ކުރީގެ ގައުމީ ކްރިކެޓް ކޯޗަށް 53 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އިއްވައިފި

ގައުމީ ކްރިކެޓު ޓީމުގެ ކުރީގެ ކޯޗު އާސިފް ޙާން --

ގައުމީ ކްރިކެޓް ޓީމްގެ ކުރީގެ ކޯޗް މުޙައްމަދު އާސިފް އަމީން ޚާންގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތައް ސާބިތުވެ އޭނާއަށް 53 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފިއެވެ.

ޕާކިސްތާނަށް އުފަން، ދެކުނު އެފްރިކާގެ އާސިފް ޚާން ކޯޗުކަން ކޮށްދީފައިވާ 18 އަހަރުން ދަށުގެ އަދި 18 އަހަރުން މަތީގެ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި އެންމެ ފުރަތަމަ ހައްޔަރު ކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަސްވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް ނުވަ ދައުވާއެއް އުފުލިއިރު ހަތް ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ސާބިތުވު ހަތް ދައުވާ:

  • ޖިންސީ ގޯނާ ކުރުމުގެ ތިން ދައުވާ
    ކުޑަކުއްޖަކު އިތުބާރުކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާ
  • ހަޑިހުތުރު އެއްޗެއް ކިޔުމާއި ހަޑި ހުތުރު ބަސް ބޭނުންކުރުމުގެ އެއް ދައުވާ
  • ޖާއިޒް މަގްސަދެއް ހާސިލް ނުވާނެ އަމަލަކުން މާއްދީ ގޮތުން ހުތުރު ހާލަތެއް އުފެއްދުމުގެ އެއް ދައުވާ

މި ދައުވާތައް ސާބިތުވެ އޭނާއަށް ވަނީ ޖުމްލަ 53 އަހަރާއި ދެ މަހާއި ހަތް ދުވަހަގެ ޖަލު ހުކުމެއް އިއްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޖިންސީ ގޯނާކުރުމުގެ ތިން ދައުވާއަށް އިއްވި 21 އަހަރުގެ ޖަލު ހުކުމާއި ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާއަށް އިއްވި 32 އަހަރާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާއަށް އިއްވި އެއް ހަމާއި 15 ދުވަހެވެ. އަދި ޖާއިޒް މަގްސަދެއް ހާސިލް ނުވާނެ އަމަލަކުން މާއްދީ ގޮތުން ހުތުރު ހާލަތެއް އުފެއްދުމުގެ ދައުވާއަށް ވަނީ 22 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ރާއްޖޭގެ އަންހެން އަދި ފިރިހެން ކްރިކެޓްގެ ޓީމުގެ ކޯޗުގެ މަގާމަށް އޭނާ އައްޔަނުކުރީ 2018 ވަނަ އަހަރުއެވެ. ބޮޑެތި ތުހުމަތުތަކެއްގައި އޭނާ އެންމެ ފުރަތަމަ ހައްޔަރުކޮށް ކްރިމިނަލް ކޯޓަށް ބަންދުގެ މުއްދަތު ޖަހަން ހާޒިރު ކުރިއިރު، ހައްޔަރު ކުރިތާ 24 ގަޑިއިރަށް ވުރެން ގިނައިރު ވެފައި ވާތީ ކޯޓުން އޭނާ ދޫ ވެސް ކޮށްލިއެވެ.

ހައިކޯޓުގެ އަމުރާއެކު އޭނާ ދެވަނަ ފަހަރަށް ހައްޔަރު ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހުއެވެ. އޭރު ހައިކޯޓުން ވަނީ އޭނާގެ ޕާސްޕޯޓު ވެސް ހިފަހައްޓާ ފުރުން މަނާކޮށްފައެވެ.

comment ކޮމެންޓް