ތުނބުޅި ބޭލުމަށް އަމުރު ކުރުމަކީ ދީނުގައި ހުއްދަ ކަމެއް ނޫން: ސަލަފް

ފިރިހެނުންގެ ތުނބުޅި ބޭލުމަކީ އިސްލާމްދީނުގައި ހަރާމް ކަމެއް ކަމަށާއި ތުބުޅި ބެހެއްޓުމާ ދެކޮޅަށް އެއްވެސް ފަރާތަކުން އަމުރުކޮށް މަޖުބޫރުކުރުމަކީ އެއްވެސް ހާލެއްގައި ދީނުގައި ހުއްދަ ކަމެއް ނޫން ކަމަށް ޖަމިއްޔަތުއްސަލަފުން ބުނެފި އެވެ.

ސަލަފުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، މިފަދަ ބަޔާނެއް ނެރެން ޖެހުނީ ސިފައިންނާއި ފުލުހުންގެ ގަވާއިދުގައި ތުނބުޅި ބޭލުމަށް އަމުރުކޮށްފައިވާ އިރު އެކަމުގައި ދީނުގައި އޮތް ހުކުމް ބަލައިދިނުމަށް އެދި ސިފައިންނާއި ފުލުހުންގެ އިތުރުން އެނޫންވެސް އެހެން ބައެއް މުއައްސަސާތަކުގެ އެކިއެކި ފަރުދުން އެދިފައިވާ ކަމަށެވެ. އަދި ދީނުގައި އެކަން އޮތް ގޮތް އެ ފަރާތްތަކަށް ބައެއް ފަރާތްތަކުން އޮޅުވާލަމުން ގެންދާ ކަމަށް ބުނެ އެކަމުގެ ޝަކުވާ އެ ޖަމިއްޔާ އަށް ހުށަހަޅާފައިވާ ކަމަށެވެ.

"ފިރިހެނުން ތުނބުޅި ބޭލުމަކީ އިސްލާމްދީނުގައި ހަރާމްކަމެއް ކަމަށް އުންމަތުގެ އިލްމުވެރިން ބަޔާންކުރައްވާފައިވާ އިރު އެކަމަށް އެއްވެސް ފަރާތަކުން އަމުރުކޮށް މަޖުބޫރުކުރުވުމީ އެއްވެސް ހާލެއްގައި ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެއީ ކަނޑައެޅިގެން މާތް ﷲ ވަހީއާއިގެން މިއުއްމަތަށް ކައުކުރެއްވި މާތް ނަބިއްޔާގެ އަމުރުފުޅުގެ މައްޗަށް އަމުރުކޮށް އެކަލޭގެފާނަށް އުރެދުން ކަމުގައި މެނުވީ ނުވާ ހުއްޓެވެ،" ސަލަފްގެ ބަޔާނުގައިވެ އެވެ.

ސަލަގުގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ތުނބުޅި ބޭލުމަށް އެއްވެސް ގާނޫނަކުން އަދި ގަވާއިދަކުން ވެސް އަމުރުކުރާ މާއްދާއަކީ ރާއްޖޭގެ ގާނޫނު އަސާސީ އާއި އިސްލާމީ ޝަރީއަތާ ފުށުއަރާ ކަމެކެވެ. އަދި ގާނޫނު އަސާސީ އާއި އިސްލާމީ ޝަރީއަތާ ފުށުއަރާ އެއްވެސް ގަވާއިދެއް ނުވަތަ ގާނޫނަކީ ބާތިލް އެއްޗެއް ކަމުގައިވާ އިރު ގާނޫނު އަސާސީ އާއި އިސްލާމީ ޝަރީޢަތުން ބަޔާންކޮށްފައިނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ގާނޫނު އަސާސީ ލިބިދީފައިވާކަން އެ ޖަމިއްޔާ އިން ވަނީ ފާހަގަކޮށްފަ އެވެ.

ފިރިހެނުންނަށް ތުނބުޅި ބެހެއްޓުމާ ގުޅޭ ގޮތުން ސަލަފުން ބަޔާނެއް ނެރެފައިވާ އިރު ސިފައިންނާއި ފުލުހުންނަށް ތުނބުޅި ބެހެއްޓޭ ގޮތަށް އެ ދެ މުއައްސަސާގެ ގަވާއިދު އިސްލާހު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހަޅުއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ސައިހް ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު