ކުރީގެ ރައީސް ނަޝީދު ބައްދަލުކުރައްވަން އެދިވަޑައިގަތް ކަމަށް ޔާމީން ވިދާޅުވެއްޖެ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރެއްވުމަށް އެދިވަޑައިގަތުމުން އެމަނިކުފާނާ ބައްދަލުކުރެވިފައި ނުވަނީ ވަގުތު ނުލިބިގެން ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޔާމީނާއި ދައުލަތް ހަވާލުކުރެއްވުމަށް ޚިޔާލުކުރައްވައި، ރައީސް ނަޝީދު ޔާމީނާއި ބައްދަލުކުރައްވަން ބޭނުންފުޅުވާ ކަމަށް އެސްއެމްއެސް އަކުން އެދިވަޑައިގެންނެވި ކަމަށް ވާހަކަތައް ދެކެވިފައި ވަނިކޮށް، ރޭ އާޓިފިޝަލް ބީޗްގައި ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އެ ވާހަކަތަކަކީ ތެދުވާހަކަތަކެއް ކަމަށާއި ނަމަވެސް އެމަނިކުފާނާ ބައްދަލުކުރެވިފައި ނުވަނީ އޭނާ އާއި ރައީސް ނަޝީދަށް ވެސް ވަގުތު ނުލިބިގެން ކަމަށެވެ.

"އަޅުގަނޑަށް ]ރައީސް ނަޝީދު[ އެސްއެމްއެސް ފޮނުވި. އަޅުގަނޑާ ބައްދަލުކުރެއްވުމަށް އެދިވަޑައިގެންނެވި ވެސް މޭ. އަޅުގަނޑަށް ވެސް ވަގުތު ނުލިބެނީ. އެމަނިކުފާނަށް ވެސް ވަގުތު ލިބިވަޑައިނުގަތީ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އޭނާއާ ދައުލަތް ހަވާލުކުރަން ރައީސް ނަޝީދު ޚިޔާލުފުޅުކުރައްވާ އިރު އޭނާއާ ގުޅޭ ގޮތުން ރައީސް ނަޝީދު ދައްކަވާފައިވާ 800 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ ވާހަކަ އަދި ވެސް ރައީސް ނަޝީދު ދޮގުކުރައްވާފައި ނުވާ ކަމަށެވެ. އަދި ރައީސް ނަޝީދު ވިދާޅުވާ ފަދަ ޚިޔާނާތްތެރިއަކަށް ދައުލަތް ހިންގުމުގެ ބާރު ދެއްވަން މަސައްކަތް ކުރައްވަނީ ހެޔޮވިސްނުންފުޅުގައި ހުންނަވައިގެންތޯ ޔާމީން ވަނީ ސުވާލު އުފައްދަވައިފަ އެވެ.

"އެކަމަކު އެވަރުގެ ޚިޔާނާތްތެރިއަކަށް ރައީސް ނަޝީދު އެވަރަށް ކަތިލައްވަން ބޭނުންފުޅުވި މީހަކަށް ރައީސް ނަޝީދު ހެޔޮހާލުގައި ހެޔޮ ވިސްނުންފުޅުގައި ހުންނަވައިގެންތޯ އަނެއްކާ ވެސް ދައުލަތް ހިންގުމުގެ ހުރިހާ ތާއީދަކާއި މަދަދުވެރިކަން ދެއްވަން އުޅުއްވަނީ،" ޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފެބުރުއަރީ ހަތް ވަނަ ދުވަހު ސަލާމަތީ ބަރުތަކުންނާއި ރައްޔިތުންގެ ތެރެއިން ބަޔަކު ރައީސް ނަޝީދުގެ ސަރުކާރާ މެދު ހިތްހަމަ ނުޖެހިގެން ޝުއޫރުފާޅުކުރަން ފެށުމުން އެކަން ހައްލުކުރެއްވުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އަދި އެކަމުގައި ރައީސް ނަޝީދުގެ އެދިވަޑައިގަތުމަކަށް ޕީޕީއެމް އިން ވެސް ސަލާމަތީ ބާރުތަކާ ވާހަކަތައް ދައްކާފައިވާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ އެއްވެސް ބަޔަކު ވެރިކަމުން އިސްތިއުފާދެއްވުމަށް ރައީސް ނަޝީދަށް ބިރުދައްކާފައި ނުވާ ކަމަށާއި އިސްތިއުފާދެއްވި އިރު ވެސް އަދި އަލުންވެރިކަން ހޯދުމަށް މަސައްކަތްކުރައްވާ އިރު ވެސް އެމަނިކުފާނު ހުންނެވީ ހިނދުކޮޅުގައި ކަމަށެވެ.

"ނެގޯޝިއޭޓް ކުރައްވަން މަސައްކަތް ކުރެއްވި. ޕީޕީއެމްގެ ރުހުން ލިބޭތޯ ބެއްލެވި ރައީސް ނަޝީދު ވެރިކަމުގައި ހުންނަވަން. ޕީޕީއެމުން ސަލާމަތީ ބާރުތަކުގައި ތިބި މީހުންނަށް ނަސޭހަތް ދީގެން ރައީސް ނަޝީދަށް ފުރުސަތު ހޯދަން މަސައްކަތް ކުރެވުނު. މިވާހަކަތައް އަޅުގަނޑަށް ދެއްކޭނެ. އެއީ މިވާހަކަތައް އަޅުގަނޑާ ދައްކަވާފައި ހުރީ، އެއިރު ވެސް އެއީ ހިނދުކޮޅެއް މިހާރު ވެސް އެ އަނަންނަނީ ހިނދުކޮޅެއް،" ޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާދެއްވުމަށް ފަހު ދައުލަތާއި އަމިއްލަ ފަރާތްތަކުގެ މުދަލަށް ގެއްލުންތަކެއް ދިނުމަށް ފަހު އަނެއްކާ ވެސް ރައްޔިތުންނާއި ދައުލަތަށް ހެޔޮއެދިވަޑައިގެން ކަމަށް ވިދާޅުވެ، ރާއްޖޭގެ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތްތަކުގައި އެއްވެސް އިޚުލާސްތެރިކަމެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ޑިމޮކްރެޓިކް ޕާޓީކަމަށް ރައީސް ނަޝީދު ވިދާޅުވާ އިރު އެ ޕާޓީގެ އެތައް ހާސް މެންބަރުން ވޯޓުދީގެން އިންތިޚާބުކޮށްފައިވާ ރައީސް އާއި ނާއިބް ރައީސް ގައުމީ މަޖިލީހުގެ ފަސްދޮޅަހަކަށް މީހުން ވޯޓުދީގެން މަގާމުން ވަކިކުރާ ހިސާބަށް ދިޔައިމާ އެ ޕާޓީގެ ޑިމޮކްރެސީއާ ދޭތެރޭ ސުވާލުއުފެދިފައިވާ ކަމަށެވެ.

އެމްޑީޕީ އިން ދާދިފަހުން ވަކި ކުރި، އެ ޕާޓީގެ ނާއިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެފައި ވަނީ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް ފަހު، ރާއްޖޭގެ ވެރިކަމަށް ޔާމީން ގެނައުމަށް މަސައްކަތް ކުރައްވާ ވާހަކަ އެ ޕާޓީގެ ޕާލަމެންޓް ގްރޫޕުގެ މެންބަރުންނާ ބައްދަލު ކުރައްވައި ވިދާޅުވި ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު