އިސްރާއީލުގެ ޖާސޫސިއްޔާއަށް އެހީތެރިވި މީހަކު ދަންޖައްސައިފި

އިސްރާއީލުގެ ޖާސޫސިއްޔާއަށް އެހީތެރިވުމުގެ ގޮތުން، މީގެ 2 އަހަރު ކުރީން ތެހެރާނުގައި އީރާނުގެ ނިއުކުލިއަރ ސައިންސްވެރިއަކު އަވަހާރަކޮށްލިކަމުގެ ކުށް ސާބިތުވުމާ ގުޅިގެން މީހަކު ދަންޖައްސައިފި ކަމަށް އީރާނުގެ ދައުލަތުގެ މީޑިޔާއިން ހާމަކޮށްފިއެވެ.

އުމުރުން 24 އަހަރުގެ މާޖިދު ޖަމާލީ ފާޝީގެ މައްޗަށް ސާބިތުވެފައިވަނީ 2010 ވަނަ އަހަރުގެ ޖަނަވަރީ މަހު، ޕްރޮފެސަރ މަސްޢޫދު ޢަލީ މުޙައްމަދީގެ ގެކޮޅުގެ ބޭރުގައި ބޮމެއް ހަރުކޮށްގެން އޭނާ އަވަހާރަކޮށްލި ކަމުގެ ކުށެވެ. އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާދަށް ޖާސޫސްކޮށް ދިނުމާއި، ނިއުކުލިޔަރ ސައިންސްވެރިޔާ އަވަހާރަކޮށް ދިނުމުގެ އަގެއްގެ ގޮތުން އިސްރާއީލުން 120000 (އެއްލައްކަ ވިހި ހާސް) ޑޮލަރު ހޯދައިފައިވާ ކަމަށް ވެސް މާޖިދު ފާޝީގެ މައްޗަށް ވަނީ ތުހުމަތު ކުރެވިފައެވެ.

މިފަދަ ތުހުމަތުތަކާ ގުޅިގެން އިސްރާއީލުން އާންމުކޮށް މީޑިޔާގައި ވާހަކަދައްކައި ހަދައެއް ނޫޅެއެވެ.

"އިސްރާއީލުގެ ޖާސޫސިއްޔާގެ އޭޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވެ، ގައުމަށް ޚިޔާނާތްތެރިވެ، ގައުމުގެ ހިދުމަތްތެރި ސައިންސްވެރިއެއް ކަމުގައިވާ ޕްރޮފެސަރ މަސްޢޫދު ޢަލީ މުޙައްމަދީ ޝަހީދުކޮށްލި ޚާއިނުގެ މައްޗަށް ކުށް ސާބިތުވުމާ ގުޅިގެން އަންގާރަ ދުވަހު (މިއަދު) އޭނާ ދަންޖައްސައިފި" ކަމަށް އީރާނުގެ ރަސްމީ ނޫސް އެޖެންސީ އިރްނާއިން ބުނެއެވެ.

ފާޝީވަނީ އިސްރާއީލަށް އޭނާ ޖާސޫސްކޮށްދިން ކަމަށާއި، ޕްރޮފެސަރ އަވަހާރަކޮށްލިކަމަށް، އިއުތިރާފުވެ އީރާނުގެ ޓީވީ މެދުވެރިކޮށް ވާހަކަ ދައްކައިފައެވެ. މީހުން މެރުމާއި، ގައުމަށް ހިޔާނާތްތެރިވެ ގައުމާ ދެކޮޅަށް ޣައިރު މުސްލިމުންނަށް ޖާސޫސްކޮށްދިނުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަކީ އީރާނުގައި މަރުގެ އަދަބު ދެވޭ ކުށްކުށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު