އިމިގްރޭޝަންގެ އޮފީހެއް ގދ. ތިނަދޫގައި ހުޅުވައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް މިއަދު ދޭން ފަށައިފިއެވެ.
ތިނަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެރަށުގައި ޕާސްޕޯޓްގެ ހިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙެވެ.
އެ ރަސްމިއްޔާތުގައި ގދ. ތިނަދޫއިން އެންމެ ފުރަތަމަ ޕާސްޕޯޓު ދޫކުރެވުނު މީހާއަށް ރައީސް ޞާލިޙް ވަނީ ހަނދާނީ ފިލައެއް އަރުއްވާފައެވެ.
ޚިދުމަތްތައް ލާމަރުކަޒު ކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމުން، މޯލްޑިވްސް އިމިގްރޭޝަންގެ އޮފީސްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުވައި، އިމިގްރޭޝަންގެ ޚިދުމަތްތައް ލާމަރުކަޒު ކުރުމަކީ އެ އިދާރާގެ އިސްތިރާޖީ ޕްލޭންގައި އެކުލެވިފައިވާ މުހިންމު އެއްކަމެވެ.
މިހާތަނަށް، ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ހއ، ހދ، ޏ އަދި އައްޑޫ ސިޓީގައި ލިބެމުން ލިބެއެވެ.

ގދ. ތިނަދޫ އިމިގްރޭޝަންގެ އޮފީހުގައި މަސައްކަތް ކުރާ އޮފިސަރުން އިމިގްރޭޝަން ކޮންޓްރޯލާއާ އެކު --- ފޮޓޯ/ ރައީސް އޮފީސް
ދިވެހި ޕާސްޕޯޓުގެ ޚިދުމަތަށް އެދި މިހާރު ހުށަހެޅޭނީ އޮންލައިންކޮށް، އިމިގްރޭޝަންގެ ޑިޖިޓަލް ޕްލެޓްފޯމް 'އިމުގާ' މެދުވެރިކޮށް އޮންލައިން ކޮށެވެ. އެގޮތުން މި ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓާ ހަވާލުވުމަށް މިހާރު ގދ. ތިނަދޫ އިޙްތިޔާރު ކުރެވޭނެއެވެ. ގދ. ތިނަދޫ އިމިގްރޭޝަން އޮފީހުގެ ޚިދުމަތް ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 3:00އަށް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަންގެ އަމާޒަކީ ޚިދުމަތްތައް ލާމަރުކަޒުކޮށް ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތްތައް ހޯދޭނެ މަގު ތަނަވަސް ކޮށްދިނުމެވެ.