ބޯހިޔާވަހިކަން ސިޔާސީ ކުރުން ނިމުމަކަށް ނާންނާނެތަ؟

ޕްލޭނިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން-- ސަން ގްރެފިކްސް/ ފަހީމް

"ދެން ކިހިނެއް ވާނީ މި ބިމަށް؟ މި ބިންކޮޅު ވެސް ގެއްލެނީ ދޯ މި،"

"ހިޔެއް ނުވޭ އަވަހަށް އަދި ތި ފްލެޓް ލިބޭނެހެން،"

މިއީ ހަމައެކަނި އެންމެ ރައްޔިތެއް، ނުވަތަ ދެތިން ރައްޔިތެއްގެ ޝުއޫރެއް ނޫނެވެ. މިއީ މި ނިމުނު ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ދޫކުރި ބިމާއި ގޯތި ލިބޭނެކަމުގެ ލިސްޓުތަކުގައި ނަން ހުރި އެތައް ހާސް ރައްޔިތަކު ފާޅުކުރަމުން އަންނަ ޝުއޫރެވެ.

އެ މީހުން މި ޝުއޫރު ފާޅުކުރަމުން އަންނަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެއީ ސަރުކާރުގެ ފަރާތުން ހުޅުވައިލި ސްކީމެއްގައި ބައިވެރިވެ، ފްލެޓް ނުވަތަ ގޯތި ލިބޭނެކަން އަންގައި، ހަވާލުކުރި ގާނޫނީ ލިޔުމާމެދު ސުވާލު އުފެދެމުން އަންނާތީ ފާޅުކުރާ ޝުއޫރުތަކެކެވެ.

ރިޔާސީ އިންތިޚާބު ކުޑަތަންވެފައިވަނިކޮށް ކުރި މި މަސައްކަތާމެދު ނާއުންމީދުވެފައި ތިބި ރައްޔިތުންގެ އަދަދު މިއަދު ގިނައެވެ. އެއީ ސަރުކާރު ނިމުނުއިރު ވެސް އެ މީހުންނަށް ލިބެންޖެހޭ ގޯތި ލިބިފައިނުވާތީއެވެ. ފްލެޓުތަކަށް ވެސް ވަދެވިފައިނުވާތީއެވެ.

މީގެ ތެރެއިން ގިނަ ގޯތިތަކާއި ފްލެޓުތައް އަދި ވުޖޫދުގައި ވެސް ނެތެވެ. އެ ގޯތިތައް ދޭނެ ތަންތަން ހިއްކުމުގެ މަސައްކަތާއި ފްލެޓްތައް އެޅުމުގެ މަސައްކަތް ވެސް އަދި ކުރަން އޮތީއެވެ.

ސިޔާސީ ގޮތުން މަންފާ ހޯދުމަށް ބޯހިޔާވަހިކަން ފަދަ ރައްޔިތުންނާ ގުޅުންހުރި އަސާސީ ޚިދުމަތްތައް ބޭނުންކުރުމުން، އެ ކަމުހެ ހަގީގީ ދެރަ އުފުލަން ޖެހެނީ ރައްޔިތުންނަށެވެ.

ބިންވެރިޔާ ސްކީމުގެ ގޯތިތަކެއްގެ ގުރުލުން ކުރިއަށްދަނީ -- ސަން ފޮޓޯ

ބޭނުންވަނީ ބަދަލުނުވާނެ ގައުމީ ތަރައްގީގެ ޕްލޭނެއް

ބޯހިޔާވަހިކަންފަދަ ބޮޑެތި މައްސަލަތައް ހައްލުކުރުމަކީ އެންމެ ދުވަހަކުން ނުވަތަ ދެ ދުވަހަކުން އެއްވެސް ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫނެވެ. މިއީ ގައުމީ ތަރައްގީގެ ޕްލޭނަކާއެކު ދުރާލައި ރާވައިގެން ކުރަންޖެހޭ ބޮޑު މަސައްކަތެކެވެ. ނަމަވެސް ރާއްޖޭގައި މިއީ އެއިރަކު ހުންނަވާ ވެރިއެއްގެ ވިސްނުންފުޅާ އެއްގޮތަށް ކުރާ ކަންކަމެވެ. ސަރުކާރުތަކާއި ވެރިން ބަދަލުވީ ނަމަވެސް ބަދަލުނުވާނެ ގައުމީ ތަރައްގީގެ އެއްވެސް ޕްލޭނެއް ނެތެވެ.

ކޮންމެ ސަރުކާރަކުން ވެސް، ކޮންމެ ވެރިއަކު ވެސް ވައުދުވަނީ ފްލެޓުތަކެއް އަޅާށެވެ. ނުވަތަ ބިމެއް ހިއްކާށެވެ. އެ ތަނަކުން ގޯތިތަކެއް ދިނުމަށެވެ. ނުވަތަ އެ ވަގުތަށް ބޭނުންވާ އެންމެނަށް ލިބޭވަރަށް ފްލެޓްކޮޅެއް އަޅައިލާށެވެ.

