08 މެއި 2012 އާ ގުޅޭ

"އަވަހަށް ހިނގާ ތައްޔާރުވާން، މިހާރު އަޔާ ބޭބެ އަންނަން އުޅޭނެ" ޔޫހާ ކިިޔާން އޭނަގެ ފަޔާއި ދުރުކޮއްލަމުން ބުނެލިއެވެ. ޔޫހާ މިހެން ބުނުމާއިއެކު ކިޔާން ދުއްވައިގަތީ ކޮޓަރިއާއި ދިމާލަށެވެ. ޔޫހާވެސް ހިނގައިގަތީ ކޮޓަރީއަށް ދިއުމަށެވެ. އޭނައަށް ކޮޓަރިއަށް ނުވަދެވެނިސް ސިޓިންރޫމު ދޮރުމައްޗަށް ޖަމާލު ހުއްޓުނުތަން ފެނުނެވެ.
"މޭމް...ކުޑަސާހަބް ދެއްވި އެއްޗެއް" ޖަމާލް އަވަސް އަވަހަށް އޭނަގެ އަތުގައި އޮތް ކޮތަޅު ދިއްކޮއްލަމުން ބުނެލިއެވެ. ޔޫހާ ޖަމާލްގެ ގާތަށް ދެތިން ފިޔަވަޅު އަޅާލުމާއިއެކު އެކޮތަޅުގައި ހިފިއެވެ. އެއާއިއެކު ޖަމާލް އިތުރުއެއްޗެއް ނުބުނެ އެގެއިން ނުކުންނަން ހިނގައިގަތެވެ. އޭރު ކޮޓަރި ދޮރުމަތީ ޖަމާލްއަށް ބަލަހައްޓައިގެން ހުރި ކިޔާން ޔޫހާއަށް ފެނުނީ ކޮތަޅުހިފައިގެން ކޮޓަރިއަށް ވަންނަން އެނބުރިލިތަނާއެވެ.
"ޑެޑީގެ ކާރު ދުއްވާ ބޭބެ ދޯ އެއީ، ޑެޑީ ފޮނުވި ހަދިޔާއެއްތަ" ކިޔާން ޔޫހާގެ އަތުގައި އޮތް ކޮތަޅަށް ބަލާލަމުން އަހާލިއެވެ. އަދި ޔޫހާ އާއިއެކު ކޮޓަރިތެރެއަށް ވަދެގެން ހިނގައްޖެއެވެ. ޔޫހާ ރީތިވާ މޭޒުކައިރީ ހުއްޓިލަމުން ކޮތަޅުގައި އޮތް އެއްޗެއް ނެގިއެވެ. އޭނައަށް ފެނުނީ މަހުމާ ފޮއްޓެވެ. އެފޮށީގައި ހުރީ ރިހިކުލައިގެ ގަހަނާއެވެ.
"މަންމީ ކޮއްކޮ ބަލާލަން ދައްކާލަބަލަ" ކިޔާން ޔޫހާގެ އަތަށް ދަމާލަމުން ބުނެލިއެވެ. އެހިނދު ޔޫހާ އަތްތިރިކޮއްލަމުން ހިފަހައްޓައިގެން ހުރި ފޮށި ކިޔާންއަށް ދައްކާލިއެވެ. ކިޔާންއަށް އޭގައި ހުރި އެއްޗެހި ރީތިވެގެން އަތްލަންފެށިއެވެ.
"މިހާރު ބަލާލެވިއްޖެއެއްނު، ދެން ލައްޕަނީ އެނގޭ" ޔޫހާ އެފޮށި ލައްޕާލާފައި ރީތިވާ މޭޒުގެ މަތީ ބެހެއްޓިއެވެ. އަދި އަތްމަތި އަވަސް ކޮއްލާފައި އައްޔަދު އަންނަންވާއިރަށް ތައްޔާރުވުމަށް އުޅުނެވެ.
މެންދުރު ބާރަގަޑިބައި އެހާކަންހާއިރު މީހަކު ސަލާމްގޮވާލުމުން ކޮޓަރީގައި ހުރި ޔޫހާ ނުކުމެ ބަލާލިއެވެ. އޭނައަށް ހައިރާންވެފައިހުރެ ހިނިތުންވެލެވުނެވެ.
"އަޔާ... ގުޅާވެސްނުލާ ގެއަށް ތިވަނީތަ" ޔޫހާ އުނަގަނޑުގައި ދެއަތް އަޅުވާލަމުން އައްޔަދުއަށް ބުނެލިއެވެ.
"ހިތަށްއެރީ ވަންނަން، ނުވަތްނަމަ ޔޫހާގެ މޫނަށް ތިޖެއްސި ހުރިހާ ވައްތަރުތަކެއް ނުފެނުނީހެއްނު، ހެ ހެ ހެ...ކޮބާ ތައްޔާރުވެ ނިމުނީތަ، ހިނގާ ދަމާ" އައްޔަދު ހީނލާފައި ވާހަކަދެއްކިއެވެ. ޔޫހާވެސް އޭނަ ބުނިއެއްޗަކަށް ހެވިފައިހުރެ ކޮޓަރީތެރެއަށް ވަދެ އަތްދަބަސް ނަގަމުން ކިޔާންއަށް ގޮވާލިއެވެ. އޭރު ކިޔާން ޔޫހާ ބުނެގެން ބޭރަށް ދާންވާއިރަށް ކުޅޭއެއްޗެހިތައް އެހުންނަންވާ ތަންތަނަށް ލަނީއެވެ.
"މަންމީ، އަޔާ ބޭބެ އެއުޅެނީ ކޮއްކޮއަށް އައިސްކްރީމް ދޭންތަ" ކިޔާން ކުރަންހުރި ކަންތައް އަވަސް އަވަސްކޮއްލަމުން އަހާލިއެވެ. އަދި ހުރިހާ ކުޅޭއެއްޗެއް ނަގާ އެހުންނަންވާ ތަންތަނަށް ލެވުމުން ކުޑަކޮށް ދުވެލާފައި އައިސް ޔޫހާގެ އަތުގައި ހިފިއެވެ.
"ނޫނޭ، އައިސް ކްރީމް ލިބޭތަނަކަށް ނޫން މިދަނީ، އަޔާ ބޭބެގެ ގެއަށް މިދަނީ، މަންމި ފަހުން ދަރިފުޅަށް އައިސް ކްރީމް ގަނެދޭނަން" ޔޫހާ މިހެން ބުނަމުން ކޮޓަރިން ނުކުމެ ދޮރުލައްޕާލިއެވެ. އަދި ސިޓިން ރޫމު ދޮރުމަތީ ހުރި އައްޔަދު އާއިއެކު ގޭން ނުކުތުމުގެ ކުރިން ސިޓިން ރޫމު ދޮރުތަޅުލިއެވެ. އެވަގުތު ގޭގައި އިތުރު މީހަކު ނޫޅޭތީއެވެ.
"ކާކުގެ ކާރެއްގަ އައިސް ތިއުޅެނީ" އައްޔަދު ޕްރައިވެޓް ބޯޑުޖެހި ކާރެއްގެ ކައިރީ މަޑުކޮއްލުމުން ޔޫހާއަށް އަހާލެވުނެވެ.
"ބައްޕަގެ، އަހަރެން ލައިސެންސް ނަގައިފީމޭ... ހާސްނުވޭ، އަހަރެން މިހާރު ވަރަށް ފަރިތަވާނެ މާލޭ މަގުތަކުގައި ކާރު ދުއްވަން، ނުހުރެ އަރާބަލަ" އައްޔަދު ޔޫހާއަށް ހީނލަމުން އެއްބުމައަރުވާލާފައި އޭނައަށް އިތުބާރުކުރުމަށް ބުނެލިއެވެ. ޔޫހާ ދެފަރާތަށް ބޯހޫރުވާލާފައި ހިނިއައިސްފައި ހުރެގެން ކާރުގެ ކުރީ ސީޓުގައި އިށީނެވެ. އައްޔަދުވެސް ގޮނޑީގައި ހަމަޖެހިލަމުން ކާރު ދުއްވާލިއެވެ. މާލޭގައި ތަންތަނަށް ހިނގާފަ ދިއުމީ އެހާ އުނދަގޫކަމަކަށް ނުވިޔަސް ދުއްވާއެއްޗެއްގައި ތަނަކަށް ދާންވެއްޖެނަމަ ހިނގާފަ ދިއުމުގެ ދެގުނަ ވަގުތު ނަގާނެއެވެ. ޓްރެފިކް ލައިޓްތަކަށް މަޑުކުރުމުގެ އިތުރުން ދުއްވާއެއްޗެއްސަށްވެސް ބަލަންޖެހެއެވެ. އައްޔަދުގެ ކާރު ދުއްވުމުގެ ކުޅަދާނަކަން މީގެ ކުރިން ޔޫހާއަށް ފެނިފައިނުވިޔަސް އެދެމައިން ސަލާމަތުން ދާންވި ތަނަށް ގެންގޮސްދިނެވެ. އައްޔަދު ކާރު ޕާކުކޮއްލީ ޒޯންގައެވެ. އަދި ކާރުން ފައިބާ ޔޫހާ އާއި ކިޔާން ފޭބުމަށް އެހީތެރިވިއެވެ. އައްޔަދު ކިޔާންގެ އަތުގައި ހިފާލަމުން ޔޫހާގެ ގައިގާ ފަހަތުން އަތްޖައްސާލީ އެމަގަކީ ވަރަށް ހަލަބޮލި މަގަކަށްވީތީއެވެ. އެދެމައިން ގޮވައިގެން މަގުހުރަސްކޮއްލުމަށް ޕޭވްމަންޓުމައްޗަށް އަރާ އައްޔަދު އޭނަގެ ގެ ދައްކާލިއެވެ. އެންމެ މިޒަމާނުގެ ބުރިބުރިއަށް ހަދާފައިވާ ގެއެއްނޫނެވެ. އެހެންނަމަވެސް އާދައިގެ ގެއެކޭވެސް ނުބުނެވޭނެއެވެ.
"މީތަ އަޔާގެ ގެއަކީ، އަހަރެން ހީކުރީ އަޔާގެ ގެ ދައްކާލީމަ ބަލަންޖެހޭނީ އިސްނިކަންބޮޑަށް އުފުލާލައިގެން ހުރެކަމަށް" ޔޫހާ ސަމާސާރާގެއް އެކުލެވޭފަދަ ގޮތަކަށް ބުނެލިއެވެ.
"އެހެންތަ، އަސްލު އަހަރެންގެ މަންމަ ވަރަށް ސިމްޕްލް ވާނެ، މިގެވެސް މިހުންނަނީ އެކަހަލަ ގޮތަކަށް، މަންމަ ބޭނުމެއްނުވޭ އުޅޭނެ ބަޔަކުނެތަސް އެހެންމީހުން އެހަދާހެން ގެ ތިން ހަތަރު ބުރިއަށް ހިއްލާލާކަށް، އަހަރެންގެ ފެމިލީ ވަރަށް ކުޑަވާނެ...މަންމަ އާއި ބައްޕަ ނޫން އެހެން މީހަކު މިގޭގަ ނޫޅޭނެ، މަންމަ ވަރަށް ބެސްޓުވާނެ، އަހަރެން ޔޫހާގެ ވާހަކަ ދައްކާވަރުން މަންމަ އަސްލު އެދުނީ ޔޫހާ މިގެއަށް އެއްދުވަހު ގެނައުމަށް...ދެތިން ދުވަހު އަހައިފި ޔޫހާއަށް ދައުވަތު ދީފިންހޭ...ހެ ހެ ހެ...އާދޭ އެތެރެއަށް" އައްޔަދު ޔޫހާ އާއި ވާހަކަދައްކަމުން ގޮސް ގޭގެ ދޮރާށި ހުޅުވާލާފައި ޔޫހާމެން ވަނުމަށް ތަންދެއްކިއެވެ. ދޮންވެލިލާ އޭގެމަތީ ބޮޑެތި ގާތަކެއް ބަހައްޓާފައި ހުރިއިރު ޔޫހާ އައްޔަދުގެ ފަހަތުން އެގާތަން މަތިން ލާފައި ގޮސް މައިގެއަށްވަނެވެ. އެތަނުން އެކަކުވެސް ޔޫހާއަކަށް ނުފެނުނެވެ. އައްޔަދު އިޝާރާތްކުރީ އެއްފަރާތަކަށް ވަދެގެން ދެވެން ހުރި ގޯޅިއަކަށެވެ. ޔޫހާ މާބޮޑު ވިސްނުމެއްނެތި އައްޔަދުގެ ފަހަތުން އޭނަ ދައްކަމުންދާ ގޮތަށް ދިޔައެވެ.
ކާގެއާއި ބަދިގެއާއި އެއްކޮލެވިފައިވާ މިޒަމާނުގެ ބަދިގޭގައި ޒަރާނާ ސުފުރާމަތީ ބިއްލޫރި ތަށި އަތުރަމުންދިޔައެވެ. އައްޔަދު އޭނައަށް ގޮވާލިއަޑުން މޫނުމައްޗަށް ހިނިތުންވުމެއްވެރިވެގެންދިޔައެވެ. އެހިނދު އައްޔަދުއަށް ގޮވާލަމުން ބަދިގެއަށް ވަނުމަށް ޒަރާނާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.
"މަންމާ..." ބަދިގޭ ދޮރުމަތީ އައްޔަދު ހުއްޓިލަމުން ގޮވާލިއެވެ.
"ދަރިފުޅު އެކަނިތަ، ކޮބާތަ ގެންނަން ބުނި ރަޙުމަތްތެރިޔާ، މަންމަ މިއަދު ހުރިހާ އެއްޗެއް ހަދާފަ ހުންނާނީ ދަރިފުޅުގެ ރަޙުމަތްތެރިޔާ ގެންނާނަމޭ ބުނީމަ އެހެންދުވަސް ދުވަހަށްވުރެ ގިނައިން...ބައްޕަ ދެންމެއަކު އެދުރުވީ އޮފީހަށް، ކީއްވެތަ ފާޑަކަށް ހެވިފަ ދޮރުމަތީ ތިހުންނަނީ...އާދޭ ދެންކާން" ޒަރާނާ މޭޒުމަތީ މަތިޖަހާފައި ހުރި ތަށިތަކުގެ މަތިތަށް ނަގަމުން ބުނެލިއެވެ.
"މަންމާ، މިހިރީ ޔޫހާ...." އައްޔަދު އެއްފަރާތަކަށް ޖެހިލަމުން އޭނަގެ ފަހަތުގައި ކިޔާންގެ އަތުގައި ހިފާލައިގެން ހުރި ޔޫހާ ދައްކާލިއެވެ. ޒަރާނާ ކުރިއަށްވުރެވެސް ބޮޑަށް ހިނިތުންވެލަމުން އަވަހަށް އެތެރެއަށް އައުމަށް ބުންޏެވެ.
"ވަރަށް ލާނެތްވާނެ މި އައްޔަދު..." ޒަރާނާއަށް އައްޔަދު ކުރީ ސަމާސާއެއްކަން އެނގުމުން ހިނިއައިސްފައިހުރެ ބުނެލިއެވެ. އެހެންނަމަވެސް ޔޫހާ އެތެރެއަށްވަތް ވަގުތު އޭނަގެ އަތުގައި ހިފައިގެން ހުރި ކުޑަފިރިހެން ކުއްޖާ ފެނުމާއިއެކު އޭނަގެ މޫނުގެ ކުލަބަދަލުވެގެންދިޔައީ ފަޅިސިކުންތެއްގެ ތެރޭއެވެ. ދެބުމަށް ކައިރިކޮއްލުމާއިއެކު އެއްފަހަރު ޔޫހާއަށް އަނެއްފަހަރު ކިޔާންއަށް ބަލާލެވުނެވެ.
"މަންމަ ކައިރީ ނުބުނެވޭދޯ....މީ ކިޔާން، ޔޫހާގެ ދަރިފުޅު..." ޔޫހާގެ އަތުގައި ބާރަށް ހިފާލައިގެން ހުރި ކިޔާންގެ ބޮލުގެ އިސްތަށިގަނޑުގައި އަތްހާކާލަމުން އައްޔަދު ބުނެލިއެވެ. މިފަހަރު ޒަރާނާއަށް ޖެހުނީ ގަދަކަމުން ހިނިތުންވެލާށެވެ. އޭނައަށް ބޭއިޙްތިޔާރުގައި އައިސް ކިޔާންގެ ކުރިމަތީ ކުޑަކަކޫ ޖަހާލެވުނެވެ. އަދި ކިޔާންގެ މޫނުގައި ދެއަތުން ހިފާލިއެވެ. މާޒީގެ ހަނދާންތަކުން އޭނަގެ ހިތުގައި ބިންވަޅުނެހިފައިވާ ސޫރައެއް ކުރިމަތީ ހުއްޓިގެން ހުރިކަހަލައެވެ. ޒަރާނާގެ މޫނުމަތިން ފެނުނީ މައިވަންތަ ކަމުގެ ލޯތްބެވެ. ތުންފަތަށްވެރިވި ހިނިތުންވުމަކީ އެމައިވަންތަކަމުގެ ލޯބިން ވެރިވެގެންދިޔަ ހިނިތުންވުމެކެވެ.
"އައްސަލާމް އަލައިކުމް..." ތުއްތު އަޑަކުން ކިޔާން ޒަރާނާއަށް ބުނެލިއެވެ. ޒަރާނާ ފެންކަޅިވެފައި ހުރެ ހީނލަމުން ކިޔާން ދިއްކޮއްލި އަތުގައި ހިފާލަމުން އެއަތުގައި ބޮސްދިނެވެ. އަދި ކިޔާންގެ މޫނުގައިވެސް ބޮސްދިނެވެ.
"ވައިލެކުމުއްސަލާމް.... ކޮންކުއްޖެއް ދަސްކޮއްދިން އާދައެއްތަ ތީ...މަންމަތަ" އަދިވެސް ހިނިއައިސްފައި ހުރި ޒަރާނާތެދުވަމުން ކިޔާންގެ ކޮނޑުގައި ފިރުމާލާފައި އަހާލިއެވެ.
"ލައްބަ، މަންމި ބުނީ އަލަށް ކޮންމެ ކުއްޖަކާ ދިމާވާއިރަށް އެގޮތަށް ބުނަންވާނޭ...ދޯ މަންމީ" ކިޔާން ޒަރާނާއަށް ބަލާލާފައި އޭނަ ބުނިއެއްޗަކަށް އެއްބާރުލުންދޭށޭ ބުނާފަދައިން ޔޫހާއަށް ބަލާލިއެވެ. ޔޫހާ ހޫން ލައްވާލަމުން ޒަރާނާއަށް ހިނިތުންވެލިއެވެ. ޔޫހާއަށް ޒަރާނާ ވަރަށް ކަމުދިޔައެވެ. އޭނަގެ ހިތްހެޔޮކަން ޔޫހާއަށް ފާހަގަކުރެވުނެވެ. މޭޒު ދޮށުގައި ކިޔާން ބޭންދުމަށްފަހު ޔޫހާވެސް އިށީނެވެ. ޒަރާނާ ކިޔާންއަށް ޚާއްޞަ ސަމާލުކަމެއްދޭކަން ޔޫހާއަށް ފާހަގަކުރެވުނެވެ. ކިޔާން އާއި ރައްޓެހިވުމަށް ޒަރާނާއަށް މާގިނަ މަސައްކަތްތަކެއް ކުރާކަށް ނުޖެހުނެވެ. އޭނަ ކިޔާން އާއި ޖެހިގެން އިން ގޮނޑީގައި އިށިންނަމުން ކިޔާން އާއި އެކިއެކި ސުވާލުތައް ކުރުންވީ ކިޔާންއަށްވެސް ޒަރާނާ އާއި ޖެހިލުމެއްނެތި ވާހަކަދައްކަން ކެރުނުކަމަކަށެވެ. އައްޔަދު އާއި ޔޫހާވެސް ދޭތެރެއަކުން ކިޔާންގެ ފަރާތުން އަޑުއިވޭ ޖަވާބުތައް އިވިފަ ހޭންފަށައެވެ. އައްޔަދުއަށް މިނޫނީ އޭނަގެ މަންމަގެ މޫނުމަތިން އެހާބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ނުފެނެއެވެ. ޔޫހާއަކީ ފައުޒީ ބުނާފަދަ އަންހެން ކުއްޖެއްކަން ގަބޫލުކުރަން އައްޔަދުއަށް އަދިވެސް ދަތިވެފައިއެވެ. ފައުޒީ ބުނާފަދަ އެއްވެސް ކަމެއް ޔޫހާގެ ފަރާތުން އޭނައަށް ނުފެނެއެވެ. ޒައުލްއާއި ޔޫހާގެ ގުޅުމެއް އޮންނަކަން އޭނައަށް ޔަގީންކޮއްދިނީވެސް ފައުޒީއެވެ. ޔޫހާ އެއްފަހަރުވެސް އޭނަ ގާތު އެކަހަލަ ވާހަކައެއްނުދައްކައެވެ. ފަހަރެއްގަ އޭނަ ޒައުލް އާއި ބެހޭގޮތުން ނާހާތީކަމަށްވެދާނެއޭ އައްޔަދުގެ ހިތްބުންޏެވެ.
"ކިޔާންގެ ބައްޕަ ކޮބާ؟" ކުއްލިއަކަށް ޒަރާނާ އަހާލި ސުވާލުން ޔޫހާ އަނގަޔަށް ލާލާ އިން އޫ ނުވެއްޓުނީ ކިރިޔާއެވެ. ޔޫހާއަށް ޒަރާނާއަށާއި ކިޔާންއަށް ބަލާލެވުނީ އެކުއެކީގައެވެ. ޔޫހާއަށް ޒަރާނާގެ އެސުވާލަށް ދޭނެ ޖަވާބެއްނޭގުނެވެ. އައްޔަދު އާއި އޭނަގެ އާއިލާއަށް ޔޫހާގެ ދިރިއުޅުމުގެ ސިއްރުތައް ހާމަކުރުމެކޭ ކިޔާންގެ ބައްޕައެއްނެތޭ ބުނުމެކޭ އެއްވަރުވާނެއެވެ. އެއްޗެއް ބުނަންނޭގުނީ އެހެންވެއެވެ.
"މިހެން މިއަހާލީ ޔޫހާ އާއި ވައްތަރުގޮތެއް ކިޔާންގެ ނެތް، ކިޔާންވައްތަރީ އޭނަގެ ބައްޕަ އާއިތަ..." ޒަރާނާ ސުވާލު ބަދަލުކޮއްލިކަމުގައިވިޔަސް އޭނައަށް ޔޫހާގެ މޫނުމަތިން ކަމެއް ނަގައިގަނެވުނެވެ.
"ހޫމް...ކިޔާން ވައްތަރީ އޭނަގެ ބައްޕަޔާ..." ޔޫހާ ޖެހިލުންވެފައި އިނދެ ބުނެލިއެވެ.
ކެއުން ނިންމާލުމާއިއެކު ޒަރާނާ ޔޫހާ އާއި ކިޔާން ގޮވައިގެން ނުކުތީ ގޭގެ ބިއްދޮށުގައި އޮންނަ ހުސްތަނަށެވެ. އެތަނުގައި އާމުކޮށް ޒަރާނާ ނުކުމެ އިންނަ ދަނގަޑު އުނދޯލީގައި އިށީނދެ އޭނަގެ ކައިރީ ކިޔާން ބޭންދިއެވެ. ޔޫހާ އިށީނީ އުނދޯއްޔާއި ކުރިމަތިވާގޮތަށް ހުރި މޭޒެއްގެ ދޮށުގައެވެ. ޔޫހާމެން ދިއުމުގެ ކުރިން ޒަރާނާ އައްޔަދު ފޮނުވީ ކައިރީ ހުރި ފިހާރައަށެވެ. ކިޔާންއަށް ހަދިޔާއެއްނުދީ ފޮނުވާލާކަށް އޭނަގެ ހިތެއް އެއްބަހެއްނުވިއެވެ.
"ކޮންގެއަކުތަ ޔޫހާ އުޅެނީ، ވަޒީފާއަށް ދާވާހަކަ އައްޔަދު ބުނި" ޒަރާނާ ދުފަންއިން ޔޫހާގެ ގާތުގައި އަހާލިއެވެ. ޔޫހާ އޭނަ އުޅޭގެ ބުނަމުން ވަޒީފާއަށް ދާކަމަށް އެއްބަސްވިއެވެ. އެހެންނަމަވެސް ވަރަށް ފަހުން އޭނަވަނީ ވަޒީފާއިން ވަކިވެފައިކަމަށްވެސް ބުންޏެވެ. ހަމައެވަގުތު ޔޫހާއަށް ފޯނެއްއައެވެ. އޭނަ މިހާރު ގެންގުޅޭ ދެފޯނުވެސް އޮތީ ވައިބްރޭޓްވާގޮތަށް ހަދާފައިކަމަށްވީތީ އުނގުގައި އޮތް އަތްދަބަސް ނަގާބަލާލިއެވެ. ކުއްލިއަކަށް ޔޫހާ ތެދުވިގޮތުން ހީވީ ގޮނޑީގައި ހެރޭފަދަ ތޫނުއެއްޗެއް އިންހެންނެވެ.
"ވަރަށް މުހިއްމު ފޯންކޯލެއް...." އަތްދަބަހުގެ ތެރެއިން ނެގި ފޯނަށް ބަލާލަމުން ޔޫހާ ޒަރާނާއަށް ބުނެލިއެވެ. ޒަރާނާ ބޯޖަހާލާފަ ހިނިތުންވެލުމުން ޔޫހާ ފޯނު ނަގާ ކަންފަތުގައި ޖައްސާލައިގެން ހުރެ އެއްފަރާތަކަށް ޖެހިލިއެވެ. (ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު