ފުވައްމުލަކުގެ މަޝްހޫރު ޢިލްމުވެރީންގެ ތެރެއިން

ފުވައްމުލަކަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ވަރަށް ގިނަ ގޮތްގޮތުން ފާހަގަކޮށްލެވޭ ރަށެކެވެ. އެރަށުގެ ޖިއޮގްރަފީގެ އާދަޔާ ޚިލާފުކަމުންނެވެ. އެރަށުގެ ޤުދްރަތީ ރީތިކަމާ ހުރެއެވެ. އެރަށާ ގުޅިފައިވާ ޚިދުމަތްތެރި ޢާއިލާތަކާއި ޢިލްމުވެރީންގެ ސަބަބުންނެވެ. އަދި އެނޫންވެސް އެތައް ގޮތަކުންނެވެ.

ދިވެހިރާއްޖޭގައި މިހާރު މިއޮތް ދީނީ ޢިލްމުވެރިކަމުގެ ބާނީ ކަމުގައިވާ އައްޝައިޚް މުޙައްމަދު ޖަމާލުއްދީނުލް މަޙްލީ (މަޝްހޫރު ވާދޫ ދަންނަކަލޭގެފާނު) ވަނީ ރާއްޖެ ދެމިއޮތްހައި ހިނދަކު އެރަށުގައި ޤާރީވެރިކަން ލެހެއްޓެވުން އެދިވަޑައިގެން ދުޢާކުރައްވައިފައެވެ. ފުވައްމުލަކުގައި ހިނދުންހިނދަށް އުފެދެމުންދާ ފާހަގަކޮށްލެވޭފަދަ ޢިލްމުވެރީންނާއި ގިނަގުނަ ހާފިޒުންތަކަކީ އޭނާގެ ދުޢާފުޅުގެ އަސަރު ކަމުގައި ބަލާންޖެހެއެވެ.
ފުވައްމުލަކުގައި އުފެދިފައިވާ ޚިދުމަތްތެރި ޢިލްމުވެރީންކުރެ އެއް ބޭފުޅަކީ އެރަށު އަސްރަފީގޭ އަލްފާޟިލް އިބްރާހީމް ސަޢީދު މޫސާއެވެ. އިބްރާހީމް ސަޢީދު މޫސާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 11 އޯގަސްޓް 1921 ގައެވެ. ފުވައްމުލަކު ނަޔާގޭގައެވެ. އަވަހާރަވީ 20 މެއި 2008 ގައި ފުވައްމުލަކު އަސްރަފީގޭގައެވެ.

