އެމްއެމްޕީއާރްސީ ރީބްރޭންޑް ކުރަނީ

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ނޫސްވރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ-- ފޮޓޯ/ ރައީސް އޮފީސް

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އެއްކޮށް ރީބްރޭންޑް ކުރަން ނިންމާފައިވާ ކަމަށާއި އެކަން ކުރުމަކީ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަރަށް ބޮޑަށް ބޭނުންފުޅުވެއްލައްވާ ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަން ސިންދަފާތުކުރުމަށް މި ސަރުކާރުން އަލަށް އުފެއްދި 'ވިޒިޓާ އިކޮނޮމިކް ކައުންސިލުން' މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ފައިސަލް ވިދާޅުވީ، ފަތުރުވެރިކަން ކުރިއަރުވަން ކައުންސިލެއް އެކުލަވައިލި ނަމަވެސް، އެ ކައުންސިލާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް މައިގަނޑު ގޮތެއްގައި ކުރަމުންދާނީ މިހާރު ވެސް އެ މަސްއޫލިއްޔަތު އަދާކުރަމުންދާ އެމްއެމްޕީއާރުސީން ކަމަށެވެ.

"ރައީސް މުއިއްޒު ވަރަށް ބޭނުންފުޅުވޭ އެމްއެމްޕީއާރްސީ ރީބްރޭންޑް ކުރުމަށް. މިހާރު އަޅުގަނޑުމެން އެތަނަށް އެމްޑީން އެސައިން ކުރެވުނީމަ އެ މަސައްކަތް ވެސް ފަށައިގަންނާނަން،" މިނިސްޓަރު ފައިސަލް ވިދާޅުވިއެވެ.

އެ މަސައްކަތް ވަރަށް ތަފާތުކޮށް ބާރު ސްޕީޑުގައި ކުރިއަށް ގެންދާނެކަން ފާހަގަކުރައްވަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ، މިހާރު ހުރި މާކެޓުތަކަށް ފޯކަސް ކުރުމުގެ ބަދަލުގައި އިތުރު މާކެޓުތައް ހޯދައި، ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރަމުން ދާނެ ކަމަށެވެ.

ފައިސަލް ވިދާޅުވި ގޮތުގައި އެ ކައުންސިލްގެ ބައްދަލުވުންތައް ކޮންމެ ދުވަހަކު ބޭއްވުމުގެ ބަދަލުގައި ދުރާލާ ރާވައިގެން ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތު ކުރުމަށްޓަކައި ސިޔާސަތުތައް އެކުލަވައިލަމުން ދާނެއެވެ.

ފަތުރުވެރިކަން ސިންދަފާތު ކުރަން އަލަށް އުފެއްދި ކައުންސިލް ޗެއާކުރައްވަނީ ރައީސް މުއިއްޒެވެ. ކޯ ޗެއާކަން ކުރައްވާ ބޭފުޅުންނަކީ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއެވެ.

އެ ކައުންސިލްގެ އަމާޒަކީ ފަތުރުވެރިކަން ކުރިއަރުވައި ސިންދަފާތު ކުރުމެވެ.

ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދައުރު ނިމިގެން ދިޔައީ އެމްއެމްޕީއާރްސީ ބޮޑު ޚިޔާނާތުގެ މައްސަލަ ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެކު އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ވެސް މައާފު ދެއްވައިގެންނެވެ. އެ ދެ މީހުންނަށް ރައީސް ޞާލިހް މައާފު ދެއްވީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުންނެވެ.

ހިޔާނާތާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ރިޔާސީ އިންތިޚާބު އިދިކޮޅު ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމަށް ފަހު އެމަނިކުފާނުގެ އެދިވަޑައިގަތުމަށް ރައީސް ޞާލިޙް ވަނީ ޔާމީން ގެއަށް ބަދަލު ކުރައްވާފައެވެ. ނަމަވެސް އަދިވެސް ކުށް ސާބިތުވެފައި ވާތީ މިނިވަނެއް ނުވެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަކީ ދުނިޔޭގެ ސަމާލުކަމަށް އައި މައްސަލައެކެވެ. އެ މައްސަލައާ ގުޅޭގޮތުން އަލް ޖަޒީރާ ނޫހުން ތަފްސީލީ ޑޮކިއުމެންޓްރީ އެއްވެސް ގެނެސް ދިނެވެ.

comment ކޮމެންޓް