ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކަށް ވަންނަ ބިދޭސީންގެ އަތުން ފީ ނަގަނީ

---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނެގުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.

ސިޓީ ކައުންސިލުން މިއަދު ބޭއްވި އެ ކައުންސިލްގެ ރަސްމީ ޖަލްސާގައި ބައެއް ކައުންސިލަރުން ވަނީ ރާއްޖެ އެތެރެވާ ބިދޭސީންގެ އަދަދު އިތުރުވަމުން ދާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން، މަންޗަންގޮޅިއަށް ނިސްބަތްވާ ކައުންސިލަރު އަހުމަދު ޒަމީރު ވިދާޅުވީ ރާއްޖެ މިހާރު އޮތީ ބިދޭސީންނަށް ވަރަށް ބޮޑަށް ހުޅުވާލާފައި ކަމަށާއި، ދުނިޔޭގެ އެހެން ގައުމުތަކުގައި އެކަން އޮތީ ތަފާތުކޮށް ކަމަށެވެ.

އަދި، ޕާކުތައް ހިމެނޭހެން އާންމުން އެއްވެ އުޅޭ އެނޫން ވެސް ތަންތަނުގައި ބިދޭސީން ގިނަ ކަމުގެ ކަންބޮޑުވުން އެހެނިހެން ކައުންސިލަރުން ވެސް ވަނީ ފާހަގަކޮށްފައެވެ. ފަތުރުވެރިންގެ އަތުން ނަގާ ފީ ބޮޑުކުރުމަށް ފަހު މާލޭގައި ދިރިއުޅޭ ބިދޭސީންގެ އަތުން ނަގާ ފީ ކުޑަ ކުރުމަށް ބައެއް ކައުންސިލަރުން ވަނީ ހުށަހަޅާފައެވެ.

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޕާކްތަކާއި މައިޒާންތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނެގުމަކީ ބޭރު ގައުމުތަކުގައި ވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ.

ކައުންސިލުން ނިންމާފައިވަނީ ޕާކުތަކަށް ވަންނަ ޓޫރިސްޓުންނާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަތުން ތަފާތު ދެ އަގެއްގައި ފީއެއް ނަގާށެވެ. އެގޮތަށް ފާސް ކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

މެންބަރުންގެ މަޝްވަރާތަކަށްފަހު ކައުންސިލުން ނިންމީ ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އަގުތައް ކަނޑައެޅުމަށްފަހު އަންނަ މަހު 15 ވަނަ ދުވަހުން ފެށިގެން ފީ ނެގުމަށެވެ.

comment ކޮމެންޓް