ޢާއިލާ

އަލްފާޟިލް އިބްރާހީމް ސަޢީދު މޫސާގެ ޢާއިލާއަކީ މެދުކެނޑުމެއް ނެތި އެތައް ޖީލަކަށް ފުވައްމުލަކުގެ ވެރިކަން ކުރައްވައިފައިވާ ޚިދުމަތްތެރި، ޢިލްމުވެރި ޢާއިލާއެކެވެ. ދިވެހިރާއްޖޭގެ ތާރީޚުގައި މަތިވެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ މަޝްހޫރު ދިޔަމިގިލީ ދަރިކޮޅާވެސް އަލްފާޟިލް އިބްރާހީމް ސަޢީދު މޫސާއާ ގުޅެއެވެ. އޭނާގެ ބައްޕަގެ ފަރާތުން ދިޔަމިގިލީ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ޣިޔާޘުއްދީން އިސްކަންދަރު (ޝަހީދުކުޅަ ބަންޑާރައިން) އާއެވެ. މަންމަގެ ފަރާތުން ދިޔަމިގިލީ އައްސުލްޠާނު އިބްރާހީމް އިސްކަންދަރާއެވެ.
އަލްފާޟިލް، އައްނާއިބު، އަލްޚަޠީބު އިބްރާހީމް ސަޢީދު މޫސާގެ ބައްޕަޔަކީ ފުވައްމުލަކު މޫނިފާކު މުދިންކަލޭގެފާނުގެ ހޯދަޑިގޭ ކަތީބު ކަލޭގެފާނު (އަލްޚަޠީބު ޢަލީ) ގެ ދަޑިމައިގޭ ޚަޠީބު އަޙްމަދުގެ ދަޑިމައިގޭ އަލްޚަޠީބު ޙުސައިނުގެ މިސްކިތްދޮށުގޭ ޚަޠީބު އަޙްމަދު (ދޮންތަކުރުފާނު) ގެ އަލްޚަޠީބު އައްނާއިބު މޫސާދީދީއެވެ. މޫސާދީދީގެ މަންމައަކީ ދިޔަމިގިލީ އައްސުލްޠާނު މުޙައްމަދު ޢިމާދުއްދީނުގެ އައްސުލްޠާނު އިބްރާހީމް އިސްކަންދަރުގެ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ޣިޔާޘުއްދީން އިސްކަންދަރުގެ އަލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ވަލިދަޑި އާމިނާ މަނިކުފާނާ (މޫނިފާކު މުދިން ކަލޭގެފާނުގެ ހޯދަޑިގޭ ދޮންމަނިކުގެ އާމިނާ މަނިކުފާނު) ކާވަނި ބައްލަވައިގެން ލިބިވަޑައިގެންނެވި އައްނަބީލު ޙަސަންދީދީގެ އަލްފާޟިލް ޙުސައިންދީދީގެ ދަރިކަނބަލުން ދަޑިމަގު ގަނޑުވަރު މަރްޔަމްދީދީއެވެ. މަރްޔަމްދީދީގެ މަންމަޔަކީ މާޅޮސްގެދަރު ޙައްވާ މަނިކުފާނެވެ. އިބްރާހީމް ސަޢީދު މޫސާގެ މަންމައަކީ ދިޔަމިގިލީ އައްސުލްޠާނު މުޙައްމަދު ޢިމާދުއްދީނުގެ އައްސުލްޠާނު އިބްރާހީމް އިސްކަންދަރުގެ މަރިޔަމް ކަނބާފާނުގެ މުޙައްމަދުދީދީގެ ޙުސައިންދީދީގެ ޢަލިދީދީގެ މޫސާދީދީގެ އޮޅޮގިނައިގޭ ޙައްވާދީދީއެވެ.

ދިޔަމިގިލީ ދަރިކޮޅަކީ ރާއްޖޭގައި ރަސްކަންކޮށްފައިވާ އެންމެ ޚިދުމަތްތެރި އެއް ދަރިކޮޅެވެ. އެންމެ ފުރަތަމަ ދިވެހިރާއްޖޭގެ ތާރީޚު ލިޔެވެން ފެށީ ދިޔަމިގިލީ އައްސުލްޠާނު މުޙައްމަދު ޢިމާދުންދީންގެ އަމުރުފުޅަށެވެ. އައްސުލްޠާނުލް ޣާޒީ މުޙައްމަދު ޣިޔާޘުއްދީނަކީ ދިވެހިރާއްޖެ އަޅުވެތި ކުރަން އެންމެފަހުން ރާއްޖެއަށް ޙަމަލަދިން ހޮޅީންގެ ފްލީޓާ ހަނގުރާމަކުރައްވައި ބަލިކުރެއްވި ހިތްވަރުފުޅުގަދަ ބަޠަލެކެވެ. މި ހަނގުރާމައިގައި، ލަޝްކަރާއިގެން ޚުދު އެމަނިކުފާނު ނިކުމެވަޑައިގަންނަވައި، ހަނގުރާމައިގައި ބައިވެރިވެވަޑައިގަތެވެ. އަދި އެހަނގުރާމައިގެ ކްރޯނިކަލެއް އަމިއްލަފުޅަށް ލިޔުއްވިއެވެ. "ޙާޖީ ބަންޑާރައިންގެ ހަނގުރާމަ" މި ނަމުގައި ދިވެހި ތާރީޚާއި ޘަޤާފަތަށް ޚިދުމަތްކުރާ މަޖިލިހުން ޝާއިޢު ކުރައްވާފައި ވަނީ މި ކްރޯނިކަލެވެ. މި ކްރޯނިކަލަކީ ދިވެހި ތާރީޚުން އޭގެ ދެވަނަ ނަމޫނާއެއް ފެންނާން ނެތް ޚިދުމަތެކެވެ. އެހެން އެއްވެސް ޤައުމީ ބަޠަލެއް ޣިޔާޘުއްދީނު ރަދުން ފަދައިން ކަނޑިކޮޅާއި ގަލަންކޮޅު އެކުއެކުގައި ގެންގުޅުއްވައިފައެއް ނުވެއެވެ. ދިވެހިބަހުގެ ބަސްފޮތެއް (ރަދީފެއް) އެންމެ ފުރަތަމަ ލިޔެވުނީ އެރަދުންގެ އަމުރުފުޅަށެވެ. އެފޮތަކީ ދިވެހި އަދަބީ ތާރީޚުގައި މަޝްހޫރު ޣިޔާޘުއްދީންގެ ބަސްފޮތެވެ.

