މޭރީ ދަންޖެހުނު ކަމުގެ ނިޝާނެއް ނެތް، ކަރުގައި ހިފާފަ ހުރި ކަމަށް ބެލެވޭ: ހެކިވެރިއެއް

އަނބިމީހާ މަރާލި ކަމުގެ ދައުވާ އުފުލާފައިވާ ފިލިޕީންސްގެ ނަރުސް މާވިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް، މޭރީ ގްރޭސް އޮނެޑް ޕިނެޑާގެ ހަށިގަނޑުން ދަންޖެހިފައިހުރި ކަމުގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާ ކަމަށާއި ނަމަވެސް ކަރުގައި ހިފާފަ ހުރި ކަމަށް ބެލެވޭ ކަމަށް އޭނާއަށް އެންމެ ފުރަތަމަ އެޓެންޑުވި އައިޖީއެމްއެޗްގެ ޕެރެމެޑިކް ނަރުހެއް ބުނެފިއެވެ.

ދަންޖެހިގެން ޚަބަރު ހުސްވެފައިވާކަމަށް ބުނެ މޭރީގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އޭނާގެ މަރުގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން ފިރިމީހާ މާވިން އެސްވައި ވާގަސް ހައްޔަރު ކުރީ އެ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި މާވިންގެ ދިވެހި ލޯބިވެރިޔާ ހަލީމަތު ލަމްހާ އަބްދުއްރަހްމާން ހައްޔަރު ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

އެ މައްސަލައާ ގުޅިގެން މާވިންއަށް ވަނީ ގަސްދުގައި މީހަކު މަރާލިކަމުގެ ދައުވާ ކޮށްފައެވެ. އަދި ލަމްހާއަށް ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ހިމެނޭގޮތަށް އިތުރު ދެ ދައުވާއެއް އުފުލައިފައެވެ. އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ވަނީ މޭރީއަށް އެންމެ ފުރަތަމަ އެޓެންޑްކުރި ނަރުހުގެ ހެކިބަސް ނަގާފައެވެ.

ފިލިޕީންސްގެ ނަރުސް މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ އުފުލާފައިވާ ދިވެހި ނަރުސް ހަލީމަތު ލަމްހާ އަބްދުއްރަހްމާން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އެގޮތުން އައިޖީއެމްއެޗްގައި މަސައްކަތްކުރާ އެ ނަރުސް އެ ދުވަހު ޑިއުޓީ އަދާކުރަމުންދިޔައީ އެމްބިއުލާންސްގައި ޕެރެމެޑިކެއްގެ ގޮތުގައި ކަމަށް އޭނާ ބުންޏެވެ. މެންދުރު 12:30 ހާއިރު އެމްބިއުލާންސްގެ ހޮޓްލައިން ނަންބަރަށް މާވިން ގުޅައި އޭނާގެ އަންހެނުން ދަންޖެހިފައިވާ ކަމަށާއި ސަލާމަތް ކޮށްދިނުމަށް އައުމަށް އެދުނު ކަމަށް ނަރުސް ކިޔައިދިނެވެ.

ވަގުތުން އެމްބިއުލާންސްގައި އެގެއަށް ދިޔައިރު މޭރީ ބިންމަތީގައި އޮތް އިރު މާވިން ސީޕީއާރު ދެމުންދިޔަ ކަމަށް ނަރުސް ކިޔައިދިނެވެ. ދަންޖެހުނީ ކިހިނެއްތޯ ސުވާލި ކުރި ނަމަވެސް މާވިންގެ ފަރާތުން ޖަވާބެއް ލިބިފައި ނުވާ ކަމަށް ނަރުސް ބުންޏެވެ. އިތުރު ސުވާލުތައް ކުރުމުގެ ބަދަލުގައި އޭނާ ވެސް މަސައްކަތް ކުރީ މޭރީއަށް ފަރުވާ ދިނުމަށް ކަމަށް ވެސް ހެކިބަސްދިން ނަރުސް ބުންޏެވެ.

"މޭރީގެ ކަރުންމަތި މޫނާ އެކުގައި ހުރީ ޕާޕަލިޝް ބްލޫ ކުލައެއްގައި. ދެން ކަޅި ހުރީ ޑައިލޭޓެޑް، މެޑިކަލީ ބުނަންޔާ ފުރަތަމަ މަރު ސާބިތުކުރުމުގެ ޕޮއިންޓަކީ އެއީ. ނަމަވެސް ސީޕީއާރު ކޮންޓިނިއުކުރިން. އޭރަކުވެސް ވިންދެއް ނުލިބޭ," ޕެރެމެޑިކްސް ނަރުސް ކިޔައިދިނެވެ.

