ރޮނާލްޑޯ އަނިޔާގައި، އަލް ނަސްރުން ސީޒަން ނިންމާލީ މޮޅަކުން

އަލް ނަސްރުގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ -- ފޮޓޯ/ ގެޓީ

ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަނިޔާގައި ހުރުމުން އޭނާއަށް ސައުދީ ޕްރޯ ލީގުގައި އަލް ނަސްރު ކުޅުނު ސީޒަނުގެ ފަހު މެޗު ގެއްލިއްޖެއެވެ.

އަލް ނަސްރުގެ ކެޕްޓަން ރޮނާލްޑޯއަށް އަލް ފަތެހާ ދެކޮޅަށް ކުޅުނު ސީޒަނުގެ ފަހު މެޗު ގެއްލުނީ އަލް އެއްތިފާގާ ދެކޮޅަށް ކުޅުނު މެޗުގައި ފައިގެ މަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. އެ އަނިޔާއާ ގުޅިގެން އަލް ނަސްރުގެ އެންމެ ފަހުގެ ތަމްރީނުތަކުގައި ވެސް ރޮނާލްޑޯއަށް ބައިވެރިވެފައެއް ނުވެއެވެ.

ސައުދީ ލީގުގައި ރޭ އަލް ނަސްރުން އުމުރުން 38 އަހަރުގެ ރޮނާލްޑޯ ނުލައި ކުޅުނު ނަމަވެސް، އެ ޓީމުން ވަނީ 3-0 ގެ ނަތީޖާއަކުން އަލް ފަތެހު ބަލިކޮށްފައެވެ. އެ މެޗުގައި އެންމެ ބޮޑަށް ވިދާލާފައިވަނީ އަލް ނަސްރަށް ދެ ގޯލު ކާމިޔާބުކޮށްދިން ބްރެޒިލް ފޯވަޑް އެންޑާސަން ޓަލިސްކާއެވެ. އެ ދެ ގޯލުގެ އިތުރުން އަނެއް ގޯލު ޖެހުމަށް އެސިސްޓު ވެސް ކޮށްދީފައިވަނީ ޓަލިސްކާއެވެ.

ރޭގެ މެޗަށް ނުކުތް އިރު ވެސް އަލް ނަސްރަށް ވަނީ ސައުދީ ލީގުގެ ދެވަނަ ކަށަވަރުވެފައެވެ. ފަސް ޕޮއިންޓުގެ ފަރަގަކާ އެކު މި ސީޒަނުގެ ސައުދީ ޕްރޯ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އަލް އިއްތިހާދުންނެވެ.

އަލް ނަސްރާ ރޮނާލްޑޯ ގުޅިފައިވަނީ މެންޗެސްޓާ ޔުނައިޓެޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް ބާތިލުކުރުމަށް ފަހު މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ. މި ސީޒަނުގެ ޕްރޯ ލީގު އޭނާ ނިންމާލީ 16 މެޗުން 14 ގޯލު ޖަހައިގެންނެވެ. ނަމަވެސް ރޮނާލްޑޯއަށް އަލް ނަސްރާ އެކު މި ސީޒަނުގައި އެއްވެސް ތައްޓެއް ހޯދިފައެއް ނުވެއެވެ.

comment ކޮމެންޓް