އެތައް ހާސް މެންބަރުންގެ ޕާޓީއަށް މަދު ވޯޓެއް، ކީއްވެ؟

އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައްދަލު ކުރެއްވުން: އެ ދެ ބޭފުޅުންނަށް ވެސް ޕާޓީގައި ތިބި މެމްބަރުންގެ އަދަދަށް ވޯޓެއް ނުލިބޭ -- ފޮޓޯ/ އަހުމަދު ނިހާން ހުސައިން މަނިކު

ޒަމާންވީ ޝަކުވާއެކެވެ. ވީގޮތެއް ނޭނގި އޮންނަނީ ކޮންމެ ވެސް ސިޔާސީ ޕާޓީއެއްގެ ދަފުތަރުގައެވެ. ދުވަހަކު ސިޔާސީ ކަމެއްގައި ނޫޅޭ އަދި އެކަމަށް އެއްވެސް ޝައުގެއް ނެތް އެތައް ބައެއް އެ ގޮތަށް ޕާޓީތަކުގައި ހިމަނައިގެން ޕާޓީތަކުން ފައިދާތައް އެބަ ނަގައެވެ. ޕާޓީތަކުން ދައްކާ ސައިޒާއި އަސްލު ސައިޒާ ދިމައެއް ނުވެއެވެ. މި ރިޔާސީ އިންތިޚާބާ އެކު މިވަނީ އެ ވާހަކަ އަނެއްކާ ވެސް ގަދަވެފައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް ބަލާއިރު މެންބަރުން ގިނަ ޕާޓީތަކަށް އެ މެންބަރުންގެ އަދަދާ ގާތް ކުރާ ވަރަށް ވެސް ވޯޓް ނުލިބެއެވެ. ޖުމްހޫރީ ޕާޓީއަށް ބަލާއިރު އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފްތަރުގައި އެ ޕާޓީގެ މެންބަރުންގެ ގޮތުގައި 22،607 މީހުން އެބަތިއްބެވެ. ނަމަވެސް ލިބުނީ 5،460 ވޯޓެވެ. އެމްއެންޕީއަށް ބަލާއިރު އީސީގެ ދަފްތަރު ބުނާގޮތުން އެ ޕާޓީގައި 9،838 މެންބަރުން އެބަތިއްބެވެ. އެކަމަކު، ލިބުނީ އެންމެ 1،907 ވޯޓެވެ. އެމްއާރުއެމްއަށް 3،000 މެންބަރުން ހަމަ ނުވެގެން އީސީއިން އެ ޕާޓީ އުވާލާފައިވާއިރު އެ ޕާޓީގެ ރައީސް އަޙްމަދު ފާރިސް މައުމޫނަށް އިންތިޚާބުގައި ލިބުނު ވޯޓް ތިން ހާހަށް ވުރެން މަދެވެ.

https://sun.mv/181836

މީގެ އަނެއްކޮޅު ވެސް އެބައޮތެވެ. ރައީސް މުޙައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްގެ މެންބަރުންގެ އަދަދަކީ ހަމަ އެންމެ 3،280 އެވެ. އެކަމަކު، އެ ޕާޓީއިން ވަނީ 15،839 ވޯޓު ހޯދައިފައެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް ޞާލިޙާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ކޯލިޝަނަކުން ވާދަ ކުރައްވާއިރު އެތައް ހާސް މެންބަރުންނެއްގެ ވޯޓު ވަނީ ހޯއްވައިފައެވެ.

މި ނަތީޖާތަކާ އެކު ކުރެވޭ މައިގަނޑު އެއް ސުވާލަކީ އެތައް ހާސް މެންބަރުންނެއް ހިމެނޭ ޕާޓީތަކަށް އެހާ މަދުން ވޯޓު ލިބި މަދު މެންބަރުން ހިމެނޭ ޕާޓީތަކަށް ގިނައިން ވޯޓު ލިބުނު ސަބަބެވެ. އެންމެ ގިނަ ބަޔަކު ކުރާ އެއް ތުހުމަތަކީ ބައެއް ޕާޓީތަކުގެ މެންބަރުންގެ އަދަދު ސައްހަ ނޫން ކަމެވެ.

"އަޅުގަނޑުގެ މަންމައަކީ ތިޔަކަހަލަ އެއްވެސް ސިޔާސީ ފޯމެއް ދުވަހަކު ވެސް ނުފުރާ މީހެއް. ނަމަވެސް ބައްލަވާ، މިއީ އިންސާފުތޯ ވެސް ސުވާލުކޮށްލާ ހިތްވޭ. މި ލަނޑު ކިތައް މީހުނަށް ދީފައި ވާނެތޯ؟ ކިތައް މީހުންގެ ފޯމު މިހެން ގަނެފައި ވާނެތޯ؟ ތިޔަ ސިޔާސީ ހުރިހާ އެންމެނާއި އިލެކްޝަންސް ކޮމިޝަން މިކަމާ ޖަވާބުދާރީ ވެވޭނެތޯ؟ ނުވެވޭނެ. މިކަމުން ދޭހަވަނީ އެންމެ ކަމެއް، އެއީ މުޅި ސިޔާސީ ސިސްޓަމް ކަރަޕްޓްވެފައިވާކަން. ޤަބޫލު ނުކުރެވުނަސް ޖަވާބަކީ މިއީ،" ފިޓްނަސް ދާއިރާގައި ހަރަކާތްތެރިވާ މަމްދޫހް ފޭސްބުކްގައި ލިޔެފައިވެއެވެ.

އޭނާ ތުހުމަތު ކުރާގޮތުގައި އެގޮތަށް ވަކި ޕާޓީއަކަށް ވައްދާފައި އޮތީ ސައްހަ ނޫން ފޯމެއް ހުށަހަޅައިގެންނެވެ. އެ ޕޯސްޓަށް ކޮމެންޓް ކުރި އެހެން މީހުން ވެސް ވަނީ ވަގު ފޯމު ހުށަހަޅައިގެން އެ މީހުން ޕާޓީތަކަށް ވައްދާފައިވާ ކަމަށް ބުނެފައެވެ. އަދި، މިފަދަ އެތައް މީހަކާ ބައްދަލުވިއެވެ. މިއީ ޒަމާނުންސުރެއް ރާއްޖޭގައި ކުރަމުން އަންނަ ކަމެކެވެ.

ވަގަށް ޕާޓީއަށް ވައްދަނީ ބޮޑު ފައިދާއެއް ހޯދަން

ޕާޓީތަކުން ވަގު ފޯމް ހުށަހަޅާ ސަބަބުތަކެއް އޮވެއެވެ. އެއް ކަމަކީ އެންމެ މީހުން ގިނަ ޕާޓީކަން ދައްކައި ސިޔާސީ މައިދާނުގައި އޮތް ބާރު ދެއްކުމެވެ. އަނެއް ސަބަބަކީ 10،000 އަށްވުރެން ގިނައިން މެންބަރުން ތިބޭ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ގިނަ އަދަދަކަށް ފައިސާ ދޭތީ އެ ފައިދާ ހޯދުމެވެ. ދެން އޮތް އަނެއް ސަބަބަކީ 3،000 މެންބަރުންނަށް ވުރެން މަދުން މެންބަރުން ތިބޭ ޕާޓީތައް އުވައިލާތީ އެކަން ވިޔަ ނުދިނުމެވެ. އޭގެ ތެރެއިން ވެސް ދައުލަތުން ފައިސާ ދޭވަރަށް ޕާޓީއަށް މެންބަރުން އިތުރު ކުރުމަކީ ޕާޓީތަކުން އިސްކަން ދޭ ކަމެކެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފައްދަން ހުއްދަ ދިންތާ 18 އަހަރު ވެފައިވާއިރު ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާގޮތުން ކޮންމެ އަހަރަކަށް ފާސް ކުރާ ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓު 10،000 މެންބަރުންނަށް ވުރެން އިތުރަށް މެންބަރުން ތިބި ޕާޓީތަކުގެ މެދުގައި ބަހަން ޖެހެއެވެ. މި އަހަރު އެކަނި ވެސް ސިޔާސީ ޕާޓީތައް ހިންގުމަށް ޖުމްލަ 36.9 މިލިއަން ރުފިޔާ ދީފައިވެއެވެ. މިދިޔަ އަހަރު 32.8 މިލިއަން ރުފިޔާ ދިނެވެ. ވޭތުވެދިޔަ 18 އަހަރު ތެރޭގައި އެތައް ސަތޭކަ މިލިއަން ރުފިޔާއެއް މިވަނީ ޕާޓީތަކުގެ މެދުގައި ބަހައިފައެވެ. ސައްހަ ނޫން މެންބަރުން ހިމަނައިގެން މިހެން ދައުލަތުގެ ބަޖެޓުން ފައިސާ ހޯދާނަމަ މިއީ ކިހާ ސީރިއަސް މައްސަލައެއްތޯއެވެ؟

https://sun.mv/181835

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވި ގޮތުގައި ޕާޓީއެއްގައި ތިބުމާއި ޕާޓީގެ ކެންޑިޑޭޓަށް ވޯޓުލުމަކީ ދެ ކަމެއް ކަމަށެވެ. މަދު މެންބަރުން ތިބި ޕާޓީތަކަށް ގިނަ އަދަދަކަށް ވޯޓް ލިބުމުން ވެސް އެކަން ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ހަބީބް ވެސް ވިދާޅުވާ ގޮތުގައި އެ ކޮމިޝަނަށް މެދުކެނޑުމެއް ނެތި ކޮންމެ ދުވަހަކު ލިބޭ ޝަކުވާތަކުގެ ތެރޭގައި އަދިވެސް ޕާޓީތަކަށް ނޭނގި ވައްދާފައިވާ މައްސަލަތައް ހިމެނެއެވެ. އެ ޝަކުވާ ލިބެނީ ވަކި ޕާޓީއަކަށް ވައްދައިގެން ނޫން ކަމަށާއި ހުރިހާ ޕާޓީއަކާ ގުޅޭ ގޮތުން ވެސް އެ ޝަކުވާ ލިބޭ ކަމަށް ހަބީބް ވިދާޅުވިއެވެ.

ވަގު ފޯމް ހުށަހަޅައިގެން ޕާޓީތަކަށް މެންބަރުން ގިނަ ކުރާ މައްސަލަ ބޮޑުވުމުން އީސީން ވަނީ މި ފަހުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެ ތެރޭގައި ޕާޓީތަކަށް ވަންނަން ފޯމު ހުށަހަޅާ ފަރާތްތަކުގެ ފޯނަށް މެސެޖުކޮށް އެކަން ޔަގީން ކުރުމާއި އަލަށް ޕާޓީތަކަށް ވަންނަ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުން ހިމެނެއެވެ.

"ވަގު ފޯމު ހުށަހަޅައިގެން ޕާޓީތަކަށް ވެއްދުން މިހާރު ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑުތަނުން ރަނގަޅު ވެއްޖެ. މިހާރު ނޭނގި ޕާޓީއަކަށް ވައްދާފައި އޮތިއްޔާ އެ މީހެއްގެ މައްސަލައެއް އެއީ. އެއީ ޕާޓީތަކަށް ވަންނަން އެދިފައި ތިބި މީހުންގެ މައުލޫމާތު އެބަ ހާމަ ކުރަން، ފޯމުގައި އިންނަ ނަންބަރަށް އެބަ މެސެޖް ކުރަން ފޯމެއްލިންތޯ ބަލަން ވެސް،" ހަބީބް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ވަގަށް ޕާޓީއަކަށް ވައްދާފައިވާކަން އެ ކޮމިޝަނަށް އެންގުމާ އެކު ވަރަށް އަވަހަށް އެ ޕާޓީއެއްގެ ދަފުތަރުން އެ މީހަކު އުނިކޮށް ދޭ ކަމަށެވެ. އެ ކޮމިޝަނަށް ޝަކުވާ އާއި ފޯމް ހުށަހެޅުމުން އެ ހިދުމަތް ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މައްސަލައަށް އަދިވެސް ދާއިމީ ހައްލެއް ނުލިބެއެވެ. ހަބީބް ވިދާޅުވި ގޮތުގައި އެ ކޮމިޝަނުން ނިންމާފައިވާ ގޮތަށް ޕޯޓަލް ތައްޔާރު ކުރެވޭ ހިސާބުން އެ މައްސަލަ ހައްލު ކުރެވޭނެއެވެ. އޭރުން ޕާޓީތަކަށް ވަނުމަށް އެ މީހަކަށް އޮންލައިންކޮށް ހުށަހަޅައި އޮންލައިންކޮށް އަމިއްލައަށް ވަކިވެވޭނެ ކަމަށް ހަބީބް ވިދާޅުވިއެވެ.

"ބެންކް އެކައުންޓަށް އަމިއްލައަށް ފައިސާ ލައިފައި އަމިއްލައަށް ނަގާގޮތަށް އެކަން ކުރެވޭނެ ޕޯޓަލް ހެދުނީމަ، އެކަން ނުވެގެން މިއުޅެނީ އަޅުގަނޑުމެންނަށް މިދޭން ލިބޭ މުސާރައަށް ޑިވެލޮޕަރުން ނުލިބިގެން،" ހަބީބް ވިދާޅުވިއެވެ.

ވަގު ފޯމްގެ އިތުރުން ދެން ޕާޓީތަކަށް މީހުން ވައްދާ އަނެއް ގޮތަކީ ނުފޫޒު ފޯރުވުމެވެ. އޭގެ ތެރޭގައި ވަޒީފާއާއި ފައިސާގެ ނުފޫޒު ހިމެނެއެވެ. އެގޮތަށް ޕާޓީތަކަށް ވެއްދުމުން އެއީ އެ ޕާޓީއެއްގެ ސިޔާސަތު ކަމުގޮސްގެން ވަންނަ މީހުންނަކަށް ނުވެއެވެ. އެހެންކަމުން ސިއްރު ވޯޓެއްލާއިރު ޕާޓީއަށް ކޮންމެހެން ވޯޓެއް ނުދޭނެއެވެ. މިއީ ވެސް ޕާޓީގައި ތިބި މެންބަރުންގެ އަދަދާ އެއްވަރަށް ވޯޓު ނުލިބޭ އެއް ސަބަބެވެ.

ތާއީދު ނުލިބުމުން ޕާޓީތަކުން ބުނަނީ އެހެން ވާހަކައެއް

ނަމަވެސް ޕާޓީތަކުން މިކަން ދޮގުކުރެއެވެ. ޕާޓީގެ މެންބަރުންނަށް ވުރެން މަދުން ވޯޓު ލިބުނު އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވި ގޮތުގައި ވޯޓު ލިބުނު އަދަދަކީ އެ ޕާޓީގެ މެންބަރުންގެ އަދަދު ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އިންތިޚާބުގެ ދެވަނަ ބުރަކަށް އޭނާ ނުދާނެކަން އެނގޭތީ ގިނަ މެންބަރުން ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒަށް ވޯޓުދިން ކަމަށް ގަބޫލު ކުރެވޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ދެން އެންމެ މަދުން ވޯޓް ލިބުނު އެއް ޕާޓީކަމަށްވާ ޖޭޕީން ވެސް ބުނަނީ އެފަދަ ވާހަކައެކެވެ. އެ ޕާޓީގެ ކައުންސިލް މެންބަރަކުު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވި ގޮތުގައި ޕާޓީގައި މެންބަރުން ތިބި އަދަދަށް މި ފަހަރު ވޯޓު ނުލިބުނީ ކެމްޕެއިނަށް މި ފަހަރު ހަރަދު ނުކުރުމާއި ކެމްޕެއިންގައި ދިމާވި އެހެން މައްސަލަތަކުގެ ސަބަބުންނެވެ.

ވަގު ފޯމް ހުށަހަޅައިގެން މެންބަރުން ހަމަކޮށް ސިޔާސީ ޕާޓީތަކުން ދައުލަތުގެ ބަޖެޓުން ފައިސާ ހޯދާނަމަ އެއީ ކުޑަ މައްސަލައެއް ނޫނެވެ. ޕާޓީތަކުގައި ހަގީގަތުގައި ވެސް ތިބީ ސައްހަ މެންބަރުންތޯ ސުވާލު ކުރުމުގެ ފުރުސަތު އިންތިޚާބުގެ ނަތީޖާއިން އެބައޮތެވެ. ރައްޔިތުންގެ ފައިސާ ހެޔޮ ގޮތުގައި ބޭނުން ކުރުމަށް ޕާޓީތަކުގެ ދަފުތަރު ބެލެހެއްޓުމުގެ އުސޫލު ހަރުދަނާ ކުރަން ޖެހެއެވެ. އަދި، ގަވާއިދާ ހިލާފުވާ ޕާޓީތަކާ މެދު އަޅާ ފިޔަވަޅުތައް ހަރުދަނާ ކުރަން ޖެހެއެވެ.

comment ކޮމެންޓް