އިންކުއަރީ ކޮމިޝަން ފަސް މެންބަރުންގެ މައްޗަށް ފުޅާ ކުރުމަށް ސަރުކާރުން ނިންމައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރި ގޮތް ބެލުމަށް ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެކުލަވާލެއްވި ނޭޝަނަލް އިންކުއަރީ ކޮމިޝަން ފަސް މެންބަރުންގެ ކޮމިޝަނަކަށް ހަދައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މަންދޫބަކު އެކޮމިޝަނުގައި ހިމެނުމަށް ސަރުކާރުން އެއްބަސްވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ދައުލަތުގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ތިން މެންބަރުންގެ މައްޗަށް އެކުލަވާލެވިފައިވާ އިންކުއަރީ ކޮމިޝަން ފަސް މެންބަރުންނަށް ބަދަލުކުރީ ކޮމަންވެލްތުގެ ފަރާތުން ރާއްޖޭގެ މަޝްރަހު ދިރާސާ ކުރުމަށް އައްޔަން ކުރައްވާފައިވާ ސާ ޑޮން މެކިނަން އާއި ސަރުކާރާއި މެދު ދެކެވުނު އެއްބަސްވުމުގެ މަތިން ކަމަށެވެ.

ބަންޑާރަ ނައިބު ވިދާޅުވީ އިންކުއަރީ ކޮމިޝަން ބައްޓަން ވެގެންދަނީ ފަސް މެންބަރުންގެ މައްޗަށް ކަމަށާއި އެގޮތުން މިހާރު ވެސް އެކޮމިޝަނަށް ރައީސް ވަހީދު އައްޔަން ކުރައްވާފައިވާ ތިން މެންބަރުންގެ އިތުރުން ކުރީގެ ރައީސް ނަޝީދުގެ ފަރާތްޕުޅުން އައްޔަން ކުރައްވާ ބޭފުޅާކާއި ސިންގަޕޫރުގެ ރިޓަޔާރޑް ފަނޑިޔާރެއް ހިމެނޭނެ ކަމަށެވެ.

"މިހާރު އެއްބަސްވެފައި ވާނީ ކޮމިޝަނުގެ ކޯޗެއާއަށާއި ރިޔާސަތުގައި ދެ ބޭފުޅުން ތިއްބަވާ ގޮތައް އޭގެ ތެރެއިން އިންކުއަރީ ކޮމިޝަނުގައި މިހާރުތިއްބަވާ ތިން ބޭފުޅުންގެ އިތުރުން ކޯޗެއާއަކަށް އިތުރު ބޭފުޅަކު ގެނައުމަށާއި އިތުރު މެންބަރަކު އިތުރުކުރުމަށް. އެގޮތުން ރިޔާސަތުގައި ތިއްބަވާ ދެމެންބަރުންގެ ތެރެއިން އެއްމެންބަރަކީ ސިންގަޕޫރުގައި ފަނޑިޔާރުކަން ކުރައްވާ ރިޓަޔާ ކުރައްވާ ފައިވާ ބޭފުޅަކު. ދެވަނަ ބޭފުޅަކީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުށައަޅުއްވާ އަދި ވަކި ޝަރުތު ތަކެއް ކަނޑައެޅިފައިވާ ބަޔަކުކަމުގައި ވާންވާނެ ކަމަށް އެއްބަސްވެވުނު،" އާޒިމާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ ރައީސް ނަޝީދުގެ ފަރާތުން ކޮމިޝަނަށް އައްޔަން ކުރައްވާ މެންބަރެއްގެ ޝަރުތަކީ ވޭތުވެ ދިޔަ ދެ އަހަރު ތެރޭގައި ސިޔާސީ ހަރަކާތްތެރިއަކަށް ނުވުމާއި ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން ޕަބްލިކު ސްޓޭންޑެއް ނަގަވައފައި ނުވާ ބޭފުޅަކަށް ވުމާއި މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅެއް ކަމަށް ވުން ޝަރުތު ކުރައްވާފައިވާ ކަމަށެވެ.

ރައީސް ނަޝީދު ފަރާތްޕުޅުން ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރަން ވަރަށް ގިނަ ބޭފުޅުންގެ ނަންތަކެއް ހުށައެޅުނު ކަމަށާއި އެގޮތުން ކެބިނެޓްގައި ހިމެނުނު ބޭފުޅުންނާއި ތިމާގެ ބޭފުޅުންގެ ނަންތަކާއި މުޒާހަރާތަކަށް ނުކުމެ އެކްޓިވިސްޓުންގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ ނަންތައް ވެސް ހުށައެޅި ކަމަށެވެ. ނަމަވެސް އެފަރާތަކީ ވަކިފަރާތަކަށް ނުޖެހޭ ބޭފުޅަކު އަންޔަން ކުރަން ޖެހޭކަމަށް ގަބޫލް ކުރެވޭތީ ނަޝީދު ހުށައެޅި ނަންތަކާއި މެދު ސަރުކާރަށް އެއްބަސް ނުވެވޭތީ އަލުން މެންބަރެއްގެ ނަން ހުށައެޅުމަށް ދެ ހަފްތާގެ މުއްދަތެއް ދެއްވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ދެ ހަފްތާގެ މުއްދަތަކަށް އެ މުއްދަތު ހުޅުވާލާފައި ބޭއްވުމަށް ފަހު ނަން ހުށަ ނޭޅިއްޖެ ކަމަށް ވާނަ ގާނޫނީ ވަކީލަކު ކޮމިޝަނުގައި ހިމަނައިގެން ކުރިއަށް ގެން ދިއުމަށް ވަނީ ސާ ޑޮން އާއި ވާހަކަ ދެކެވިފައި. ނަޝީދުގެ ފަރާތުން ހުށައެޅި ނުވަނަމެއް،"

އެ ބޭފުޅުންނަކީ މައްޗަން ގޯޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ އާއި ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ކުރީގެ ޔޫތު މިނިސްޓަރު ހަސަން ލަތީފާއި ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދާއި ކުރީގެ ޖޭއެސްސީގެ މެންބަރު އާއިޝަތު ވެލެޒިނީ އާއި ހުދާ އަހުމަދާއި އެމްއެންއެސްލްއެލްގެ ބޯޑް މެންބަރު އިބުރާހިމް ސަލީމާއި ފަރީޝާ އަބުދުﷲ އެވެ.

އާޒިމާ ވިދާޅުވީ އިންކުއަރީ ކޮމިޝަނުގެ މެންބަރުންގެ އަދަދު އިތުރު ކުރި ނަމަވެސް މީގެކުރިން އިންކުއަރީ ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަށް އަލަށް އައްޔަންކުރައްވާ ބޭފުޅުންނާ އެކު ކުރިއަށް ގެންދާނެ ކަމަށާއި ކޮމިޝަނުގެ މުއްދަތު ސަރުކާރުން އިތުރު ކުރާނެ ކަމަށެވެ.

މީގެކުރިން އިންކުއަރި ކޮމިޝަނުގެ މަސައްކަތް ނިންމާލަން ހުށައަޅާފައި ވަނީ މިމަހުގެ ނިޔަލަށެވެ. އިންކުއަރީ ކޮމިޝަނަށް އަލުން ދެ މެންބަރަކު ސަރުކާރުން އިތުރު މިކުރީ އެކޮމިޝަނަކީ މިނިވަން ކޮމިޝަނެއް ނޫން ކަމަށް ކޮމަންވެލްތު މިނިސްޓްރީއަލް އެކްޝަން ގުރޫޕް (ސީމެގުން) ބުނެ އެކޮމިޝަން މިނިވަން ކޮމިޝަނަކަށް ހެދުމަށް ދީފައިވާ މުއްދަތު މާދަމާ އަށް ހަމަވަނިކޮށެވެ. ސީމެގުގެ ބަޔާނުގައި ބުނެފައި ވަނީ އެ ކޮމިޝަނަކީ މިނިވަން ކޮމިޝަނަކަށް ނުހަދައިފި ނަމަ ކޮމަންވެލްތުން ރާއްޖެއާ މެދު ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު