ސިޓީގެ ކޮންމެ ކުޅުންތެރިޔަކީ ވެސް ކެޕްޓަނެއް: ޑިއާސް

މެންޗެސްޓާ ސިޓީގެ ޕޯޗުގަލް ޑިފެންޑަރު ރުބެން ޑިއާސް -- ފޮޓޯ/ ގެޓީ

މެންޗެސްޓާ ސިޓީގެ ތަފާތަކީ އެ ޓީމުގައި ހާއްސަ ފެންވަރެއް ހުރުން ކަމަށް ޕޯޗުގަލް ޑިފެންޑަރު ރެބެން ޑިއާސް ބުނެފިއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ސިޓީން މާދަމާ ރޭ އިޓަލީގެ އިންޓަ މިލާނާ ދެކޮޅަށް ނުކުންނަ އިރު، ސިޓީގެ ތަފާތަކީ އެޓީމުގެ ލީޑާޝިޕް ކަމަށް ޑިއާސް ވަނީ ބުނެފައެވެ.

"އަހަރެމެންގެ އެބަތިބި ފަސް ކެޕްޓަނުން. އެކަމަކު އަހަރެމެން ހުރިހާ ކުޅުންތެރިންނަކީ ވެސް ކެޕްޓަން. އެއީ މި ޓީމުގެ ހާއްސަ ކަމެއް. ކޮންމެ ކުޅުންތެރިޔަކު ވެސް އެ ކުޅުންތެރިއެއްގެ ލީޑާޝިޕް ދައްކަން ޖެހޭ ވަގުތުގައި އެކަން ދައްކާނެ. ހުރިހާ ކުޅުންތެރިން ވެސް ބަސް ބުނާނެ،" ނޫސްވެރިންނާ ވާހަކަދައްކަމުން ޑިއާސް ބުންޏެވެ.

ޑިއާސް ބުނީ ސިޓީއަކީ ޕްރެޝަރުގައި ކުޅެން ލޯބިކުރާ ޓީމެއް ކަމަށާއި އަބަދުވެސް ވާދަވެރިކަމުގައި ކުޅެން ބޭނުންވާނެ ކަމަށެވެ. އަދި ކޮންމެ ކަމަކާ ވެސް ކުރިމަތިލައި، މައްޗަށް ދިއުމަށް ސިޓީން މަސައްކަތްކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"އެއީ އަހަރެމެން ބޭނުންވާ ކަހަލަ މެޗުތައް. އެއީ އަހަރެން އެންމެ ބޭނުންވާ ގޮތް. އަހަރެމެން އެ މެޗުތަކުގައި ކުޅޭނީ ވެސް ޝައުގުވެރިކަމާއެކު،" އޭނާ ބުންޏެވެ.

ސިޓީން މަސައްކަތްކުރަމުންދަނީ 1999 ވަނަ އަހަރަށްފަހު އެއް ސީޒަނެއްގައި ތިން ތަށި ހޯދާ ފުރަތަމަ އިނގިރޭސި ޓީމުގެ ޝަރަފު ހޯދުމަށެވެ. ކުރިން އެ ޝަރަފު ހޯދާފައިވަނީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑުންނެވެ.

comment ކޮމެންޓް