ފުވައްމުލައް ތިންވަނަ ފަހަރަށް ފަޅުވެފައި ވަނިކޮށް އެރަށް އާބާދުކުރެއްވީ އަލްފާޟިލް އިބްރާހީމް ސަޢީދު މޫސާގެ ފަސްވަނަ ކާފަ މޫނިފާކު މުދިންކަލޭގެފާނެވެ. ފުވައްމުލައް ތިންވަނަ ފަހަރަށް ފަޅުވީ ހިޖުރައިން 1177 ވަނަ އަހަރު ހާތާނގައެވެ. މުލީގޭ ދޮންބަންޑާރައިން ހޮޅީންގެ އަތުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ދުވަސްވަރުއެވެ. އެދުވަސްވަރު ގަދަ ހުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް (ޕްލޭގް) ފުވައްމުލަކުގައި ފެތުރުނެވެ. ގިނަ ޢަދަދެއްގެ ބަޔަކު މަރުވުމުން ބާކީ ތިބި މީސްކޮޅު ރަށް ދޫކޮށްލައިފައި ދޯނިފަހަރުގައި އައްޑުއަތޮޅު މީދުއަށް ހިޖުރަކުރީއެވެ.

ބުނެވޭގޮތުގައި މީދުއަށް ދިޔަ ގިނަ ދޯނިފަހަރުގައި ދިރިތިބީ އެކަކު ދެމީހެކެވެ. މަރުވެފައި ތިބި މީހުން ވަޅުލެވުނީ މީދޫ ކޯގަންނު ސަރަހައްދުގައެވެ. އެންމެން އެއްތަނެއްގައެވެ. އެތަން މަޝްހޫރުވެފައި ވަނީ މުލަކު ކަށްބިމުގެ ނަމުގައެވެ. އެތާނގައި މިހާރު ވަނީ ދިވެހި ރުއް ހެދިފައެވެ. ގިނަ ޢަދަދެއްގެ ބަޔަކު އެއްތަނެއްގައި ވަޅުލެވިފައިވާތީ މަހާނަ ފާހަގަކުރެވިފައި ނުވުމާއި، ގިނަ ދުވަސްވެ ޖަންގަލީވުމުގެ ސަބަބުން ކަށްބިން އުވާލެވުމުގެ ސަބަބުންނެވެ. އެހެން ނަމަވެސް ތާރީޚަށް ޓަކައި މި ތަން ފާހަގަ ކުރެވޭނެ ގޮތަކަށް އޮތުމަކީ މުހިންމު ކަމަކަށް ވާނެ އެވެ.

