އެމެރިކާގެ ދިފާއީ ވަޒީރާ ބައްދަލުކުރައްވަން ޗައިނާއިން ދެކޮޅު

އެމެރިކާއާއި ޗައިނާގެ ދިފާއީ ވަޒީރުން

ވޮޝިންޓަން (30 މެއި 2023): ސިންގަޕޫރުގައި ބާއްވާ އަމަނާ ބެހޭ ވާހަކަތައް "ޝަންގްރި ލާ ޑައިލޮގް"ގެ އަރިމަތީގައި އެމެރިކާއާއި ޗައިނާގެ ދިފާއީ ވަޒީރުންގެ ބައްދަލުވުމެއް ބޭއްވުމަށް އެމެރިކާ ހުށަހެޅި ހުށަހެޅުމަކަށް ޗައިނާ ނޫނެކޭ ބުނެފިއެވެ.

ވައިޓް ހައުސްގެ ތަރުޖަމާން ޖޯން ކާބީ ވިދާޅުވީ އަންނަ ހަފުތާގައި ސިންގަޕޫރުގައި ބޭއްވުމަށް ހަމެޖެހިފައިވާ "ޝަންގްރި ލާ ޑައިލޮގް"ގެ އަރިމަތީގައި ޗައިނާއާއި އެމެރިކާގެ ދިފާއީ ވަޒީރުންގެ ބައްދަލުވުމެއް ބޭއްވުމަށް ރައީސް ޖޯ ބައިޑެން ޗައިނާ ސަރުކާރަށް ހުށަހެޅި ހުށަހެޅުމަކަށް ޗައިނާގެ ދިފާއީ ވުޒާރާއިން ދެކޮޅު ހަދާފައިވާތީ އެެމެރިކާ ހިތްހަމަނުޖެހޭ ކަމުގައެވެ.

މި ބައްދަލުވުމަށް ދެކޮޅު ހެދި ސަބަބު ޗައިނާގެ ދިފާއީ ވުޒާރާއިން ރަސްމީ ސިފައެއްގައި ހާމަނުކުރި ނަމަވެސް ޗައިނާގެ ރަސްމީ މިޑިއާ ބުނާ ގޮތުން އެމެރިކާ ތަކުރާރުކޮށް ޗައިނާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމާއި ދެކުނު ޗައިނާ ކަނޑުގައި ހަމަނުޖެހުން އުފައްދަން އެމެރިކާ މަސައްކަތްކުރާ ކުރުމަކީ ޗައިނާ ކަންބޮޑުވާ ކަންކަމެވެ.

މި ކަންކަން އެމެރިކާ ކުރާހާ ހިނދަކު އެމެރިކާއާ ކުރާނެ އަސްކަރީ މަޝްވަރާއެއް ނޯންނާނެއެވެ. އަދި، އެމެރިކާގެ އަމަލުތައް މިގޮތަށް ހުންނައިރު އެމެރިކާއާ އެކު އަސްކަރީ އަދި ދިފާއީ ގޮތުން މަޝްވަރާކުރުމަކީ ބޭކާރު ކަމެއްކަމަށް ވެސް ޗައިނާގެ ރަސްމީ މީޑިއާ ބުނެއެވެ.

2018 ގައި ބޭއްވި ޝަންގްރި ލަ ޑައިލޮގް

ޗައިނާގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާ ވަންނަ ކަމަށް ޗައިނާ ދެކެނީ އެމެރިކާ ތައިވާނަށް ހަތިޔާރުދޭތީއާއި ޗައިނާއާ ކުރިމަތިލުމަށް ތައިވާނަށް ހިއްވަރުދިނުމުގެ އިތުރުން ޗައިނާއާ ބެހޭ ޖާސޫސީ މައުލޫމާތު ވެސް ތައިވާނަށް ފޯރުކޮށްދޭތީއެވެ.

ތައިވާނަކީ 1949ވަނަ އަހަރު ޗައިނާއާ ވަކިވެގަނެ ވަކި ސަރުކާރެއް (ބާޣީ ސަރުކާރެއް) އުފައްދައިގެން އުޅޭ ޗައިނާގެ ޖަޒީރާއެކެވެ. ވަކި ސަރުކާރެއް އުފެއްދި ނަމަވެސް ތައިވާނުން މިނިވަންކަން އިއުލާނުކޮށްފައެއް ނުވެއެވެ. ޗައިނާ ވަނީ ތައިވާން ސުލްހަވެރި ގޮތުގައި ނޫނީ ބާރުގެ ބޭނުންކޮށްގެން ވެސް އެ ގައުމުގެ ބާރުގެ ދަށަށް ގެންނާނެކަމުގެ އިންޒާރު ދީފައެވެ. ނަމަވެސް މިކަންކުރާނެ ތާރީޚެއް ޗައިނާއިން ހާމައެއް ނުކުރެއެވެ.

ސިންގަޕޫރުގައި ކޮންމެ އަހަރުކު ވެސް ބާއްވާ "ޝަންގްރި ލާ ޑައިލޮގް" އަކީ އޭޝިއާގެ އަމަނާ ބެހޭ ޚާއްސަ ސަމިޓެކެވެ. ނުވަތަ އިންޓަ ގަވާމެންޓަލް ސެކިއުރިޒީ ކޮންފަރެންސެކެވެ. މި ސަމިޓްގައި އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން އާއި ޗައިނާގެ ދިފާއީ ވަޒީރު ލީ ޝަންފޫ ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެމެރިކާ ދެކޭ ގޮތުގައި އެމެރިކާއާއި ޗައިނާގެ ދިފާއީ ވަޒީރުންގެ މެދުގައި ބައްދަލުވުމެއް ބޭއްވުން ވަރަށް މުހިއްމެވެ. އެއީ، ދެ ގައުމުގެ އިތުރުން ދުނިޔޭގެ މަސްލަހަތަށްޓަކައެވެ. މިފަދަ ބައްދަލުވުމެއް ނުބާއްވާނަމަ ކަންކަން ގޯހުން ގޯހަށް ގޮސް ދެ ގައުމުގެ ދެމެދުގައި އަސްކަރީ ކުރިމަތިލުމެއް ހިނގައިފާނެ ކަމުގެ ބިރު އޮންނާނެ ކަމަށް އެމެރިކާ ބުނެއެވެ.

ނަމަވެސް ޗައިނާ ދެކޭ ގޮތުގައި ކަންކަން ގޯހުން ގޯހަށް ގެންދިޔުމަކީ އެމެރިކާ ގަސްދުގައި ކުރާ ކަމެކެވެ. ޗައިނާ އެމެރިކާގެ އައްސޭރިފަށަށް އަސްކަރީ މަނަވަރުތައް ފޮނުވައިގެން ޗައިނާ ކައިރީގައި މުގޯލި އަޅައި އަބަދު ޗައިނާއަށް ޖެއްސުން ކުރަމުން ގެންދިއުމަކީ ދުރާލައި ރާވައިގެން އެމެރިކާ ކުރާ ކަމެކެވެ. މި ކަންކަން މިގޮތަށް ކޮށްފައި މަޝްވަރާ ކުރިއަކަސް މައްސަލަ ހައްލެއް ނުވާނެއެވެ.

ޗައިނާއަކީ އެމެރިކާގެ އައްސޭރިފަށަށް އަސްކަރީ އުޅަނދުތައް ފޮނުވައިގެން އެމެރިކާއަށް ޖެއްސުންކުރުމުގެ އެއްވެސް އަމަލެއް ހިންގާ ގައުމެއް ނޫނެވެ. އަނެއްކޮޅުން އެމެރިކާ ވަނީ ސިދާ ޗައިނާއާ ދެކޮޅަށް ހަރަކާތްތެރިވުމަށް ދެ ޖަމާއަތެއް އުފައްދާފައެވެ. އެއީ، ޖަޕާން، އިންޑިއާ އަދި އޮސްޓްރޭލިއާ ހިމެނޭ ސިޔާސީ ގުރޫޕަކާއި އެމެރިކާ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާ ހިމެނޭގޮތަށް އުފައްދާފައިވާ އަސްކަރީ ޖަމާއަތެއް ކަމަށްވާ އައުކަސް ގްރޫޕެވެ.

އައުކަސް ގުރޫޕަކީ ސީދާ ޗައިނާއާ ދެކޮޅަށް މަސައްކަތް ކުރާ އަސްކަރީ ޖަމާއަތެކެވެ. ޗައިނާއިން އެމެރިކާއާ ދެކޮޅަށް އަސްކަރީ އެއްވެސް ޖަމާއަތެއް އުފައްދާފައެއް ނުވެއެވެ. އަދި، އެމެރިކާގެ ދާޚިލީ ކަންކަމުގެ ތެރެއަކަށް ވެސް ޗައިނާ ނުވަދެއެވެ.

ޗައިނާ ބުނެފައިވާ ގޮތުގައި ދުނިޔޭގެ މަސްރަހުގައި އެމެރިކާ ކުޅޭ ސިޔާސީ އަދި އަސްކަރީ ކުޅިތަކުގައި އެމެރިކާ އެންމެ ބޮޑު އިސްކަމެއް ދެނީ ޗައިނާއަށް ޖެއްސުން ކުރުމަށެވެ. ޗައިނާ އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުންނާ އަދި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރަމުންދާތީ އެކަމަށް ހުރަސް އެޅުމަށެވެ. އެއްގޮތަކުން ނޫނީ އަނެއް ގޮތަކުން ޗައިނާއަށް ފިއްތުންތައް ކުރިމަތިކޮށް ޗައިނާ ބަދުނާމުކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެމެރިކާ ގެންދަނީ ކުރެވެން އޮތްހާ މަސައްކަތް ކުރަމުން ކަމަށް ޗައިނާ ބުނެއެވެ. މި މައްސަލައިގައި ޗައިނާ މިހާރު ވަނީ އެމެރިކާ ދެކެ ވަރަށް ބޮޑަށް ރުޅި އައިސްފައެވެ.

comment ކޮމެންޓް