ޕީއެސްޖީގެ ފަރާތުން އެއްވެސް ކަމެއް އުންމީދެއް ނުކުރަން: އެމްބާޕޭ

ޕީއެސްޖީގެ ފްރާންސް ތަރި ކިލިއާން އެމްބާޕޭ -- ފޮޓޯ/ ގެޓީ

ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) ގެ ފަރާތުން އެއްވެސް ކަމެއް އުންމީދު ނުކުރާ ކަމަށް އެ ކްލަބުގެ ފްރާންސް ތަރި ކިލިއާން އެމްބާޕޭ ބުނެފިއެވެ.

މިސީޒަނުގެ ފްރާންސް ލީގުގައި އެމްބާޕޭ ޖެހި 29 ގޯލާއެކު ޖެހިޖެހިގެން ފަސްވަނަ ފަހަރަށް އޭނާ ވަނީ ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ. ޕީއެސްޖީން މިސީޒަނުގެ ފްރާންސް ލީގު ޗެމްޕިއަންކަން ހޯދި ނަމަވެސް، އެމްބާޕޭ ހުރީ މުޅިން ހިތްހަމަޖެހިފައެއް ނޫނެވެ.

"އަންނަ ސީޒަނުގައި ޕީއެސްޖީގެ ފަރާތުން އެއްވެސް ކަމެއް އުންމީދެއް ނުކުރަން. އަހަރެން މި ކްލަބުގައި މިހުރީ ކުޅެން. އަހަރެންގެ ކޮންޓްރެކްޓެއް އޮބައޮތް. ކްލަބަށް ކުރެވެން ހުރި ހުރިހާ ކަމެއް އެދަނީ ކުރަމުން. އެކަމަކު އޭގެ ބޭރުން ކްލަބުން ދެން ކުރާ ކަންތައްތަކަކީ އަހަރެންނާ ބެހެވޭ ކަންކަމެއް ނޫން،" އޭނާ ބުންޏެވެ.

މިސީޒަނުގައި ޕީއެސްޖީގައި ވަނީ ގިނަ މައްސަލަތަކެއް ޖެހިފައެވެ. އެ މައްސަލަތަކަށްފަހު މި ސީޒަން ނިމުމާއެކު ކޮންޓްރެކްޓް ނިމުމަކަށް އައުމުން އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި ސްޕެއިން ޑިފެންޑަރު ސާޖިއޯ ރާމޯސް، ޕީއެސްޖީ ދޫކޮށް ދިއުމަށް ވަނީ ނިންމައިފައެވެ. އޭގެ އިތުރުން ބްރެޒިލް ތަރި ނޭމާ ވެސް ޕީއެސްޖީ ދޫކޮށް ދިއުމަށް މަސައްކަތްކުރަމުންދާ ކަމަށް ހަބަރުތައް ބުނެއެވެ.

ޕީއެސްޖީއަށް ގިނަ ތަރިންތަކެއް ގެނެސް، އެ ކްލަބުން އެންމެ ބޮޑަށް މަސައްކަތްކުރަމުންދަނީ ފުރަތަމަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތައްޓެއް ހޯދުމަށެވެ. ނަމަވެސް އެ ކްލަބުގައި މެސީ ހޭދަކުރި ދެ އަހަރުގެ ތެރޭގައި ވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައެއް ނުވެއެވެ.

comment ކޮމެންޓް