހަމަލާ އިޓަލީގެ ކީޕަރު ޖިއާން ލުއިޖީ ޑޮނަރޫމާ ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ފަހު ވަގުތުކޮޅު ޔޫކްރެއިނުން ޕެނަލްޓީއަކަށް އެދުނު ނަމަވެސް ރެފްރީ ވަނީ އެއީ ޕެނަލްޓީއެއް ނޫންކަމަށް ނިންމާފައެވެ.

މި މެޗު އެއްވަރުވުމުން އިޓަލީ ޔޫރޯ މުބާރާތަށް ކޮލިފައިވެ ތަށި ދިފާއު ކުރުމުގެ ފުރުސަތުވަނީ ލިބިފައެވެ. ޔޫކްރެއިނަށް މި ވަނީ ޕްލޭ އޮފް މެދުވެރިކޮށް ލިބޭ ތިން ޖާގައަށް ވާދަކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައެވެ.

comment ކޮމެންޓް