ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށް ބާރުއަޅާ އީޔޫގެ ''ވޮލަންޓަރީ ކޯޑުން'' ޓްވިޓާ ވަކިވެއްޖެ

ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ދޮގުމައުލޫމާތު ފެތުރުން ހުއްޓުވުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ކުރިއަށްގެންދާ "ވޮލަންޓަރީ ކޯޑު" ޕްރޮގްރާމުން ޓްވިޓާ ވަކިވެއްޖެ ކަމަށް އީޔޫ އިން ބުނެފިއެވެ.

އީޔޫގެ އިންޓާނަލް މާކެޓް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ތިއޭރީ ބްރެޓަން ޓްވިޓާގައި މިކަން އިއުލާނު ކުރެއްވި ނަމަވެސް، އާ ގާނޫނުތަކުގެ ދަށުން އެގޮތަށް އަމަލު ކުރަން ޓްވިޓާއަށްވެސް މަޖުބޫރުވާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

"ވާޖިބުތައް އަދިވެސް އެބައޮތް. ވަކިވެވިދާނެ، އެކަމަކު ކަންކަން ނުފޮރުވޭނެ،" އޭނާ ވިދާޅުވިއެވެ.

"އޮގަސްޓް މަހުގެ 25 ވަނަ ދުވަހުން ފެށިގެން ދޮގު މައުލޫމާތުތަކާ ދެކޮޅަށް ޤާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ޓްވިޓާ އިންވެސް ކުރަން ޖެހޭނެ. އަޅުގަނޑުމެންގެ ޓީމުތައް ތިބޭނީ ތަންފީޒު ކުރަން ތައްޔާރަށް،" އޭނާ ވިދާޅުވިއެވެ.

ޓްވިޓާއިން މި ކޯޑާ މެދު ދެކޭ ގޮތް ކަށަވަރުކޮށްދީފައި ނުވާއިރު، އެކަމާ ގުޅޭ ގޮތުން ޓްވިޓާގެ ބަހެއް ވަނީ މީޑިއާތަކަށް ލިބޭ ގޮތް ނުވެފައެވެ.

އީޔޫގެ ދޮގު މައުލޫމާތު ކޯޑަށް ބޮޑެތި އަދި ކުދި ޓެކް ކުންފުނިތަކުން އެއްބާރުލުން ދެމުން އަންނައިރު، އޭގެ ތެރޭގައި ފޭސްބުކް އަދި އިންސްޓަގްރާމް ހިންގާ މެޓާގެ އިތުރުން ޓިކްޓޮކް، ގޫގުލް، މައިކްރޮސޮފްޓް އަދި ޓްވިޗް ހިމެނެއެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ތައާރަފްކުރި މި ކޯޑުގެ މަގްސަދަކީ ދޮގު މައުލޫމާތާއި ދޮގު ޚަބަރުތަކުން ނަފާ ހޯދުން ހުއްޓުވުމުގެ އިތުރުން ދެފުށް ފެންނަ މިންވަރު އިތުރުކޮށް ބޮޓާއި ފޭކް އެކައުންޓްތައް ފެތުރުން ހުއްޓުވުމެވެ.

މި ކޯޑުގައި ސޮއިކުރާ ކުންފުނިތަކަށް ފެކްޓް ޗެކަރުންނަށް އެއްބާރުލުން ދިނުން ނުވަތަ ސިޔާސީ އިޝްތިހާރު ޓްރެކް ކުރުން ފަދަ ވައުދުތައް ކަނޑައެޅޭނެއެވެ.

އީލޮން މަސްކްގެ މިލްކުވެރިކަމުގެ ދަށަށް ޓްވިޓާ އައިފަހުން ޓްވިޓާގައި މިފަދަ އަމަލުތައް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސޯޝަލް މީޑިއާގެ މަޝްހޫރު ކުންފުނި، ޓްވިޓާގައި ދޮގު މައުލޫމާތު ކެމްޕެއިންތަކާ ދެކޮޅަށް މަސައްކަތް ކުރާ ހާއްސަ ޓީމެއް އޮތް ނަމަވެސް ތަޖުރިބާކާރުންނާއި ޓްވިޓާގެ ކުރީގެ މުވައްޒަފުން ބުނަނީ އޭގެ ތެރެއިން ގިނަ ސްޕެޝަލިސްޓުން އިސްތިއުފާ ދެއްވާފައި ނުވަތަ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.

ރަޝިއާ އާއި ޗައިނާގެ ދައުލަތުގެ އެތައް ސަތޭކަ ޕްރޮޕެގެންޑާ އެކައުންޓެއް ޓްވިޓާގައި ކުރިއަރަމުން އަންނަ ކަމަށް މިދިޔަ މަހު ބީބީސީއިން ވަނީ ބުނެފައެވެ.

ނަމަވެސް ޓްވިޓާގެ ވެރިޔާ މަސްކް ވިދާޅުވަނީ މިދިޔަ އޮކްޓޫބަރު މަހު އޭނާ މަގާމާ ހަވާލުވި ފަހުން މިހާރު "އިތުރު މައުލޫމާތުގެ ބަދަލުގައި ދޮގު މައުލޫމާތު މަދު" ވާނެ ކަމަށެވެ.

ވޮލަންޓަރީ ކޯޑުގެ އިތުރުން އީޔޫއިން ވަނީ ޑިޖިޓަލް ސާވިސަސް ގާނޫނެއް ވެސް ގެނެސްފައެވެ.

އޮގަސްޓް މަހުގެ 25 ވަނަ ދުވަހުން ފެށިގެން އީޔޫގައި މަހަކު 45 މިލިއަނަށްވުރެ ގިނަ އެކްޓިވް ޔޫޒަރުން ހިމެނޭ ޕްލެޓްފޯމްތައް (އޭގެ ތެރޭގައި ޓްވިޓާ ވެސް ހިމެނޭ ) ޑީއެސްއޭގެ ދަށުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ގާނޫނީ ގޮތުން އަމަލުކުރަން ޖެހޭނެއެވެ.

މި ގާނޫނުގެ މާނައަކީ ޓްވިޓާ ބޭނުންކުރާ ފަރާތްތަކުން ގާނޫނާ ހިލާފަށް ކޮންޓެންޓް ފްލެގްކޮށް، އިއުލާނުތަކަށް އަވަސް ފިޔަވަޅު އަޅައި، ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށް ނިޒާމެއް އޮންނަން ޖެހޭނެ ކަމެވެ.

ޔޫރަޕިއަން ކޮމިޝަންގެ އޮފިޝަލަކާ ހަވާލާދީ އޭއެފްޕީ ނިއުސް އެޖެންސީން ހުކުރު ދުވަހު ބުނެފައި ވަނީ "[އީލޮން މަސްކް] ކޯޑް ސީރިއަސްކޮށް ނުނަގާނަމަ އޭނާ އިސްތިއުފާ ދިނުން މާ ރަނގަޅު" ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު