ރާއްޖެއިން ހައްޖަށްދިޔަ ތިންވަނަ ދިވެއްސަކު ނިޔާވެއްޖެ

ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ތިން ވަނަ ދިވެއްސަކު ނިޔާވެއްޖެއެވެ.

"ސަން"އަށް ކަށަވަރުވެފައިވާ ގޮތުގައި ނިޔާވެފައިވަނީ ނ. ހޮޅުދޫ، އުދަރެސް، އުމުރުން 70 އަހަރުގެ ގާސިމް އިބްރާހީމެވެ. އެއީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް ދިޔަ މީހެކެވެ.

ހައްޖު ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވީ، ގާސިމް ހޮޓަލުގައި ހުއްޓައި ޚަބަރެއް ނުވެގެން ގޮސް ބެލީއިރު އޮތީ މަރުވެފައި ކަމަށެވެ.

މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ގޮތުން މައްކާއަށް ދިޔަ ދިވެހީންގެ ތެރެއިން އެންމެ ފުރަތަމަ ނިޔާވެފައި އޮއްވައި ފެނުނީ އަރަފާތަށް ދިޔުމުގެ ކުރިން ގެއްލިގެން ހޯދަމުން އައި ދުވަސްވީ ފިރިހެނެކެވެ.

ގެއްލިގެން ހޯދާތާ ހަތަރު ދުވަސް ފަހުން މަރުވެފައި އޮއްވައި ފެނުނީ ރ. މާކުރަތު، މަލަ، މުޙައްމަދު ނަސީމް ޢަލީ،72، އެވެ.

އޭނާ މަރުވެފައި އޮއްވައި ފެނުނީ ނޫރު ފަރުބަދައާ ދިމާލުން ހޮނިހިރު ދުވަހުގެ ރޭ ދަންވަރުގެ 1:55ހާއިރުއެވެ.

އެއީ އަލް ހަރަމައިން ހައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހަވާލުގައި ހައްޖަށްދިޔަ މީހެކެވެ.

މީގެ އިތުރުން ދެން މަރުވެފައި ވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ އުމުރުން 72 އަހަރުގެ ދ. މާއެނބޫދޫ، ފިޔާތޮށިގެ، ޢަލީ ޙަސަނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އޭނާ މަރުވީ މައްކާގެ ސަޢުދީ ޖާމަން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް ކަމަށެވެ.

comment ކޮމެންޓް