28 އޭޕްރިލް 2012 އާ ގުޅޭ

ރީތިވެލައިގެން ސިޓިން ރޫމަށް ނުކުތް ޔޫހާ ހުރީ ލަދުވެތި ކަމާއިއެކު ޖެހިލުންވެފަ އެވެ. ނަމަވެސް މަޑު ހިނގުމެއްގައި އައިސް ވަކިން ހުރި ސޯފާގޮނޑީގައި އިށީނދެއްޖެއެވެ.
"އަހަރެން މިއައީ ޔޫހާގެ ކައިރިން ވަރަށް ބޮޑު ކަމަކަށް އެދެންވެގެން" ޒައުލް އޭނަ އައި ބޭނުން ޔޫހާގެ ގާތުގައި ބުނަން އުޅުނެވެ. ޔޫހާ ޒައުލްއަށް ބަލާލާފައި އެއީ ކޮންކަމެއްތޯ ސުވާލުކުރި އެވެ. ޒައުލް އޭނަ ބޭނުންވާ ކަންތައްތައް ވަރަށް ތަފްޞީލުކޮށް ޔޫހާއަށް ކިޔާދެމުންދިޔައެވެ. އާދައިގެ މަތިން ފުރަތަމަ ޔޫހާ އެކަމާ ދެކޮޅު ހެދިއެއްކަމަކު ޒައުލްއަށްޓަކައި ފަހުން އެއްބަސްވިއެވެ. ޒައުލް އެކަމުގައި ޔޫހާއަށް އެހީވުމަށް އަންނާނަން ކަމުގައި ބުނެ ދެން އެދުނީ އޭނަ އާއިއެކު ކާން ރެސްޓޯރެންޓަކަށް ދިއުމަށެވެ. ކިޔާންވެސް ގޮވައިގެން އޭނަ ބޭރަށް ދާހިތްވީ ކަމުގައި ބުންޏެވެ. ހަގީގަތުގައި ޒައުލް މިހާރު ޔޫހާ އާއި ކިޔާން އާއިއެކު ބޭރުތެރެއިން ފެންނަން ބޭނުންވަނީއެވެ. ޔޫހާއަކީ އޭނަގެ މީހެއްކަން އެހެންމީހުންނަށްވެސް އަންގަން ބޭނުންވަނީއެވެ.
"އެއީ ރަނގަޅު ހިޔާލަކަށް ވާނެތަ" ޔޫހާ ސުވާލުކޮއްލި އެވެ.
"ކީއްވެ ނުވާންވީ، އަހަރެންގެ ވާންއުޅޭ އަނބިމީހާ އާއި ދަރިފުޅު ގޮވައިގެން ބޭރަށް ކާލަން ދިއުމަކުން މަައްސަލައެއް ނެތެއްނު" ޒައުލް ކުޑަކޮށް ހިނިތުންވެލަމުން ވާހަކަދެއްކިއެވެ.
ޔޫހާ އާއެކޭ ބުނެލާފަދަ ގޮތަކަށް ބޯޖަހާލަމުން ކިޔާންއަށް ގޮވާލާފައި އޭނަ ގޮވައިގެން ކޮޓަރިއަށްވަނީ އޭނަ ތައްޔާރުކޮއްލުމަށެވެ. ޔޫހާ އޭނަގެ ވަޒީފާއަށް ނުކުތުން މިއަަދަށްފަހު ހުއްޓާލީ އެވެ. ޔޫހާގެ އެ ނިންމުމާއިމެދު ޒައުލް ވަރަށް ހިތްހަމަޖެހުނެވެ. އެމީހުން ބޭރަށް ދާން އުޅެނިކޮށް ޔޫހާއަށް ފޯނެއް އައެސްގެން ބަލާލިއިރު އޭނައަށް ގުޅަނީ އައްޔަދުއެވެ. އެވަގުތު ފޯނަށް ޖަވާބު ދިނުން ރަނގަޅެއް ނުވާނޭ ޔޫހާގެ ހިތަށް އަރާފައި ފޯނު ކަނޑާލި އެވެ. ދެވަނަ ފަހަރަށްވެސް އައްޔަދު ގުޅިއެވެ. އަދި ތިންވަނަ ފަހަރަށް ގުޅުމުން އަވަސް އަވަހަށް ފޯނަށް ޖަވާބުދިނީ ޒައުލް އެއްޗެއް ހީކޮއްފާނެތީ އެވެ.
"މިވަގުތު ބިޒީ" ޔޫހާ އަވަސް އަވަހަށް ބުނެލިއެވެ.
"މިގަޑީގަ އާމުކޮށް ޔޫހާ ފްރީވާނެތީ މިގުޅާލީވެސް، ކޮބާ ހާލު ކިހިނެއްތަ؟ އައި މިސްޔޫ، ވަރަށް ހަނދާންވޭ ޔޫހާ މަތިން، ޔޫހާ... އަހަންނާއިއެކު އަހަރެންގެ މަންމަ އާއި ބައްދަލު ކުރަން މިގެއަށް އަންނާނީ ކޮންދުވަހަކުތަ؟ ޔޫހާ އެކަމަށް ވަކި ޖަވާބެއް ނުދެމެއްނު... އަހަންނަށް އެނގޭ ޔޫހާ އެހާހިތްހަމައެއް ނުޖެހޭކަން ބޭރުގަ އަހަންނާއިއެކު އުޅޭކަށް....މެންދުރުފަސް ޑިއުޓީއެއްނު މިހާރު ތިނަގަނީ، ޑިއުޓީ ބަދަލުވީމަ ދާނަން ބަލާ" އައްޔަދު ބުނެލި އަޑުއިވުނެވެ.
"ފަހުން ދޯ..." ޔޫހާ އުނދަގޫ ގޮތަކަށް ބުނެލި އެވެ.
"ޔޫހާ، މީހަކު ހުރީތަ ކައިރީގަ، އެހެންވެ ދޯ ބުނަން ބޭނުން އެއްޗެއް ރަނގަޅަށް ނުބުނެވިގެން ތިއުޅެނީ" އައްޔަދުއަށް ޔޫހާ ވާހަކަދައްކަން އުނދަގޫވެގެން އުޅޭހެން ހީވެ އަހާލިއެވެ. ޔޫހާ ހޫން ލައްވާލަމުން ފަހުން ގުޅާނަން ކަމުގައި ބުނެ ފޯނު ބޭއްވިއެވެ. އޭރު ޒައުލް ނޫން ކަމަށް ހެދިގެން ހުއްޓެއް ކަމަކު ޔޫހާގެ ހުރިހާ ހަރަކާތަކަށާއި ފޯނުން ދައްކަމުންދިޔަ ވާހަކައަށް ސަމާލުކަން ދީފައިވެ އެވެ. ޔޫހާ ފޯނު ކޯލު ކަނޑާލުމާއިއެކު އަތްދަބަހަށް ފޯނުލި އެވެ. ޒައުލް އޭނަގެ ކައިރިން ފޯނުން ވާހަކަ ދެއްކީ ކާކާތޯ ސުވާލުކުރިއެވެ. ޔޫހާ ޖެހިލުންވެ ހުރެވެސް ދޮގު ނުހަދަންވެގެން އަޔާއޭ ބުނެލި އެވެ. އިތުރަށް ޒައުލް އެއްވެސް އެއްޗެއް ނުބުނީ ވީ ފޫއްސެއްގެ ބޮޑުކަމުންނެވެ. އަދިވެސް އެމީހަކު ޔޫހާ އާއި ގުޅުންބާކަން އެނގުމުންނެވެ. އެކަމަކު އެކަން މަނާ ނުކުރީ މިހާރުވެސް ވަރަށް ގިނަ ކަންތައްތަށް ކޮއްދިނުމަށް ޔޫހާގެ ކައިރިން އެދިފައިވާތ ީއެވެ.
ޔޫހާގެ ދިރިއުޅުން ބަދަލުވާން އުޅޭކަހަލަ އެވެ. މިހާރުއްސުރެ އެފަދަ އިޙްސާސްއެއް ޔޫހާއަށް ކުރެވެންފަށައިފ އެވެ. ޒައުލް އޭނަ ބޭނުންވާ ގޮތަށް ޔޫހާގެ ހުރިހާ ކަމެއް ބަދަލު ކުރާނެކަން ޔޫހާއަށް އެނގެއެވެ. ލޫލުއާގެ ކައިވެނީގެ ވާހަކަތަކާއިއެކު ޒައުލް ހާޒިމްގެ އާއިލާގެ ވާހަކަ ދެއްކިއެވެ. އެފަދަ ބޮޑު ކައިވެނި ޕާޓީއެއް އޭނަވެސް ޔޫހާ އާއި ކައިވެނި ކުރާދުވަހުން ބާއްވަން ބޭނުންވާ ވާހަކައެވެ. ދެމީހުންގެ އާއިލާވެސް އެކައިވެނީގައި ފެނިގެންދިއުމެވެ.

ލޫލުއާގެ ކައިވެނީގެ ކަންތައްތައް ތައްޔާރު ކުރުމުގައި އެންމެން ހޭބޯ ނާރާ އުޅެއެވެ. ކައިވެނި ޕާޓީ ބާއްވާނެ ތަނަކާއިމެދު މަޝްވަރާ ކުރުމަށްފަހު އެންމެ ފަހުން ހަމަޖެހުނީ ގާރޑަންވިއުގެ ބޮޑު ހޯލްގައި ބޭއްވުމަށެވެ. ލާއިގާ ދެކުނުގޮތުގައި އެތަނުގައި އެންމެ ފަހުން ހިނގި ހާދިސާއަށްފަހު އެތަނުގެ ނަން އަރައިގެންދާނެ ކަމެއްގެ ގޮތުގައި އެކައިވެނިވާނެތީއެވެ. އެތަނުގައި އެއްފަހަރާ އެތަށް ބަޔަކަށް ދަތިކަމެއްނެތި އުޅެވޭނެކަން ގައިމެވެ. ތިންދުވަހުގެ ތެރޭގައި ކައިވެނި ކުރަން ހަމަޖެއްސި ތާރީޙް ފާސްވެ ޤާޟީ އަންނާނެ ގަޑިވެސް އެނގިގެންދިޔައެވެ. ޒައުލް ލާއިގާއަށް ފެންނަ ހިސާބުން ދުރަށް ނުގޮސް އުޅެއެވެ. ކައިވެނީގެ ހުރިހާ ކަމެއްގައި ލާއިގާ ބޭނުންވާގޮތަށް އެހީތެރިވަމުންނެވެ. އަނެއްކޮޅުން އޭނަ ދުވާލަކު އެއްފަހަރު ވިޔަސް ޔޫހާއަށް ގުޅާލައެވެ. އާމުކޮއް ނިދަން އޮށޯންނަމުން ޔޫހާގެ ހާލު ބަލާލަން ގުޅާ ފޯނު ކޯލު ދިގު ދެމިގެންދެއެވެ.

ކައިވެނި ޕާޓީ އޮތް ދުވަސް އަތުވެއްޖެއެވެ. އެންމެންގެ ހާސްކަންވެސް ނިމުމަކަށް އައީއެވެ. ހަތެއް ޖަހާއިރު ޤާޟީ ގާޑަންވިއަށް އަންނަން ވާއިރަށް މަޑުރަންކުލަޔާ ކަޅު ރަތްކުލައިގެ ކައިވެނި ހެނދުމުގައި ލޫލުއާ ތައްޔާރުވެލައިފައި ހުރިއިރު ހީވަނީ ޝާހީ އާއިލާއެއްގެ ރާނީއެއް ހެންނެވެ. އެހާވެސް ފުރިހަމައެވެ. ހުރިހާ މެންބަރުންވެސް ތައްޔާރުވެލާފައިވަނީ ވަރަށް ފުރިހަމައަށެވެ. ރީތި ހެދުންތަށް ދައްކާލުމުގެ ޝޯއެއްފަދައެވެ. ތަފާތު ޑިޒައިންތަކުގެ ހެދުންތަކުގައި އާއިލާގެ މެންބަރުން ފެންނަމުންދިޔައެވެ. ކޯޓު ފަޓުލޫނުގައި ހުރި ޒައުލް މަންސޫރުގެ ގާތުގައި މަޑުކޮއްލައިގެން ހުއްޓެވެ. އިރު އިރުކޮޅާ އަތުކުރީ އޮތް ގަޑިއަށް ބަލާލައެވެ. ކޮންމެވެސް ވަރެއްގެ ހާސްކަމެއް އެމޫނުމަތިން ފެންނަމުންދިޔައެވެ.

ބަރާބަރު ގަޑިއަށް ކައިވެނިކޮއްދޭ މީހުން އައެވެ. އެމީހުންނާ ބައްދަލު ކުރީ ސަމަދު އާއި މަންސޫރެވެ. ޤާޟީ ވަރަށް ހިނިއައިސްފައި މަންސޫރަށް މަރުޚަބާ ކިޔެވެ. އޭނައަށް މަންސޫރަކީ ކާކުކަން އެނގުނީއެވެ. ސަމަދު ކައިވެނި ކުރަން ހަމަޖެހިފައިވާ މޭޒުގެ ދޮށުގައި އިށީނުމަށް އިޝާރާތްކޮއްލިއެވެ. އެވަގުތު ހާޒިމްވެސް އައިސް ކައިވެނި ކޮއްދޭ މީހުންނާ ސަލާމް ކޮއްލަމުން އޭނަ އިށިންނަންވާ ގޮނޑީގައި އިށީނދެއްޖެއެވެ. ލާއިގާ އާއި ހާޒިމްގެ އާއިލާ ކުދިން ލޫލުއާ ގޮވައިގެން އައިސް ހާޒިމް އާއި ޖެހިގެން އިން ގޮނޑީގައި އިށީނުމަށް މަޑުމަޑުން ބުނެލިއެވެ. ކައިވެންޏަށްޓަކައި ޗުއްޓީ ނަގައިގެން ހުރި ލޫލުއާ ކައިވެނި ކުރަންވީ ވަގުތު ޖެހުނުއިރު ދުވަހަކުވެސް ހާސްނުވާވަރަށް ހާސްވެ ފިނިވެފައިވެއެވެ. ހެކިވެރިންނާއިއެކު އެމޭޒުގެ ދޮށުގައި ޒައުލް އާއި ސަމަދުގެ ބޭބެވެސް އިނެވެ. ޤާޟީ ކައިވެނި ކޮއްދީ ނިމުމުން އެންމެންގެ އަޑުތައް ގަދަވެގެން ދިޔައީ ކައިވެނިކުރި ދެމެންބަރުންނަނަށް އާކައިވެނީގެ މަރުޙަބާ ކިއުމުގައެވެ. ފޮޓޯތަކުގެ ޕްލޭޝްތައް ކެނޑެމުންދިއުމުގެ އިތުރުން ވީޑިއޯ ކުރާ ބަޔަކުވެސް އެތަނުގައި އުޅެއެވެ. ކައިވެނިކޮއް ނިމުމުން ކައިވެނިކުރަން ތައްޔާރުކޮއްފައި ހުރި މޭޒުނަގާ ހޯލު ހުސްކޮއްލީ އަންނަ މެހެމާނުންނަށްޓަކައެވެ.
މެހެމާނުން އަންނަން ފެށުމާއިއެކު އާއިލާ އާއިއެކު ހުރި ޒައުލް ކުއްލިއަކަށް ގެއްލިއްޖެއެވެ. މަންސޫރުއަށް ޒައުލް ނުފެނުމުން ހިތަށްއެރީ މީހުން ގިނަވީމަ ބޭރަށް ނުކުމެލީކަމަށެވެ. ލާއިގާގެ ގާތުގައި ހުރި އީލާކްއަށް އޭނަގެ ދެރަޙުމަތްތެރިން ފެނުނުއިރު ވަރަށް ހައިރާން ކުރުވަނިވި ކަމެއްވެސް ފާހަގަ ކުރެވުނެވެ. އަވަސް އަވަހަށް އެމީހުން ކައިރިއަށް ދިޔައެވެ. ޝުދުފާ އާއި ރޮޒޭން އީލާކްގެ އަތުގައި ހިފާ ވާހަކަދައްކަންފެށީ އެއްފަހަރާ ކަހަލަ ގޮތަކަށެވެ. ތަނުގެ ފުރިހަމަކަމުގެ ވާހަކައެވެ. ނަމަވެސް އީލާކްގެ ސަމާލުކަން ހުއްޓުނީ ރޮޒޭން އާއިއެކު ހުރި ޒުވާނާއަށެވެ.
"އީކް، މީ ޝާއިން... ޝާއިން މީ އީކް... މައި ބެސްޓު ފްރެންޑް" ރޮޒޭން ހީލާފައި ޝާއިން އާއި އޭނަގެ ރަޙުމަތްތެރިއާ ތަޢާރަފްކޮއްދިނެވެ. ޝާއިން ހީލާފައި ސަލާމްކޮއްލި އެވެ. އަދި އެކުދިންގެ މެދުގައި ޝާއިންގެ ވާހަކަ ދެކެވެންފެށުނެވެ. ޝާއިންއަށް ހުރީ ވާނުވާ ރަނގަޅަށް ނޭގިފައެވެ. އޭނައަށް އާދެވިގެން މިއުޅެނީ މަންސޫރުގެ ދޮށީ ދަރިފުޅުގެ ކައިވެނި ޕާޓީއަށްކަންވެސް އެނގުނީ ރޮޒޭން އާއިއެކު ގާޑަންވިއުއަށް މަޑުކޮއްލުމުންނެވެ. ކުރިންވެސް ރޮޒޭންގެ ރަޙުމަތްތެރިއެއްގެ ޕާޓީއަކަށް ދާންޖެހިފައިވާކަން ވަނީ އެނގިފައެވެ. ރޮޒޭންއަށްޓަކައި އޭނަ ކޮންމެ ކަމެއްވެސް ކުރާނެއެވެ. އެތަނުގައި ތިބި ގިނަ މެހެމާނުންގެ މެދުގައި ހުރުން އޭނައަށް ފަސޭހަ ކަމަކަށްނުވިޔަސްއެވެ.
މުޅި ހޯލްތެރޭ މެހެމާނުން ފުރިފައިވަނިކޮށް އެންމެންގެ ލޯތަށް ހުއްޓިގެން ދިޔައީ ގާޑަންވިއުގެ ދޮރުން ވަދެގެން އައި މަންސޫރުގެ ޒުވާން ފިރިހެން ދަރިފުޅަށެވެ. ދެން އޭނަގެ އަތުން އެއަންހެން ކުއްޖެގެ ފަހަތުގައި އަތްޖައްސާލައިގެން ހުރި އަންހެން ކުއްޖާއަށެވެ. ކަޅުރަތްކުލައަކަށްދާ ދިގު ހެދުމާއި ރީތި ސްޓައިލަކަށް ހަދާލެވިފައިހުރި ބުޅި އިސްތަށިގަނޑެކެވެ. އެންމެންގެ ލޯތަށް އެއަންހެން ކުއްޖާ އާއިވަކިވެގެން ނުދިޔައީ މީގެ ކުރިން ޒައުލް އެފަދަ ގާތްގޮތަކަށް އަންހެން ކުއްޖަކާއިއެކު ފެނިފައިނުވާތީއެވެ. ލޫލުއާމެން ހުއްޓިލައިގެން ތިބިތަނާ މާދުރުނޫން ހިސާބެއްގައި ހުރި މޭޒެއްގައި އިށީނދެ ވާހަކައިގައި ތިބި ލާއިގާއަށް ރެއަކާ ލީ އީލާކް ދުވެލާފައި އައިސް އެވާހަކަ ބުނުމުންނެވެ. އޭރު ހައިރާން ކަމާއިއެކު މަންސޫރުވެސް ހުރީ ޒައުލްއަށް ބަލަހައްޓައިގެން ބުނާނެ އެއްޗެއް ނޭގިފައެވެ. ލާއިގާއަށް ވަގުތުން ތެދުވެވުމާއިއެކު ފަހަތަށް އެނބުރިލެވުނީ ޒައުލް ހޯދާލުމަށެވެ. އޭރު ޒައުލް އެއަންހެން ކުއްޖާ އާއިއެކު ލޫލުއާ އާއި ހާޒިމް ހުރި ދިމާލަށް އަންނަނީއެވެ.
"ކޮންގްރެޓްސް ދޮންތާ..." ޒައުލް ލޫލުއާ އާއި ސަލާމް ކޮއްލަމުން ހިނިތުންވެލާފައި ބުނެލިއެވެ.
"ތޭންކްސް....މީ ކޮންކުއްޖެއްތަ" ލޫލުއާއަށް އަވަހަށް އަހާލެވުނެވެ.
"ޔޫހާ..." ޒައުލް އޭނަގެ ކައިރީ ހުރި ޔޫހާއަށް ބަލާލަމުން ކުރިއަށްވުރެވެސް ބޮޑަށް ހިނިތުންވެލާފައި ލޫލުއާއަށް ބުނެލިއެވެ.
"ޔޫ ލުކް ބިއުޓިފުލް އެންޑް ކޮންގްރާ" ޔޫހާ އޭނަގެ އަތުގައި އޮތް ހަދިޔާ ދިއްކޮއްލަމުން ބުނެލިއެވެ.
"ޔޫ ޓޫ ވެރީ ބިއުޓިފުލް" ލޫލުއާ ބުނެލިއެވެ. ހަގީގަތުގަވެސް ޔޫހާ ވަރަށް ރީއްޗެވެ. އެއީ ކުރީގެ ޔޫހާއޭ ބުނާވަރެއްވެސް ނުވެއެވެ. ހީވަނީ މުޅިން އާމީހެއް ހެންނެވެ. އަދި ޒައުލްގެ އަތުގައި ހިފާލައިގެން ހުންނައިރު ޔޫހާ އާއިމެދު ހަސަދަވެރި ނުވާ އަންހެން ކުއްޖަކު އެޕާޓީގައި ހުންނާނެ ހެނެއް ހިޔެއްނުވެއެވެ. ޒައުލްއަށް ލާއިގާ ބަލަހައްޓައިގެން ހުރިގޮތް ފެނުމުން ދެން ހިނގައިގަތީ ލާއިގާގެ ގާތަށް ދިއުމަށެވެ.
"މިކޮޅަށް ބަލަން އެހުރީ އަހަރެންގެ މާމަ..." ޒައުލް ބުނެލިއެވެ. ޔޫހާ ހާސްވެ ކަންބޮޑުވިވަރުން ފައިއޮޅޭގޮތްވެ ވެއްޓެން އުޅުނެވެ. އަރާފައި ހުރި އުސް ކަށި ބޫޓުން ބެލެންސް ކުރަންވެސް އުނދަގޫވީއެވެ. ޒައުލް ޔޫހާގެ ގައިގާ ދެއަތުން ހިފަހައްޓާލިއެވެ. އަދި ލުއިލުއި ގޮތަކަށް ހީލީ އޭނައަށް ޔޫހާގެ ހާސްކަމާއި އެއަތްތިލައަށް ވެރިވެފައިވާ ފިނިކަން އިޙްސާސް ކުރެވިގެންނެވެ. ރަންކުލައިގެ ދިގު ކްލަޗްގައި ހިފަހައްޓާލައިގެން ކުރިއަށްވުރެވެސް ބާރަށް ޒައުލްގެ އަތުގައި ހިފަހައްޓާލަމުން ޔޫހާ ހިނގަމުންދިޔައެވެ.
"މާމާ....މީ ޔޫހާ..." ޒައުލް މިހެން ބުނެލީ ޖެހިލުންވެފައި ހުރެއެވެ. އެހެންނަމަވެސް ލާއިގާ ހިތްހަމަނުޖެހުނަސް އެއްޗެއް މިވަގުތު ނުބުނާނެކަން ޒައުލްއަށް އެނގެއެވެ. ޔޫހާ ހިނިތުންވެލަމުން ލާއިގާއަށް ސަލާމްކޮއްލަން އަތްދިއްކޮއްލިއެވެ. ލާއިގާ ވަރަށް ބޮޑަށް ހިނިތުންވެލަމުން ޔޫހާގެ އަތުގައި ދެއަތުން ހިފާލާފައި ވާހަކަ ދައްކަން ފެށިއެވެ.
"މީތަ ޒައުލްގެ ޚާއްޞަ ކުއްޖަކީ..." ލާއިގާއަށް ވަގުތުން ނަގައިގަނެވުނެވެ. ޒައުލްއަށް އައިސްގެން އުޅޭ ބަދަލުތަކުގެ އަސްލަކީ ޔޫހާކަމެވެ. ދޭތެރެއަކުން ވާނުވާ ނޭގި ގޭތެރެއިން ގެއްލެނީ ކީއްވެކަންވެސް މިހާރު ލާއިގާއަށް އެނގިއްޖެއެވެ. ހަމައެކަނި ޔޫހާގެ ނަން އެނގުމުން އޭނަގެ ހިތެއް ނުފުރުނެވެ. ނަމަވެސް ޔޫހާއަށް ބަލާލާފައި އޭނަގެ ހިތްހަމަޖެހޭފަދަ އެތަށް ސިފައެއް ލާއިގާއަށް ފާހަގަ ކުރެވިގެންދިޔައެވެ. ޚާއްޞަކޮށް ޔޫހާގެ ރީތިކަމާއި އޭނަގެ މުއްސަނދިކަން ދައްކުވައިދޭ ސްޓައިލެވެ. ޒައުލްގެ ގާތުގައި ހުންނައިރު އަދިވަކިން އެދެކުދިން ފުރިހަމަކަން ލާއިގާއަށް ފާހަގަކުރެވުނެވެ. (ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު