ދައުލަތުގެ ބަޖެޓުން ވަކި ޕަސެންޓެއް މީޑިއާތަކަށް ދޭނަން: މުއިއްޒު

ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ކެމްޕޭން ކަވަރޭޖްގައި ބައިވެރިވި ނޫސްވެރިންތަކަކާއެކު --

ނޫސްވެރިކަން ކުރިއެރުވުމަކީ މުހިންމުކަމެއްކަމަށާއި އެ ކަން ކުރުމަށްޓަކައި މީޑީއާތައް މިނިވަންކުރުން މުހިންމުކަން ފާހަގަކުރައްވައި، އޭނާގެ ވެރިކަމެއްގައި ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް ނޫސްވެރިކަމަށާއި އެކި މީޑިއާތަކަށް ހާއްސަކުރައްވާނެކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

މިރޭ އދ. މަހިބަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ގައުމުގެ ޑިމަކްރަސީ ވަރުގަދަކުރުމަށްޓަކައި ނޫސްވެރިކަމަކީ އެންމެ މުހިންމު ދާއިރާ ކަމަށެވެ. އަދި ސަރުކާރެއް ޖަވާބުދާރީ ކުރުވުމުގައި ވެސް އެއީ އެންމެ މުހިންމު ދާއިރާކަަމަށް ވިދާޅުވިއެވެ.

އެހެން ނަމަވެސް، މިހާރު ނޫސްތައް ހިނގަނީ މިނިވަންކަމާއެކު ނޫންކަމަށް ވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.

"ނޫސްވެރިކަމުގެ ދާއިރާ އަޅުވެތި ކުރެވިފައި މި އޮންނަނީ. ސަރުކާރުގެ ކޮންމެވެސް ކުންފުންޏަކުން. މިހާރު ވެއްޖިއްޔާ ރައީސް އޮފީހުން ވެސް ފައިސާ ދޭ ވާހަކަ އަޑުއިވޭ،" މުއިއްްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، ނޫސްވެރިކަމަށް އަލަށް ވަންނަން ބޭނުންވާ މީހުންނަށް ތަމްރީނުތަކުގެ ފުރުސަތު ވެސް ފަސޭހަގޮތެއްގައި ނޯންނަކަމަށް އޭނާ ވިދާޅުވިއެވެ. ޒަމާނީ ޑިމަކްރަސީއެއް ހާސިލުކުރަން ބޭނުންވާއިރު، ނޫސްވެރިކަން މިނިވަންކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

ޑރ. މުހައްމަދު މުއިއްޒު މަހިބަދޫގައި --

"ދައުލަތުގެ ބަޖެޓުން މިހާރު ސިޔާސީ ޕާޓީތަކަށް ވަކި އިންސައްތައްއެއް ދޭ ގޮތަށް މި އޮންނަނީ. އެހެންވީމަ ގާނޫނަށް ބަދަލު ގެނެސްގެން. ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް އެއީ ނޫސްވެރިކަމާއި ނޫސްވެރިކަމުގައި މަސައްކަތްކުރާ އެކި މީޑިއާތަކަށާއި ނޫސްވެރިކަމުގައި މަސައްކަތްކުރާ އެކި ފަރާތްތަކަށް އެ ފަރާތްތަކަށް ފައިދާ ވާ ގޮތަށް ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް ދޭ ގޮތަށް އަޅުގަނޑު ހުށަހަޅާނަން،" މުއިއްޒު ވިދާޅުވިއެވެ.

އޭރުން، މިނިވަންކަމާއެކު ނޫސްވެރިކަން ތަރައްގީވާތަން ފެންނާނެކަމަށާއި ވަކި އޮފީހަކުން ނުވަތަ ކުންފުންޏަކުން އެއްޗެއް ނުދިނަސް ނޫސްތައް ހިންގޭނެ ކަމަށެވެ. އަދި ދެފުށްފެންނަ ޗެކް އެންޑް ބެލެންސް ދާއިރާއަކަށް ނޫސްވެރިކަން ހެދޭނެކަމަށް ވެސް ވިދާޅުވިއެވެ.

ސަރުކާރުގެ ބަޖެޓުގެ ތެރެއިން މީޑިއާތަކަށް ވަކި މިންވަރަކަށް ފައިސާ ދިނުމަށް ދެން އަންނަ ދައުރުގައި ސިޔާސަތުތައް އެކުލަވައިލުމަށް އެމްޑީޕީއިން ހުށަހަޅައިފައިވާ މެނިފެސްޓޯގައި ވެސް ވެއެވެ.

comment ކޮމެންޓް