ގައުމީ ތަރައްގީގެ މަގު ޗާޓެއް ނެތުމުގެ ސަބަބުން 'ހިތުހުރި' ގޮތަކަށް މަޝްރޫއުތައް ޑިޒައިންކޮށް ހިންގުމުގެ ފުރުސަތު އޮންނަނީ ހުޅުވިފައެވެ. އެއީ ކުރިމަތީ ރިޔާސީ އިންތިޚާބެއް އޮތްކަމުގައިވީ ނަމަވެސްއެވެ. ރައީސް ޞާލިހުގެ ސަރުކާރުން ހިންގި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުން ވެސް ހަގީގީ މަންފާ ހާސިލްނުވި ސަބަބަކީ މިއީއެވެ.

ވައުދެއް ފުއްދުމަށް ޓަކައި، މީގެ ކުރިން ނުވިސްނައިހުރި ކަންތައްތަކެއް ކުރު މުއްދަތެއްގައި ކުރަން ޖެހުމުން އެ ބިންތަކުގައި އެހެން ޚިދުމަތްތައް ގާއިމްކުރާނެ ގޮތުގެ ފުރިހަމަ ނިޒާމެއް ޕްލޭން ކުރެވިފައި ނެތެވެ. ބޮޑު އާބާދީއެއް، އާބާދުވާއިރު ފުރިހަމަވާން ޖެހޭ ވަސީލަތްތައް ގާއިމްކުރުމަށް ބިން ހަމަޖެހިފައި ނެތެވެ. ތޮއްޖެހިފައިވާ އިތުރު ތަނަކަށް އެ ފަދަ ބިންތައް ވެސް ވާން އޮތީ ދޫކޮށްލައިފައެވެ. ބިންތަކުގެ ފުރިހަމަ އާބަން ޕްލޭނިންއެއް ހާމަކުރެވިފައެއް ނުވެއެވެ.

"ހަމަ ގޮޅި ޖަހައިލައިފައި ހުރީ. އެއްވެސް އެހެންކަހަލަ ޚިދުމަތެއް ދޭނެ ބިމެއް ހުސް ޖާގައެއް، އެކަހަލަ އެއްވެސް ކަމެއް ނެތް. އެގޮތަށް ގޮޅި ޖަހައިލައިގެން ބިން ދޫކުރުމަކީ އަޅުގަނޑަށް ހީވާ ގޮތުން އެތާ ދިރިއުޅޭ ބަޔަކަށް ވެސް ވަރަށް ދަތިވާނެ ކަމެއް،" ނިމުނު ސަރުކާރުން އާންމުކުރި ހުޅުމާލެ، ގުޅީފަޅު، އަދި ގިރާވަރު ފަޅުގެ ކުރެހުންތަކާ ގުޅޭގޮތުން އާ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ފާހަގަކުރެއްވިއެވެ.

ހުޅުމާލެއިން ގޯތި ދިނުމަށް ކަނޑައެޅި ސަރަހައްދުގައި ކުރީ ސަރުކާރުގެ ޕްލޭން އޮތްގޮތް ފެންނަ ކުރެހުމެެއް --

އެ ފަދަ ތަނެއްގައި މީހުން ދިރިއުޅެން ފަށާނީ ކިހިނެއްތޯ ސުވާލު އުފެދެއެވެ.

ހަމައެއާއެކު މިއީ އަލަށް ހަވާލުވާ ސަރުކާރުތަކަށް ވެސް އެ ސަރުކާރަކުން ހިންގަން ރާވައިފައިހުރި މަޝްރޫއުތަކަށް އޭގެ ސަބަބުން އެތައް ގޮންޖެހުމެއް ކުރިމަތިވާނެ ކަމެކެވެ.

އާ ސަރުކާރަކުން އެ ސަރުކާރުގެ ޕްލޭނާ އެއްގޮތަށް މަސައްކަތް ފަށާއިރު، ހަމަގައިމު ވެސް ރައްޔިތުން އުފައްދާނެ ސުވާލު އުފައްދާނީ އެ މީހާއަށް ލިބިފައި އޮތް އެއްޗަކަށް ވާނެ ގޮތަކާމެދުގައެވެ.

https://sun.mv/184974

ކޮންމެ ފަހަރަކު ރައްޔިތުން ހާސްކަމަކަށް

ސަރުކާރަކުން އިއުލާނުކުރާ ގޯތި ގެދޮރުގެ މަޝްރޫއެއްގައި ބައިވެރިވުމަކީ އާންމު ރައްޔިތު މީހާގެ ކުށަކަށްވެގެން ނުވާނެއެވެ. އެއީ އެ ރައްޔިތަކަށް އޮންނަންވާނެ ހައްގެކެވެ. އެއް ސްކީމުގައި ބައިވެރިވެ ޝަރުތު ފުރިހަމަނުވުމުން ދެން ހުޅުވައިލައި ސްކީމެއްގައި ބައިވެރިވެ، 'އަލުން ބަލުން' ދިރިއުޅުމުގެ ހާލަތު ކިޔައިދޭން ޖެހުމަކީ ރައްޔިތު މީހާއަށް ކުރިމަތިކޮށްގެންވާނެ ތަކުލީފެއް ވެސް ނޫނެވެ.

ނަމަވެސް ވަކި ޕްލޭނެއް ނެތި ހިންގާ ގޯއްޗާއި ފްލެޓް މަޝްރޫއުތަކުގެ ގެއްލުން އެންމެ ފަހު ވަގުތު ތަހައްމަލުކުރަން ޖެހެނީ އާންމު ފަރުދަށެވެ. އެތައް ސްކީމެއްގައި ބައިވެރިވެ، ޝަރުތު ފުރިހަމަވެފައިވަނިކޮށް ދެން ހަވާލުވާ ސަރުކާރަކުން އެ ބަލައިނުގަތުމަށް ނިންމުމުން އެ ކަމުގެ މާޔޫސްކަމާ އަނެއްކާ ވެސް ކުރިމަތިލާން ޖެހެނީ ރައްޔިތު މީހާއަށެވެ.

https://sun.mv/184784

"އަޅުގަނޑު މި މަޝްރޫއު [ގެދޮރުވެރިޔާ]ގެ ތެރެއިން ކުރިމަތިލީއިރު އަޅުގަނޑު އުޅޭ ހާލު އެނގޭނީ އަޅުގަނޑުގެ އާއިލާއަށް. ތި ބޭފުޅާ މިހާރު ވެސް ބައްލަވައިލައްވާ. ދެން އަނެއްކާ މި އިވެނީ ލިސްޓު ރިވިއުކުރަނީއޭ ބުނާ އަޑު، ކީއްވެގެންތޯ ދުވަހަކު ވެސް އެއަށްވުރެ ކުރިއަށް ނުދަނީ،" އެތައް ފަހަރަކު ފްލެޓަށް ކުރިމަތިލައި، ޝަރުތު ހަމަނުވެވަނިކޮށް، މި ފަހަރު ޝަރުތު ހަމަވި މީހަކު ކިޔައިދިނެވެ.

މީގެ އިތުރުން އެހެން މީހަކު ބުނި ގޮތުގައި ސަރުކާރަކުން ގާނޫނާ ގަވައިދާ ޚިލާފަށް ކުރާ އަމަލެއްގެ ސަބަބުން ރައްޔިތުންނަށް އޭގެ އަސަރު ކުރުމަކީ ކަން ހިނގަންވާނެ މަގެއް ނޫނެވެ. އެ ކަމުގެ ޒިންމާ އުފުލަންވާނީ މަސްއޫލިއްޔަތު އަދައިކުރަން ގާނޫނީ ބާރު ލިބިދީފައި ތިބި ވެރިންނެވެ. ސަބަބަކީ އެ މީހުން ގާނޫނާ ޚިލާފުކަން ގަސްދުގައި އެނގި ތިބެ ކުރާ އަމަލަކުން ރައްޔިތުންނަށް ބޮޑު ނިކަމެތިކަމަކާ ކުރިމަތިލާން ޖެހޭތީއެވެ.

ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ސަރުކާރުން އާންމުކުރި ފްލެޓު ލިބޭ މީހުންގެ ލިސްޓު ބާތިލްކުރުމަށް ގޮވައިލައި އާންމު ރައްޔިތުން އިހުތިޖާޖުކުރުން -- ފޮޓޯ/ ސޯޝަލް މީޑިއާ

"މިނިސްޓްރީގައި އަޅުގަނޑުމެން ލައްވާ ސޮއިކުރުވި ބޭފުޅުންނަކަށް ނޫންތޯ އަދަބު ދޭންވީ. ކީއްވެގެންތޯ އަޅުގަނޑުމެންނާ ހަވާލުކުރި ގާނޫނީ ލިޔުން ބާތިލުވާންވީ،" އޭނާގެ ޝުއޫރު ހިއްސާކުރަމުން ކިޔައިދިނެވެ.

މި ކަމަށް ހައްލު ގެނައުމަކީ ކުރަންޖެހިފައި އޮތް މުހިންމު ކަމެކެވެ. ކޮންމެ ފަހަރަކު ސަރުކާރު ބަދަލުވާއިރަށް ރައްޔިތުންނާ ގުޅުންހުރި މިފަދަ މުހިންމު ކަންކަމުގައި ރައްޔިތުންނަށް ގެއްލުން ނުދައްކާނެހެން ކަންކަން ތަރުތީބު ކުރެވެންޖެހެއެވެ.

ސިޔާސީ ގޮތުން ތަފާތު ފިކުރެއްގެ ސަރުކާރަކުން ނިންމައިފައި ހުރި ބޮޑެތި ނިންމުންތައް ބަދަލުކުރާއިރު އޭގެ ސަބަބުން ރައްޔިތުން އުފުލަންޖެހޭނެ ތަކުލީފާމެދު ވިސްނަންޖެހެއެވެ. އަދި އަވަސް އަރުވައިލައިގެން، އިންތިޚާބުތަކާ ދިމާކޮށް އެ ފަދަ ކަންކަން ނުކުރެވޭނެހެން ސާފުކޮށް ބަޔާންކޮށްފައި ވެސް އޮންނަންޖެހެއެވެ.

comment ކޮމެންޓް