ދެކުނު އެފްރިކާގައި ދިވެހިރާއްޖެ އިޝްތިހާރު ކުރަން ޚާއްސަ ޕްރޮގްރާމެއް ފަށައިފި

އެމްއެމްޕީއާރްސީ އިން ހިންގާ ޕްރޮގްރާމް

ދެކުނު އެފްރިކާގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގެ ބޭނުމުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ތޮމްޕްސަންސް ހޮލިޑޭސްއާ އެކު ޖޮއިންޓް މާކެޓިން ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

އަންނަ ޖުލައި މަހުގެ ނިޔަލަށް ކުރިއަށްދާ މި ކެމްޕޭންގެ ދަށުން ޑިޖިޓަލް މީޑިއާ، ސޯޝަލް މީޑިއާ، އައުޓްޑޯ އިޝްތިހާރު އަދި ބީޓުބީ އިވެންޓްތަކުގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

އެމްއެމްޕީއާރުސީން މައުލޫމާތު ދިން ގޮތުގައި މި ކެމްޕެއިންގެ މަގުސަދަކީ ދިވެހިރާއްޖެއަކީ ލޯންގް-ހޯލް ދަތުރުފަތުރަށް އެންމެ އިސްކަންދޭ މަންޒިލެއްގެ ގޮތުގައި ގާއިމްކޮށް، އެކި ސެގްމަންޓްތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ.

ދެކުނު އެފްރިކާގައި ރާއްޖެ އިޝްތިހާރުކުރަން އެމްއެމްޕީއާރުސީން ގުޅުނު ތޮމްޕްސަންސް ހޮލިޑޭސްއަކީ ދެކުނު އެފްރިކާގެ އެންމެ މަގުބޫލް އެއް ޓުއާ އޮޕަރޭޓަރެވެ. މި ދާއިރާގައި 40 ވުރެ ގިނަ އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވާ މި ކުންފުންޏަކީ، ރާއްޖެ ހިމެނޭހެން، ދުނިޔޭގެ އެންމެ މަޝްހޫރު މަންޒިލްތަކަށް ހޮލިޑޭ ޕެކޭޖް ވިއްކާ ކުންފުންޏެކެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި ތޮމްޕްސަންސް ހޮލިޑޭސް ފަދަ މަގުބޫލް ބްރޭންޑަކާ އެކު ކުރިއަށް ގެންދާ ކެމްޕޭނެއްގެ ސަބަބުން ދެކުނު އެފްރިކާގެ މާކެޓުގައި ދިވެހިރާއްޖެ ބްރޭންޑް އިތުރަށް ހަރުދަނާކުރެވޭނެއެވެ.

މި ކެމްޕެއިންގެ ދަށުން ޖުމްލަ 18 ހަރަކާތެއް ކުރިއަށް ގެންދާނެއެވެ. އޭގެ ތެރޭގައި، ދިވެހިރާއްޖޭގެ ބުކިންތައް ވިއްކަން އެޖެންޓުންނަށް ވިއްކުމަށް ހިތްވަރު ދިނުމުގެ ގޮތުން ހިންގޭ، ޓްރެވަލް އޭޖެންޓް އިންސެންޓިވް ޕްރޮގްރާމެއް ވެސް ހިމެނެއެވެ.

މީގެ އިތުރުން، ތޮމްޕްސަންސް ހޮލިޑޭސްއިން ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް ޚާއްސަ ސޯޝަލް މީޑިއާ ކެމްޕޭނަކާއި އައުޓްޑޯ ކެމްޕޭނެއް ކުރިއަށް ގެންދާނެއެވެ.

ދެކުނު އެފްރިކާއަކީ ރާއްޖޭގެ ޓޫރިޒަމުގައި ކުރިއަރަމުން އަންނަ މާކެޓެކެވެ. އެގޮތުން މިދިޔަ އަހަރު 14,840 ފަތުރުވެރިން އެ ގައުމުން ރާއްޖެ ޒިޔާރަތްކޮށްފައި ވާއިރު، އޭގެ ކުރީ އަހަރު 16,347 ފަތުރުވެރިން އެ ގައުމުން ޒިޔާރަތްކުރިއެވެ.

comment ކޮމެންޓް