މަހާރާޝްތުރަ ސްޓޭޓްގެ ގަވަރުނަރާއި ޗީފް މިނިސްޓަރާ ރައީސް ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިންޑިޔާގެ މަހާރާޝްތުރަ ސްޓޭޓްގެ ގަވަރުނަރު ކަތީކަލް ޝަންކަރަ ނަރަޔާނަންއާ އެ ސްޓޭޓްގެ ޗީފް މިނިސްޓަރު ޕްރިތްވިރާޖް ޗަވަންއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ވަހީދު ދެއްކެވި ވާހަކަފުޅުގައި، އެ ސްޓޭޓަށް ޚާއްޞަކޮށް، މުމްބާއީއަށް ރާއްޖޭގެ ޓޫރިޒަމް ޙިއްޞާ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި މުމްބާއިއާއި ރާއްޖެއާ ދެމެދު އަލުން ސީދާ ފްލައިޓްތައް ފެށުމާ ގުޅޭ ގޮތުންނާއި، މަސްވެރިކަމާއި، މީޓިއޮރޮލޮޖީއާއި، އޯޝަން ޓެކްނޯލޮޖީގެ ދާއިރާއިން މަހާރާޝްތުރާގައި ތަރައްޤީވެފައި ހުރި ޚިދްމަތްތަކާއި ކަންކަން ރާއްޖެއަށް ތަޢާރުފް ކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

މިބައްދަލުކުރެއްވުމުގައި ޗީފް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، މިކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވައި، ގުޅުން ބަދަހިކުރެއްވުމަށް ރާއްޖޭގެ އިޖްތިމާޢީ އަދި މާލީ އިދާރާތަކުގެ މަތީ ފެންވަރުގެ ވަފްދެއް މުމްބާއިއަށް ފޮނުއްވައިދެއްވުމަށް އެދިވަޑައިގެންނެވި އެވެ. އަދި ރާއްޖޭގެ ވަފްދު މުމްބާއިއަށް ޒިޔާރަތް ކުރުމުގެ ކުރިން، މުމްބާއިގައި ހުންނަ ރާއްޖޭގެ އޮނަރަރީ ކޮންސަލްގެ އޮފީހުގެ ތެރެއިން މިހާރުން މިހާރަށް ކުރަންޖެހޭ މަސައްކަތްތައް ފަށަން ވެސް ނިންމެވިއެވެ.

މި ބައްދަލުކުރެއްވުމުގައި މުމްބާއިގެ އިންވެސްޓަރުން ރާއްޖެއަށް ދަތުރުކޮށް ދެފަރާތަށް ފައިދާހުރި ކަންކަމުގެ ފުރުސަތު ފަހިކޮށްދެއްވަން މަސައްކަތް ކޮށްދެއްވުމަށް ރައީސް ވަހީދު އެދިވަޑައިގެންނެވިއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު