28 ސްކޫލެއްގައި ވޮކޭޝަނަލް ތައުލީމު ފަށަނީ

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ --- ފޮޓޯ. މަޖިލިސް

މި އަހަރުގެ އޯގަސްޓު މަހު 28 ސްކޫލެއްގައި ވޮކޭޝަނަލް ތައުލީމު ފަށަން ތައްޔާރުވަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. އާއިޝަތު އަލީ ވިދާޅުވީ، ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ހައިސިއްޔަތުން މީހުން ބިނާ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އެގޮތުން އޯގަސްޓު މަހުން ފެށިގެން 28 ސްކޫލުގައި ވޮކޭޝަނަލް ތައުލީމް ދޭން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"28 ސްކޫލް ނަގާފައި އެ ވަނީ ކޮންމެ އަތޮޅަކުން ސްކޫލަކާއި މާލެ ސަރަހައްދުން ފާހަގަކޮށްލެވޭ ބައެއް ސްކޫލުތައް،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރު ތަފުސީލެއް މިނިސްޓަރު ހާމައެއް ނުކުރެއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ފޮތުން ކިޔަވައިދޭ މާއްދާތަކާ އެއްގޮތަށް ސްކޫލުތަކުން މަސައްކަތްތެރިކަން ދަސްކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ފޯކަސް ބަހައްޓައިގެން ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން އިމާރާތްކުރުމުގެ މަސައްކަތާއި ރާއްޖޭގައި އާންމުކޮށް ކުރާ އެފަދަ އެހެން މަސައްކަތްތައް ވެސް ދަސްކޮށްދޭނެ ކަމަށް އޭނާ މިނިސްޓަރު ޑރ. އާއިޝާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މާއްދާތަކުން ކިޔަވައިދިނުމުގެ އިތުރަށް ދިރިއުޅުމުގައި ބޭނުންވާ އެހެނިހެން ކަންކަމަށް ހާއްސަކޮށްގެން ދަރިވަރުންނަށް ތައުލީމާއި ތަމްރީން ދީގެން އެ ދަރިވަރުން ބިނާ ކުރުމުގެ މަސައްކަތް އެ މިނިސްޓްރީން އަބަދު ވެސް ކުރާނެ ކަމަށެވެ.

comment ކޮމެންޓް