ސޯޓު ދަށަށް ކޯރާޑިއެއް ޖަހައިގެން ދިޔަ މީހަކު ހަ މަހަށް ޖަލަށް

ސޯޓު ދަށަށް ކޯރާޑީއެއް ޖަހައިގެން ސައިކަލެއްގައި ދިޔަ މީހަކު ހަ މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ މައްސަލައިގައި ހުކުމްކޮށްފައި ވަނީ މާލޭ ދަފްތަރު 01017 ނިޝާތު ނަސީރުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނަނީ މިދިޔަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު މެންދުރު 1:25 އެހާކަންހާއިރު ނިޝާތާއި އިތުރު މީހަކާ އެކު ސައިކަލެއްގައި ތަބުރޭޒީމަގުން އިރުން ހުޅަނގަށް ދުއްވާފައިގޮސް ދެކުނަށް ސިއްތިމާވާ ހިނގުމުން ޕޮލިޓެކްނިކް ކައިރިން ދެކުނުން އުތުރަށް ދުއްވާފައި ދަނިކޮށް ފުލުހުން އެދެ މީހުން ހުއްޓުވައި ބަލައި ފާސްކުރި އިރު ނިޝާތު ލައިގެން ހުރި ސޯޓުބުރި އާއި ހަށިގަނޑާ ދޭތެރެއަށް ކޯރާޑީއެއް ޖަހާފައި ހުރިކަން ނިޝާތު ޝަރީއަތުގައި ދައްކާފައިވާ ވާހަކަތަކުން އެނގޭ ކަމަށެވެ.

އެ ހުކުމްގައި ބުނަނީ އެ ކޯރާޑީއަކީ މަގުމަތިން ހޮވިއެއްޗެއް ކަމަށާއި އެ ކޯރާޑި ގެންދަން އުޅުނީ އޭނާގެ ގެޔަށް ކަމަށް ނިޝާތު ބުނި ނަމަވެސް އެ ކޯރާޑީ ގެންގުޅެފައިވާ ގޮތާއި ވަގުތަށް ބަލާއިރު އެފަދަ އެއްޗެއް ލައިގެން ހުރި އަންނައުނުގެ ތެރެއަށް ލައިގެން އާންމުތަނެއްގައި ނިޝާތު ގެންގުޅެފައި ވާތީ އެއީ ނިޝަތުގެ ކުށުގެ ނިޔަތް އޮތްކަން ދަލީލުކޮށްދޭ ކަމެއް ކަމަށެވެ.

އެހެންކަމުން ބިރުދެއްކުމާއި ނުރައްކާތެރި ތޫނު ހަތިޔާރު ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ނިޝާތުގެ މައްޗަށް ދައުލަތުން ކުޅަ މަގުބޫލު ސަބަބެއްނެތި އާންމުތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާ އެކަށީގެންވާ ޝައްކެއްނެތި ސާބިތުވާތީ އެ ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ ހަ މަހަށް ޖަލަށް ލުމަށް ހުކުމް ކުރީކަމަށް ވެސް އެ ހުކުމްގައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު