ވެރިކަމުގެ ނިޒާމު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް މަޖިލީހުން ފާސްކޮށްފިނަމަ، އެ ވޯޓު އޮކްޓޫބަރު 30ގެ ކުރިން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް އިންތިޚާބުގެ ދެވަނަ ބުރު އައުމުގެ ކުރިން އަންގަވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
މާލޭގެ ގެތަކަށް ދޮރުން ދޮރަށް ހިންގެވުމުގެ ތެރެއިން މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަކަށް ކޯލިޝަން ހެދުމަށް ޑިމޮކްރެޓުން ހުށަހަޅާފައިވާ ފަދައިން، މިމަހު 28ގައި އިންތިޚާބު ބޭއްވުމަކީ ވާނެ ކަމެއް ނޫންކަމަށެވެ.
އިސީން ބުނާ ފަދައިން، އިންތިޚާބަށް ތައްޔާރުވުމަށް މަދުވެގެން 30 ދުވަސް ބޭނުންވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ރިޔާސީ އިންތިހާބުގެ ފަހުން މަޖިލީހުން ވަކި މުއްދަތެއްގައި ނިޒާމީ ވޯޓު ނަގަން ކަނޑައަޅައިފިއްޔާ ދެވަނަ ބުރުގެ ވޯޓު ނެގުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް އެކަން ކުރުމަށް އަޅުގަނޑަށް ރިކުއެސްޓު ކުރެވޭނެ" ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ސީދާ މަޖިލީހުން އީސީއަށް ނިޒާމީ ވޯޓެއް ނެގުމަށް އެންގޭނެ ކަމަށާއި، އެއީ ރައީސްގެ އަތްމަތީގައި އޮންނަ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް، ރައީސް މިއަދު ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ފެންނަ ނުފެންނަ ވޯޓެއް ލެވޭނީ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުން ފާސްކުރުމަށްފަހު، ރައީސްއަށް ތަސްދީގު ކުރަން ފޮނުވުމުން ކަމަށެވެ.
ރައީސް އެހެން ވިދާޅުވީ، މަޖިލީހުގެ ދައުރުގެ މުއްދަތަށް ބަދަލެއް ގެނައުމަށް ސާފު އަގުލަބިއްޔަތެއް ބޭނުންވާނެ ކަމަށް ގާނޫނުއަސާސީގައި އޮންނަ މާއްދާއަށް ރިއާޔަތް ކުރައްވައެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް މަޖިލީހަށް ހުށަހެޅި ގަރާރު ވަނީ މިއަދު މަޖިލީހަށް ބަލައިގެންފައެވެ. އެ ގަރާރު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޑިމޮކްރެޓް މެންބަރު އިލްޔާސް ލަބީބެވެ.