ގާސިމްގެ ވެރިކަމެއްގައި 100 މިލިއަނަރުން އުފައްދަން ވައުދުވެއްޖެ

ޖޭޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް މިރޭ އަލިމަސް ކާނިވާގައި ބޭއްވި ޖަލްސާގައި ގާސިމް --- ސަން ފޮޓޯ: ސާތިއު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ރާއްޖޭގެ ވެރިކަމަށް އާދެވިއްޖެ ނަމަ ރާއްޖޭގައި 100 މިލިއަނަރުން އުފައްދާނެ ކަމަށް ވިދާޅުވެ މެނިފެސްޓޯގައި ހިމެނޭ ބައެއް ވައުދުތައް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް އާންމު ކުރައްވައިފިއެވެ.

ޖޭޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް މިރޭ އަލިމަސް ކާނިވާގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ, ރާއްޖޭގެ ހާލަތު މި ވަގުތު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށާއި ގައުމު ސަލާމަތް ކުރެވިދާނެތޯ ރައްޔިތުން ސުވާލު އުފައްމަދުން އަންނަ ކަމަށެވެ.

"އެކަތިގަނޑަކަށްވެ ގައުމަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމަށް އަދި ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ބިރުވެރިކަމާ ނުތަނަވަސްކަމުން އަރައިގަތުމަށްޓަކައި ތި ބޭފުޅުން އެކަތިގަނޑަކަށްވެ މި ހާސްކަމުން ގައުމާ ރައްޔިތުން ސަލާމަތްކުރުމަށް އަޅުގަނޑަށް ފުރުސަތެއް ދެއްވުން ކީއްތޯ," ގާސިމް ވިދާޅުވިއެވެ.

އޭނާ އިސްވެ ހުންނަވައި އުފައްދާ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ރައްޔިތުންގެ ހާއްސަކަން ނައްތާލައި ރައްޔިތުންނަށް ހަމަޖެހުން ގެނައުމަށް ދިވެހުން މިހާތަނަށް ދެކިފައި ނުވާވަރުގެ އިންގިލާބީ ބަދަލުތައް ގެނައުމަށް ތަފުސީލީ މެނިފެސްޓޯއެއް އެކުލަވާލާފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

"ފަސް އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގައި 100 މިލިއަނަރުން އުފައްދާނަން," މެނެފެސްޓޯގައި ހިމެނޭ ވައުދުތައް ހާމަކުރައްވަމުން ގާސިމް ވިދާޅުވިއެވެ.

ޖޭޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް މިރޭ އަލިމަސް ކާނިވާގައި ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ: ސާތިއު

އެގޮތުން މިރޭގެ ޖަލްސާގައި ގާސިމް ވަނީ ޖުމްލަކޮށް ހުރިހާ ދާްއިރާއަކަށް ކޮށްދެއްވާނެ ކަންތައްތަކުގެ ކުރުކޮށް ވިދާޅުވެދެއްވާފައެވެ. އޭގެ ތެރޭގައި ދިވެހި ކަނޑުން ގެއްލުނު ކަމަށް ބުނާ ބައި ހޯދުމުގެ މަސައްކަތް ފެށުން ވެސް ހިމެނެއެވެ.

"ޗާގޯސްއާ ރާއްޖޭ ދެމެދުވާ ކަނޑުގެ މައްސަލައިގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުމާ ގުޅިގެން ދިވެހީންނަށް ގެއްލިފައިވާ ސަރަހައްދު އަނބުރާ ހޯދުމަށް ބައިނަލްޣްވާމީ އެކްސްޕާޓުންނާ އެކު އަޅުގަނޑުގެ ވެރިކަމެއްގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެ މަސައްކަތް ފަށާނަން," ގާސިމް ވިދާޅުވިއެވެ.

މުޅި ރާއްޖެ ހަތް ސަރަހައްދަކަށް ބަހާލައި ރާއްޖޭގެ އުތުރާއި ދެކުނުގައި ލާމެހިފައިވާ އިގްތިސާދީ ދެ މަންޒިލު ގާއިމު ކޮށްދެއްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

"ދަރަނިތައް ކުޑަކޮށް އެއިން ސަލާމަތްވުމަށް އާމްދަނީ އިތުރުކުރުމާ އެކު މާލީ ހެޔޮ މިސްރާބަކަށް ގައުމު ގެންދާނަން,"

ރިޔާސީ ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭގައި ދައުލަތުގެ ދަރަނި, ޖީޑީޕީ 120 އިންސައްތައިން 90 އިންސައްތައަށް ތިރިކޮށް ދައުލަތުގެ ހަރަދު ޖީޑީޕީގެ 35 އިންސައްތައިގައި ހިފަހައްޓައި ދައުލަތުގެ އާމްދަނީ ޖީޑީޕީގެ 30 އިންސައްތައަށް މަތި ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ބައިނަލްޤްވާމީ ކުޅިވަރު ކުޅެވޭނެ ވަރަށް އިންފްރާސްޓްރަކްޗަރު ގާއިމުކޮށް ދުނިޔޭގެ ފެންވަރުގެ އޮލިމްޕިކް ސްޓޭޑިއަމްއެއް އަޅައިދޭނެ ކަމަށް ވެސް ގާސިމް މިރޭ ވައުދުވެ ވަޑައިގަތެވެ.

ޖޭޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް މިރޭ އަލިމަސް ކާނިވާގައި ބޭއްވި ޖަލްސާގައި ގާސިމް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: ސާތިއު

"ބައިނަލަޤްވާމީ މިންގަނޑުގެ މޯޝަން ޕިކްޗާ ސްޓޫޑިއޯ އައިލެންޑެއް ރާއްޖޭގެ ރަށެއްގައި ތަރައްގީކޮށް ދިވެހި ޒުވާނުންނަށް އެ މީހުންގެ ހުނަރުން އާމްދަނީ ލިބޭނެ މަގު ފަހިކުރާނަން," ގާސިމް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ ހާސްކަމުގައި ތިބި ރައްޔިތުންގެ ހާސްކަން ފިލުވާލާނެކަމުގެ ޔަގީންކަން ދެއްވަމުން ގާސިމް ވިދާޅުވީ ރިޔާސީ ދައުރު ނިމުމުގެ ކުރިން މުޅި ރާއްޖޭގައި އެންމެ މަދުވެގެން 20,000 ހައުސިން ޔުނިޓް އަޅައިދޭނެ ކަމަށެވެ.

"ހިޔާ ފްލެޓްގައި ހުރި މައްސަލަތައް ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހައްލު ކުރުމަށް އިސްކަންދީ ޓަވަރު ތަކުގައި އިތުރު އެލެވޭޓަރާއި ބެކަޕް ޖަނަރޭޓަރު ބަހައްޓައި ހިޔާ ނޭބާ ހުޑް ޕާކްތައް ތަރައްގީ ކުރާނަން," ގާސިމް ވިދާޅުވިއެވެ.

ސަރުކާރު ކޯލިޝަންގައި ވެސް ހިމެނޭ ޖޭޕީން މި އަހަރު ކޯލިޝަނެއް ނުހަދައި، ވަކިން ވާދަކުރަން ނިންމީ އެ ޕާޓީގެ ކޮންގްރެސްއަށް ހުށަހެޅުނު ގަރާރަކުންނެވެ.

އެއަށް ފަހު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ވާން ބޭނުންވާ ބޭފުޅުންނަށް ހުޅުވާލި ފުރުސަތުގައި އެ ކަމަށް އެދި ކުރިމަތިލައްވާފައިވަނީ 2008 ވަނަ އަހަރާއި 2013 ވަނަ އަހަރު ވެސް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވި ގާސިމް އެކަންޏެވެ. އެހެންވެ، އެ ޕާޓީގެ ކައުންސިލްގެ އިއްތިފާގުން ނިންމީ، މި އަހަރުގެ އެ ޕާޓީގެ ރިޔާސީ ޓިކެޓު އޭނާއަށް އެރުވުމަށެވެ.

comment ކޮމެންޓް