މާވިންގެ ދިފާއީ ވަކީލް ކުރެއްވި ސުވާލަކަށް ޖަވާބު ދެމުން އެ ނަރުސް މީހާ ބުނީ, މޭރީގެ ހަށިގަނޑުން ދަންޖެހިފައިވާ ކަމުގެ ނިޝާނެއް ފެނިފައި ނުވާ ކަމަށާއި ނަމަވެސް ކަރުގައި ހިފާފައި ހުރިކަން ފާހަގަވި ކަމަށެވެ.

"އެއްޗަކުން ދަންޖެހިފައި ހުރިކަމުގެ ނިޝާނެއް ކަރުން ފާހަގައެއް ނުވޭ," ނަރުސް ބުންޏެވެ.

ޕެރެމެޑިކުން ފަރުވާދިންއިރު މާބޮޑަށް ހަށިގަނޑަށް ބަލައި ނުހެދި ނަމަވެސް މޭރީގެ މަރު ޑިކްލަޔާ ކުރި ފަހުން އެމަޖެންސީ ރޫމަށް ގޮސް ހަށިގަނޑު ބެލި ކަމަށް ނަރުސް ކިޔައިދިނެވެ.

"ދެ އިނގިލީގެ ނިޝާން ފާހަގަކުރެވުނު ކަރުން," ނަރުސް ބުންޏެވެ.

ދިފާއީ ވަކީލުގެ ސުވާލަށް ޖަވާބު ދެމުން ނަރުސް ބުނީ އެއީ ޑޮކްޓަރުން ފަރުވާ ދިނުމުގެ ތެރޭގައި ކަރުގައި ހުރި އިނގިލީގެ ނިޝާނެއް ނޫން ކަމަށެވެ.

"އަޅުގަނޑު ފޮރިންސިކްގައި ކިޔެވި އެއްޗިއްސަށް ބަލާއިރު ފޮރެންސިކުން ދައްކާ ގޮތުން އެއީ ކަރުގައި ހިފާއިރު އިންނަ ކަހަލަ އެއްޗެއް. ވާއަތުން ކަރުގައި ހިފީމަ އިންނަ ކަހަލަ ނިޝާނެއް," ނަރުސް މީހާ ބުންޏެވެ.

ކޮޓެރި ތެރެއިން ފެނުނީ ޕެރަމެޑިކުން ބޭނުންކުރި ސިރިންޖުގެ ޕަކެން:

މޭރީ އޮތް ތަނުގެ ތެރޭގައި ސިރުންޖު ލާފައި ހުންނަ ޕެކެޓެއް ފެނިފައިވާ ކަމަށް ދައުލަތުން ވަނީ މީގެ ކުރިން ބުނެފައެވެ. އެކަން ސާފުކޮށްދެމުން އެ ނަރުސް މީހާ ބުނީ, އެ ގޭގެ ތެރޭގައި މޭރީގެ ގަޔަށް އިންޖިކްޝަނެއް ޖަހާފައިވަނެ ކަމަށާއި އަދި އެ ތަނުން އެ މީހުން ދިޔައިރު އޭގެ ޕެކެޓް ގެންދަން ހަނދާން ނުވި ކަމަށެވެ.

"އެތަނަށް ދޫކޮށްލާފަ އާދެވުނީ. ވަރަށް އަވަސް އަރުވާލައިގެން ޕޭޝަންޓް ނެރެން އުޅުނީ. އެހެންވެ އެމްބިއުލައިންސްއަށް އެރިފަހުން ހަނދާންވީ އޭތި އެތަނުގައި ބަހައްޓާފައިކަން އާދެވުނީ," ނަރުސް ކިޔައިދިނެވެ.

އިންޖެކްޝަން ޕެކެޓް ފިޔަވައި އެހެން އެއްޗެއް އެތަނަށް ދޫކޮށްލާފައި ނުވާނެ ކަމަށް ވެސް ނަރުސް މީހާ ކިޔައިދިނެވެ.

މިއަދުގެ އަޑުއެހުމުގައި ވަނީ ދައުވާ ލިބޭ ލަމްހާ ބަންދުން ދޫކޮށްލުމަށް އެދިފައިވާތީ އެކަމާ މެދު ގޮތެއް ނިންމާފައެވެ. ގާޒީ ނިންމެވީ އޭނާ ބަންދުން ދޫކޮށްލެވެން ނެތް ކަމަށެވެ. ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ ހެކިބަސް ނަގަންޖެހޭ އިތުރު 50 ވަރަކަށް މީހުން އެބަތިބި ކަމަށާއި އެހެންކަމުން ލަމްހާ ހައްޔަރުކުރިއިރު އޮތް ހާލަތު އަދިވެސް ދެމިއެބައޮތް ކަމަށެވެ.

comment ކޮމެންޓް