އާޝާ އާއި ޝަރަފުގެ މީ އިޝްގުގެ ޝޫޓިން ނިންމާލައިފި

މީ އިޝްގުގެ ޝޫޓިންގެ ތެރެއިން މަންޒަރެއް

ޝަރަފް އަބްދުﷲ އާއި އައިމިނަތު ރަޝްފާ (އާޝާ) ލީޑުން ފެނުމަށް ހަމަޖެހިފައިވާ ލޯބީގެ ޑްރާމާ ފިލްމު "މީ އިޝްގު"ގެ ޝޫޓިން ނިންމާލައިފިއެވެ.

އަޒްހާން އިބްރާހީމް ޑައިރެކްޓު ކުރާ މި ލޯބީގެ ފިލްމު އިއުލާނުކޮށް ފިލްމުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އެއަށްފަހު ފިލްމުގެ ގިނަ މަސައްކަތްތަކެއް ކުރަމުން ގޮސް ފިލްމުގެ ޝޫޓިން ވަނީ މިދިޔަ ހުކުރު ދުވަހު ނިންމާލާފައެވެ.

މި އަހަރުގެ މެއި މަހުން ފެށިގެން ފިލްމުގެ ޝޫޓިން ކުރިއަށް ގެންގޮސްފައިވާއިރު އެންމެފަހުން ޝޫޓިން ނިންމާލާފައިވަނީ މުޅި ޓީމު ވެސް ވަރަށް ހިތް ހަމަ ޖެހިލައިގެންނެވެ.

މި ފިލްމަކީ އާޝާ އާއި ޝަރަފު އެކީގައި މަސައްކަތް ކުރާ ތިންވަނަ ޕްރޮޖެކްޓެވެ. އަދި ޖޯޑެއްގެ ގޮތުގައި ދެމީހުން ފެނިގެންދާ މިއީ ދެވަނަ ފަހަރެވެ. މީގެ ކުރީން އުފައްދާފައިވާ ވެބް ސީރީޒް އެއް ކަމަށްވާ "ހިނދުކޮޅެއް"ގައި ވެސް ދެމީހުން ވަނީ ޖޯޑެއްގެ ގޮތުގައި ފެނިގެން ގޮސްފައެވެ.

މިއީ އަޒްހާން ޑައިރެކްޓު ކުރާ ފުރަތަމަ ފިލްމެވެ.

މި ފިލްމުގެ ވާހަކައާ ގުޅޭގޮތުން މާ ގިނަ ވާހަކަތަކެއް ހިއްސާކޮށްފައެއް ނުވެއެވެ. ނަމަވެސް ލީޑުން ފެންނަ ދެމީހުންގެ މެދުގައި ވަރުގަދަ ލޯތްބެއް އޮންނާނެ ކަމަށާއި މި ފިލްމަކީ އަސަރުގަދަ ފިލްމަކަށް ވާނެ ކަމަށް ވަނީ އިޝާރާތްތަކެއް ކޮށްފައެވެ.

އަޒްހާން ބުނާގޮތުގައި މި ފިލްމަކީ އާއިލާއެކު ގޮސް އެންމެންނަށް ވެސް ބަލާލެވޭނެ ފިލްމެކެވެ. އަދި ދިވެހި އޯޑިއެންސްއާ ގުޅޭ ތީމުތައް މި ފިލްމުން ފެންނާނެ ކަމަށް ވެސް އޭނާ ބުނެއެވެ.

ފިލްމުގެ އިތުރު ރޯލުތަކުން ފެންނާނެ އިތުރު އެކްޓަރުންތައް އާންމުކޮށްފައި ނުވި ނަމަވެސް ބައެއް އިންފްލުއެންސަރުން ފިލްމުން ފެންނާނެ ކަމަށް ޝޫޓިންގެ ބައެއް މަންޒަރުތަކުން ފެނިގެން ގޮސްފައިވެއެވެ. މި ފިލްމު އަންނަ އަހަރު ރިލީޒު ކުރުމަށް ތައްޔާރު ވަމުން އަންނަ އިރު އަދި ފިލްމު ރިލީޒް ކުރާނެ ސީދާ ތާރީހެއް ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް