އަތޮޅުތެރޭގެ ރަށްތަކުގައި ކުނި މެނޭޖުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފަސް އަތޮޅެއްގެ 22 ރަށަކަށް ކުނި މެނޭޖުކުރުމަށް ބޭނުންކުރާނެ ވަސީލަތްތައް ފޯރުކޮށްދިނުމަށް ސްރީލަންކާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
އެންވަޔަރަމެންޓް މިނިސްޓްރީގައި މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ރަށްތަކުގައި ކުނި މެނޭޖްކުރުމަށް ބޭނުންކުރާނެ ވަސީލަތްތައް ފޯރުކޮށްދިނުމަށް ހަވާލުކޮށްފައިވަނީ ލަންކާގެ ސޯ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއެވެ. މިކަމަށް ވެވުނު އެއްބަސްވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާމިނަތު ޝަޢުނާއެވެ. ސޯ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު ބަނޑުލަ ޖަޔަރަތުނަ އެވެ.
ލަންކާގެ ކުންފުންޏާ ހަވާލުކުރި މި މަސައްކަތަކީ ވޯލްޑް ބޭންކުގެ ހިލޭ އެހީގައި މިނިސްޓްރީއިން ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓުގެ ދަށުން 7.5 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ޚަރަދުކޮށްގެން ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.
މި އެއްބަސްވުމުގެ ދަށުން މ، ފ، ދ، ތ އަދި ލ އަތޮޅުގެ ޖުމްލަ 22 ރަށަކަށް ރަށު ފެންވަރުގައި ކުނި މެނޭޖުކުރުމަށް ބޭނުންކުރާނެ އިކުއިޕްމަންޓުތައް ފޯރުކޮށްދޭނެއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރު ޝައުނާ ވިދާޅުވީ، އަތޮޅުތެރޭގެ ރަށްތަކަށް ދިމާވެފައިވާ ކުނީގެ މައްސަލަތަކަކީ ވަރަށް އަވަހަށް ހައްލުކުރަންޖެހޭ މައްސަލަތަކެއްކަމަށެވެ. މިގޮތުން މިއަދު ސޮއިކުރެވިގެންދިޔަ އެއްބަސްވުމުގެ ދަށުން ބައެއް ރަށްރަށުގެ ކުނި މެނޭޖުކުރުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ލިބޭނެ ކަމަށް ޝައުނާ ވިދާޅުވިއެވެ.

ކުނި މެނޭޖްކުރުމަށް ބޭނުންކުރާނެ ވަސީލަތްތައް ފޯރުކޮށްދިނުމަށް ލަންކާގެ ކުންފުންޏާއިއެކު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މިނިސްޓަރު ޝައުނާ ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ-- ފޮޓޯ ތިމާވެއްޓާބެހޭ ވުޒާރާ
އެ އެއްބަސްވުމުގެ ދަށުން ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ އިކުއިޕްމަންޓުތަކުގެ ތެރޭގައި މަލްޓި-ޕާޕަސް މިނީ ބޭލާ، ސިންގަލް ފީޑް ގްލާސް ބޮޓަލް ކްރަޝާ، ކުނި ކަލެކްޓުކުރުމަށް ބޭނުންކުރާނެ އެކި ވަރުގެ ޑަސްބިން، ޕީ.ޕީ.އީ ކިޓު އަދި އެހެނިހެން ބައެއް އާލާތްތައް ހިމެނެއެވެ.
އެއްބަސްވުމުގައިވާގޮތުން ކުރިއަށްއޮތް ހަތަރު މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކުނި މެނޭޖްކުރުމުގެ ގޮތުން ފޯރުކޮށްދޭންޖެހޭ އެއްޗެހި ފޯރުކޮށްދީ ނިންމަން ޖެހެއެވެ.
އެންވަޔަރަމެންޓް މިނިސްޓްރީއިން ބުނީ، އެއްބަސްވުމުގައި ވާ ތަކެތި ފޯރުކޯށްދިނުމަށް ހަމަޖެހިފައިވާ ރަށްތަކަކީ މައިގަނޑުގޮތެއްގައި މިހާރު ކުންޏާއި ވަސީލަތް މެނޭޖުކުރާ މަރުކަޒެއް ހުންނަ، ނުވަތަ އެފަދަ މަރުކަޒެއް ހެދުމުގެ އަމަލީ މަސައްކަތް މިހާރު ކުރެވެމުންދާ، ނުވަތަ ޕްރޮކިއުމަންޓް މަރުހަލާގައިވާ ރަށްތަކެވެ.
މި ތަކެތި ފޯރުކޮށްދިނުމުން ރަށުގައި އުފެދޭ ކުނިތައް އެކަށީގެންވާ ނިޒާމެއްގެ ދަށުން މެނޭޖުކުރެވި، ރަށުން ބޭރުކުރެވެންދެން ރައްކާކޮށް ބެހެއްޓުމުގެ ގާބިލުކަން އިތުރުވާނެ ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.