ސެޕްޓެމްބަރު 30ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުއަށް ތާއީދުކުރަން، އެމްޑީއޭއިން ނިންމުމާ ގުޅިގެން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ޕީޕީއެމްގެ ލީޑަޝިޕުގެ ނަމުގައި އެ ޕާޓީން އެ ކަމަށް މަރުހަބާ ކިޔައިފިއެވެ.
އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުޙައްމަދު ރިޔާސަތުގައި އިންނަވައިގެން ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލްގެ ކުއްލި ބައްދަލުވުމުގައި ނިންމާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ އެކު ހެދި ކޯލިޝަން ރޫޅާލައި، ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒަށް ތާއީދުކުރާށެވެ.
އެމްޑީޕީއާ އެކު އެމްޑީއޭއިން ހަދާފައިވާ ކޯލިޝަން ރޫޅާލައި ޑރ. މުއިއްޒަށް ތާއީދު ކުރަން ހުށަހެޅީ ކައުންސިލް މެންބަރު މުޙައްމަދު އައްބާސްއެވެ. އަދި، އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފުއެވެ. މި ހުށަހެޅުން ފާސްވީ އެމްޑީއޭ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި 35 މެމްބަރުންގެ ތެރެއިން 33 މެމްބަރުންގެ ވޯޓުންނެވެ.
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދު ކުރަން އެމްޑީއޭއިން ނިންމުމާ ގުޅިގެން އެކަން ބަލައިގަނެ މަރުޙަބާ ދެންނެވުމުގެ ގޮތުން ޕީޕީއެމުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޑރ، މުޙައްމަދު މުއިއްޒާއި އެ މަނިކުފާނުގެ ރަނިން މޭޓް ޙުސައިން މުޙައްމަދު ލަޠިފަށް ތާއީދު ކުރަން އެމްޑީއޭ އިން ނިންމި ނިންމުން އެ ކޯލިޝަންގެ އެންމެހާ މެންބަރުން ޝުކުރުވެރިކަމާ އެކު ބަލައިގަންނަ ކަމަށެވެ.
"އެމްޑީއޭއިން މިކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓާއި ރަނިން މޭޓަށް ތާއީދު ކުރަން ނިންމަވާފައިވާތީ، ރައީސް ޔާމީނާއި ޑރ. މުއިއްޒާއި، ރަނިން މޭޓް ހުސައިން މުޙައްމަދު ލަތީފާއި، ކޯލިޝަންގެ ލީޑާޝިޕާއި އާންމު މެންބަރުގެ ފަރާތުން އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމާއި، އެމްޑީއޭގެ ލީޑާޝިޕް އަދި ކައުންސިލާއި އެންމެހާ މެންބަރުންނަށް މަރުޙަބާ ދަންނަވަމެވެ،" ޕީޕީއެމްގެ ބަޔާނުގައިވެއެވެ.
މީގެ ކުރިން ވެސް އެމްޑީއޭއިން ވަނީ ޕީޕީއެމާ އެކު ސިޔާސީ މަސައްކަތް ކޮށްފައެވެ. އެގޮތުން، ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ވެސް އެމްޑީއޭއިން އޮތީ ޕީޕީއެމާ އެކު ކޯލިޝަނެއްގައެވެ.