ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ޑިމޮކްރެޓުން ގޮތެއް ނިންމުން ކައިރިވެފައި އޮއްވާ، "އެއް ހަރަކުން ދެފަހަރު ކަށްޓެއް ނުޖެހޭނެ" ކަމަށް އެ ޕާޓީ ލީޑުކުރައްވާ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޑިމޮކްރެޓްސްގެ އިންތިގާލީ ކައުންސިލުގެ ބައްދަލުވުމަށް ދޮޅު ގަޑިއިރެއްހާ އިރަށް ވެފައި އޮއްވާ ނަޝީދު އެހެން ޓްވީޓު ކުރެއްވީ އެމަނިކުފާނުގެ ނުރަސްމީ އެކައުންޓުންނެވެ.
އެ މަޝްވަރާއާ ގުޅޭ ރަސްމީ އެއްވެސް މައުލޫމާތެއް ދެ ޕާޓީއިން ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.
ނަޝީދު މިިހެން ވިދާޅުވިއިރު މަޝްވަރާތަކުގައި އެ ޕާޓީން އެންމެ ކުރިއަށް ނެރެފައިވާ ހުށަހެޅުން ކަމުގައިވާ، ބަރުލަމާނީ ނިޒާމެއް ގެނައުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެމްޑީޕީން މިހާރު ވަނީ އެއްބަސްވެފައެވެ.
އެމްޑީޕީގެ މަޖިލިސް މެންބަރުންތަކެއް ޕާޓީން ވަކިވެ، ދަ ޑިމޮކްރެޓްސް އުފެއްދީ ރިޔާސީ އިންތިޚާބަށް ތިން މަހަށް ވެފައިވަނިކޮށް، އެމްޑީޕީގެ އަސާސްތަކާ ޕާޓީގެ ލީޑާޝިޕުން ޚިލާފުވެފައިވާ ކަމަށް ބުނެއެވެ.
އޭގެ ތެރޭގައި ބަރުލަމާނީ ނިޒާމުގެ މައްސަލައާ ގުޅިގެން އުފެދުނު ޚިޔާލު ތަފާތުވުން މުހިއްމު ދައުރެއް އަދާކުރިއެވެ.
އެ ޕާޓީގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރައްވާ 15،000އަށް ވުރެ ގިނަ ވޯޓު ހޯއްދަވާފައެވެ. އެއީ ތިންވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވި ކެންޑިޑޭޓެވެ.
އެއާއެކު، އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރާ ދެ ޕާޓީން ވެސް ވަނީ ޑިމޮކްރެޓްސް އާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.
އެ ޕާޓީން ބުނި ގޮތުގައި ސޮއިކޮށްފައިވާ އެއްބަސްވުމެއް އެކުލަވާލުމަށް ޕީޕީއެމުން ދެކޮޅު ހެދުމުން އެޕާޓީއާ މެދު ކުރިއަށް ދިޔަ މަޝްވަރާތައް އޮތީ ހުއްޓިފައެވެ. އޭގެ ފަހުން، ރައީސް ނަޝީދު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ބައްދަލުކުރައްވަން އުޅުއްވުމުން، އެކަމަށް އިންކާރު ކުރެއްވުމުން އެކަން ވެސް ވަނީ ނާކާމިޔާބުވެފައެވެ.
އެހެންކަމުން، ޑިމޮކްރެޓްސް އިން މިހާރު މަޝްވަރާ ކުރަމުންދަނީ ހަމައެކަނި އެމްޑީޕީއާ އެކުގައެވެ.