އިންޑިއާއާ މެދު ނަފުރަތު އުފައްދާ މައްސަލަ ތަހުގީގު ކުރަން ގޮވާލައިފި

އިންޑިއާއިން ރާއްޖެއަށް ކަނޑައެޅި ސަފީރު މުނޫ މަހާވަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙާ އެކު -- ފޮޓޯ/ ރައީސް އޮފީސް

އިންޑިއާއާ ދެކޮޅަށް ފަތުރަމުންދާ ދޮގު ޚަބަރުތަކާއި އުފައްދަމުންދާ ނަފުރަތުގެ މައްސަލަތައް ތަހުގީގު ކުރަން ރާއްޖޭގައި ހުރި އިންޑިއާގެ ހައި ކޮމިޝަނުން ގޮވާލައިފިއެވެ.

އެ ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަންގެ އޮފިޝަލުންނާއި، ރާއްޖޭގައި ސުލްހަވެރިކަމާ އެކު ދިރިއުޅެމުންދާ އިންޑިއާގެ ބިދޭސީންނަށް ފުރައްސާރަކުރުމާއި ބިރުދެއްކުމުގެ މަގުސަދުގައި ދޮގު ރިޕޯޓްތައް ފަތުރަމުންދާކަން އެ ކޮމިޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި އެއީ "ފޭކް ރިޕޯޓުތަކެއް" ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އެ ގައުމާ ދެކޮޅަށް ދޮގު ޚަބަރު ފަތުރަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ރަހުމަތްތެރިކަމުގެ ގުޅުމަށް ނޭދެވޭ އަސަރު ފޯރުކުރުމުގެ މަގްސަދުގައި ކަމަށެވެ. އަދި، އެ ރިޕޯޓުތަކަކީ ދިވެހި ރައްޔިތުންގެ މެދުގައި އިންޑިއާއާ މެދު ނަފުރަތާއި ބިރުވެރިކަމުގެ މާހައުލެއް އުފައްދަން ތައްޔާރުކޮށްފައިވާ ރިޕޯޓްތަކެއް ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އެ ކޮމިޝަނުން ބުނީ، އިންޑިއާއާ ބެހޭ ގޮތުން ފޭކް ރިޕޯޓްތައް ފެތުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށާއި އަދި އެ ކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން ޖެހޭ ކަމަށެވެ.

"ނޫސްވެރިކަމުގެ ނަމުގައި ހަގީގަތާ ހިލާފަށް ދޮގު ޚަބަރު ފަތުރަމުންދާ މިފަދަ މައްސަލަތައް ބަލައިދިނުމަށް ވެސް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލަން،" އިންޑިއާ ހައި ކޮމިޝަނުން ބުންޏެވެ.

އަދި، އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ބިނާވެފައިވަނީ ދެ ގައުމުގެ މެދުގައި އޮންނަ އިތުބާރާއި އިހުތިރާމްގެ މައްޗަށްކަން އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

"އަވަށްޓެރިން ފުރަތަމަ" ސިޔާސަތުގެ ދަށުން އިންޑިއާއިން ވަނީ ރާއްޖެއަށް ހާއްސަ ޖާގައެއް ދީ، ރާއްޖޭގެ ރައްޔިތުންނަށް ވެދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދީފައި ކަމަށް އެ ކޮމިޝަނުން ބުންޏެވެ. ހަމަ އެފަދައިން، ރާއްޖޭގެ އިޤްތިޞާދަށް އެހީތެރިކަން ފޯރުކޮށްދޭ އިންޑިއާގެ ފަންނީ ބޭފުޅުންނާއި، މަސައްކަތްތެރިންނާއި، ފަތުރުވެރިންނަށް ވެސް ރާއްޖޭގައި ހަމަހަމަކަމާއި އޯގާތެރިކަން ލިބިފައިވާކަން އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

އެ ކޮމިޝަނުން މިފަދަ ބަޔާނެއް ނެރެފައި މި ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ބުނަމުންދާ ދަނޑިވަޅެއްގައެވެ. އެކަމާ ދެކޮޅަށް ސަރުކާރާ ދެކޮޅު ސިޔާސީ ޕާޓީތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އިންޑިއާ ސިފައިން ރާއްޖޭގައި ތިބެނީ ސަރުކާރަށް އެނގިގެން ކަމަށާއި އެއީ ރާއްޖޭގެ ސަލާމަތީ ރައްކާތެރިކަމަށް އޮންނަ ނުރައްކަލެއްގެ ގޮތުގައި އެފަރާތްތަކުން ސިފަކުރައްވައެވެ.

އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ އިދިކޮޅުގެ ތުހުމަތުތައް ތަކުރާރުކޮށް ދޮގު ކުރައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވެފައިވަނީ ރާއްޖޭގައި ބޭރު އެއްވެސް ގައުމެއްގެ ސިފައިން އަސްކަރީ އެއްވެސް ކަމެއް ކުރަން ހަރަކާތްތެރިނުވާނެ ކަމަށެވެ.

comment ކޮމެންޓް