މި ސަރުކާރަކީ ރައީސް ވަހީދުގެ ސަރުކާރެއް: ރޮޒެއިނާ

ރާއްޖޭގައި މިހާރު މިއޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރެއް ކަމަށާއި މިސަރުކާރަށް ޑީއާރްޕީގެ ތާއީދު އޮތް ކަމަށް ޑީއާރްޕީގެ ކައުންސިލް މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒެއިނާ މިހެން ވިދާޅުވީ ރާއްޖޭގައި މިހާރު ވެސް އޮންނަން ޖެހޭނީ އެމްޑީޕީގެ ސަރުކާރެއް ކަމަށް ވިދާޅުވެ އެޕާޓީގެ ކައުންސިލް މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ބައެއް މީޑިއާތަކުގައި ވިދާޅުވެފައިވާ ވާހަކަތަކާ ގުޅިގެން ސަން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރޮޒެއިނާ ވިދާޅުވީ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމުން ދެން އުފެދިގެން އަންނަ ސަރުކާރަކީ ވެރިކަމަށް ވަޑައިގެންނަވާ ބޭފުޅަކު ނިސްބަތްވާ ޕާޓީއެެއް ކަމަށް ގަބޫލް ކުރައްވާ ކަމަށާއި ޑީއާރްޕީ އޮތީ ރައީސް ވަހީދުގެ ސަރުކާރާ އެކީގައި ކަމަށެވެ. ނަމަވެސް ރައީސް ވަހީދު ސަރުކާރުން ވެސް ޑީއާރްޕީ ހިތްހަމަނު ޖެހޭ ކަމެއް ކުރާ ނަމަ ނުވަތަ ހިތްހަމަނުޖެހޭ ޕޮލިޒީސްތަކަކަށް ތާއީދު ނުކުރަން ޕާޓީން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ރައީސް ކަމުގައި ކޮންމެ ޕާޓީއެއްގެ ބޭފުޅަކު ހުންނެވި ނަމަވެސް އޮންނާނީ އެބޭފުޅަކު ނިސްބަތްވާ ޕާޓީގެ ސަރުކާރެއް. ރައީސް ވަހީދު ބޭނުންފުޅުވެލެއްވީ ޔުނިޓަރީ ސަރުކާރެއް އޮތުމަށް. އެހެންވެ، މިހާރު މިއޮތީ ޑރ. ވަހީދު ސަރުކާރެއް. ޑީއާރްޕީގެ ތާއީދު އެބަ އޮތް މިސަރުކާރަށް. ނަމަވެސް މިސަރުކާރުން ވެސް ޑީއާރްޕީން ހިތްހަމަނުޖެހޭ ކަމެއް ކުރާ ނަމަ ޑީއާރްޕީން އެކަމަށް ޑީއާރްޕީން ތާއީދެއް ނުކުރާނަން،" ރޮޒެއިނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވެފައި ވަނީ ރައީސް ނަޝީދު އިސްތިއުފާ ދެއްވި ނަމަވެސް ރާއްޖޭގައި އޮންނަން ޖެހޭނީ އެމްޑީޕީގެ ސަރުކާރެއް ކަމަށާއި ރައީސް ވަހީދުއަށް މުޅިން އާ ކެބިނެޓެއް ގެނެވޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

ރޮޒެއިނާ އަދި ވިދާޅުވީ މިސަރުކާރަކީ ރައީސް ވަހީދުގެ ސަރުކާރެއް ކަމުގައިވާއިރު މިސަރުކާރުގެ ކެބިނެޓް ރައީސް ވަހީދަށް އެކުލަވާލެއްވޭނެ ކަމަށް ދެކެވަޑައިގެންނަވާ ކަމަށެވެ. އަދި ޑީއާރްޕީން މިސަރުކާރާ އެކު ކުރިއަށް ދިއުމަށް ނިންމީ ޕާޓީގެ ކައުންސިލުން ކަމަށާއި ޑީއާރްޕީގެ އެނިންމުމާ ދެކޮޅު ހިޔާލުގެ ބޭފުޅުން ވެސް ކައުންސިލްގައި ހިމެނިވަޑައިގެންނަވާ ކަމަށެވެ.

"ރައީސް ވަހީދުގެ ސަރުކާރާ އެކު ކުރިއަށް ދިއުމަށް ޑީއާރުޕީން ނިންމީ އެ ޕާޓީ އަށް ސިޔާސީ ގޮތުން އެންމެ މުހިންމީ މިވަގުތު އެގޮތް ކަމުގައިވާތީ،" ރޮޒެއިނާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު