އިގްތިސާދު 6.5 ޕަސެންޓުގައި ކުރިއަރާނެ، ނަމަވެސް މާލިއްޔަތު ހަރުދަނާ ކުރަންޖެހޭ: ވޯލްޑް ބޭންކް

29 އޭޕްރީލް 2022، މާލެ، ރޯދަޔަށް ތިން ދުވަސް: މާލޭގެ ބަނދަރުމަތި އާދަޔާހިލާފަށް ބާރުބޮޑު -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މި އަހަރު ރާއްޖޭގެ އިގްތިސާދު 6.5 ޕަސަންޓްގައި ކުރިއެރި ކަމުގައި ވިޔަސް، މާލިއްޔަތު ބަލިކަށި ވެގެންދާނެ ކަމުގެ ބިރު އޮތުމުން؛ ހަރުދަނާ މާލީ ފިޔަވަޅުތައް އަވަހަށް އަޅަން ޖެހޭކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ވޯލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ ރިޕޯޓުގެ، މިއަހަރުގެ ދެވަނަ އަދަދުގައި ބުނެފައި ވާގޮތުން، މި އަހަރު 6.5 ޕަސެންޓުގައި އިގުތިސާދު ކުރިއެރުމަށް ފަހު، އަންނަ އަހަރާއި ޖެހިގެން އަންނަ އަހަރު އެވްރެޖްކޮށް 5.4 ޕަސެންޓުގައި ކުރިއަރާނެ ކަމަށެވެ.

އެ ރިޕޯޓުގައިވާ ގޮތުން، ދުނިޔޭގައި ތަކެތީގެ އަގު ބޮޑުވުމާއި، ކެޕިޓަލް ހަރަދާއި ސަބްސިޑީއަށް ކުރާ ހޭދަ އިތުރުވުމާއި، ބަޖެޓް ޑެފިސިޓް ފޫބައްދަން މަރުކަޒީ ބޭންކުން ފައިސާ ދޭން ޖެހުމާއި، އިންފްލޭޝަން މަތިވުމާ ގުޅިގެން ރާއްޖޭން ދަނީ މާލީ ގޮންޖެހުންތަކާ ކުރިމަތިލަމުންނެވެ.

މި ގޮންޖެހުންތަކުގެ ސަބަބުން މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްޓަކައި އަވަސް އަދި ހަރުދަނާ މާލީ ފިޔަވަޅުތަކެއް އެޅުމާ އެކު، ޒިންމާދާރު ގޮތެއްގައި ދަރަނި ބެލެހެއްޓުމަށް ވޯލްޑް ބޭންކުން ވަނީ ލަފާދީފައެވެ.

މި ރިޕޯޓްގައި، ޑެފިސިޓް ދަށްވާނެ ކަމަށް ލަފާކޮށްފައި ވީނަމަވެސް، ރާއްޖޭގެ ޖުމްލަ ދަރަނި ޖީޑީޕީގެ ނިސްބަތުން 115 ޕަސެންޓަށް ވުރެ މަތީގައި ހުންނާނެ ކަމަށް ބުނެފައިވެއެވެ.

ސަބްސިޑީ އިސްލާހުތައް ލަފާކުރި ގޮތަށް ތަންފީޒުކުރެވެމުން ނުދާތީ، އަވަސް މުއްދަތެއްގައި މިއަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް ވޯލްޑް ބޭންކުން ބުންޔެވެ. އެގޮތުން، މުހިންމު އިސްލާހުތަކުގެ ތެރޭގައި އާސަންދަ ފަދަ ޕްރޮގްރާމްތައް މުރާޖައާކޮށް، އުމްރާނީ ތަރައްގީގެ އިންވެސްޓްމެންޓުތައް ކުރުމަށް ވަރުގަދަ ޕަބްލިކް އިންވެސްޓްމެންޓް މެނޭޖްމަންޓް ނިޒާމެއް ގާއިމްކުރުން އެ ބޭންކުން ފާހަގަކޮށްފައިވެއެވެ.

އާމްދަނީގެ ދާއިރާއިން، ޓެކްސް ބޭސް ފުޅާކުރުމާއި، ރާއްޖޭގެ އެތެރެއިން އާމްދަނީ ލިބެން ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމާއި، ނުރަސްމީ އިގްތިސާދީ ހަރަކާތްތައް މަދުކުރުމާއި، ޓެކްސްގެ އިންސާފުވެރިކަން އުފެއްދުން ފަދަ ފިޔަވަޅުތަކަށް ވިސްނުން ބަހައްޓަންޖެހޭ ކަމަށް ވެސް ވޯލްޑް ބޭންކުން ބުނެފައިވެއެވެ.

ކޮވިޑްގެ ބަލިމަޑުކަމަށް ފަހު އައި އިގްތިސާދީ ކުރިއެރުން މަޑުޖެހުމާއި، މާލީ ސިޔާސަތު ހަނިކުރުމާއި، މުދަލަށް ދުނިޔޭގެ ބާޒާރުގައި އޮތް ޑިމާންޑް ދަށަށް ދިއުމުގެ ސަބަބުން އިގްތިސާދީ ހަރަކާތްތަކަށް އަސަރުކުރުމާ ގުޅިގެން، އަންނަ އަހަރާއި 2025 ވަނަ އަހަރު ސަރަހައްދީ ކުރިއެރުން 5.6 ޕަސެންޓަށް މަޑުޖެހޭނެ ކަމަށް އެ ރިޕޯޓްގައި ވެއެވެ.

އެ ރިޕޯޓުގައި ވަނީ، ރާއްޖޭގެ އިގްތިސާދީ ހާލާތާމެދު ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، އިގްތިސާދީ ތަސައްވަރު ޖުމުލަކޮއް ރަނގަޅު ކަމަށް ބުނެފައެވެ.

comment ކޮމެންޓް