ޓްރެވަލާ ޑިކްލެރޭޝަން ފޯމް ދިވެހިން ފުރަން ނުޖެހޭ ގޮތް ހަދައިފި

ޖުލައި 15، 2020: ކޮވިޑް19އާ ގުޅިގެން ތިން މަހަށްވުރެ ގިނަ ދުވަހަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ބޭރަށް ދަތުރުކުރާ އަދި ރާއްޖެ އަންނަ ދިވެހިން، ޓްރެވެލާ ޑިކްލެރޭޝަން ފޯމް މީގެ ފަހުން ފުރަން ނުޖެހޭނެކަމަށް އިމިގްރޭޝަނުން ކަނޑައަޅައިފިއެވެ.

މި ނިންމުން ނިންމެވީ އިމިގްރޭޝަން ކޮންޓްރޯލަރު މުޙައްމަދު ޝަމާން ވަހީދެވެ. އިމިގްރޭޝަނުން ބުނީ މި ނިންމުން ނިންމެވުމުގެ ބޭނުމަކީ ދަތުރުފަތުރުކުރުމުގައި ދިވެހިންނަށް ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުންކަމަށެވެ.

ރާއްޖޭގައި ޓްރެވަލް ޑިކްލެރޭޝަން ފޯމު ތައާރަފްކުރީ ކޮވިޑުގެ ހާލަތާ ގުޅިގެންނެވެ. އޭރު މި ފޯމް އިމިގްރޭޝަންގެ 'އިމުގަ' މެދުވެރިކޮށް ފުރަން ޖެހެއެވެ. އެ ފޯމުގައި ދަތުރުކުރާ މީހާގެ ޒާތީ ގިނަ މައުލޫމާތުތަކެއް ހިމަނަން ޖެހެއެވެ.

މިއީ ބޭރު ގައުމުތަކުގައި ވެސް އެ ދުވަސްވަރު ކުރި ކަމެކެވެ. ނަމަވެސް ކޮވިޑުގެ ހާލަތު ކޮންޓްރޯލްވުމާއެކު ބޭރުގެ ގިނަ ގައުމުތަކުން އެ ކަން ނިމުމަކަށް ގެެނެސްފައިވެއެވެ.

އޭރު ވެސް ގިނަ ދިވެހިން އައީ އެ ފޯމު ފުރަން ޖެހުން ތަކުލީފެއްގެ ގޮތުގައި ފާހަގަކުރަމުންނެވެ.

comment ކޮމެންޓް