ފުވައްމުލައް ފަޅުކޮށްލައިފައި އެރަށުގެ މީހުން ސ. މީދުއަށް ދިޔަ ޚަބަރު މާލެ އައިއިރު މޫނިފާކު މުދިންކަލޭގެފާނު ހުންނެވީ މާލޭގައެވެ. އޭނާއަކީ ރާއްޖޭގައި އެޒަމާނުގައި ހުންނެވި އެންމެ މޮޅު ފަންޑިތަވެރިޔާއެވެ. ދައުލަތުގެ ރަސްމީ ފަންޑިތަވެރިއަކީ އޭނާއެވެ. މޫނިފާކު މުދިން ކަލޭގެފާނަށް އޭނާގެ ރަށް ފަޅުވި ޚަބަރު ލިބިވަޑައިގަތުމާއެކު އެންމެ އިސްކަމެއް ދެއްވީ އެރަށް އަލުން އާބާދު ކުރެއްވުމަށެވެ. ސަރުކާރުގެ ހުއްދަ ހޯއްދަވައިގެން މީދުއަށް ވަޑައިގެން އެރަށުގައި ތިބި ފުވައްމުލަކު މީހުންކޮޅާއިގެން ރަށަށް ވަޑައިގެން ރަށަށް ފަންޑިތަ ހައްދަވައި، ރަށް އާބާދު ކުރެއްވިއެވެ. މުދިން ކަލޭގެފާނު ވަޒަންވެރިވެވަޑައިގަތީ އެރަށު ހޯދަޑިގޭގައެވެ.

ތަޢުލީމު ހޯއްދެވުމާއި ޢިލްމީ ޚިދުމަތް

އަލްމަރްޙޫމް އިބްރާހީމް ސަޢީދުގެ އެންމެ ފުރަތަމަ އެދުރަކީ އޭނާގެ ބައްޕަ މޫސާދީދީއެވެ. މޫސާދީދީއަކީ ފުވައްމުލަކުގެ ކަތީބުކަމާއި ނާއިބުކަން ކުރެއްވި ޢިލްމުވެރިއެކެވެ. މޫސާދީދީގެ ގެ (ދޮންތައްކާނުބެއަގެ) އަކީ އައްޑުއަތޮޅާއި ހުވަދުއަތޮޅުގެ އެތައް ބަޔަކު ވެސް ޢިލްމު ހޯދަން ފުވައްމުލަކަށް ގޮސް އެ ގެއެއްގައި ފައިބައިތިބެ ޢިލްމު ހޯދަމުން ގެންދިޔަ ޢިލްމީ މަރުކަޒެކެވެ. އިބްރާހީމް ސަޢީދު މޫސާ ބައްޕަގެ އަރިއަހުން ކިޔަވައިވިދާޅުވުމަށްފަހު، ފަޟީލަތުއްޝައިޚް ޙާޖީ ޢަބްދުއްރަޙްމާނު ފަދަ ޢިލްމުވެރީންގެ އަރިހުންވެސް ކިޔަވައިވިދާޅުވިއެވެ. އަލްފާޟިލް އިބްރާހީމް ސަޢީދު މޫސާގެ އެންމެ ޚާއްސަ އުސްތާޛަކީ ފަޟީލަތުއްޝައިޚް ޙުސައިން ރަހާ އަލްއަޒްހަރީއެވެ.

އަލްފާޟިލް އިބްރާހީމް ސަޢީދު މޫސާއަކީ ޢިލްމުވެރި، ޢިލްމު ފަތުރުއްވަން މަސައްކަތްކުރެއްވި ބޭފުޅެކެވެ. ފުވައްމުލަކުގައި ފަހަކަށް އައިސް އުފެދުނު ދީނީ ޢިލްމުވެރީންގެ ތެރެއިން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އޭނާ ލިޔުއްވި ފޮތްތަކުގެ ތެރެއިން ތިން ފޮތެއް ވަނީ ޗާޕްކޮށް ޝާއިޢު ކުރެވިފައެވެ. އެ ތިން ފޮތަކީ "އައްޞަލާތު" އާއި "ސަބީލުއްނަޖާތި" އާއި "ހިޖްރީ ތާރީޚު މީލާދީ ތާރީޚަށް ބަދަލުކުރާ ތާވަލު" މި ތިން ފޮތެވެ.

މި ތިންފޮތުގެ ތެރެއިން، "އައްޞަލާތު" އާއި "ސަބީލުއްނަޖާތި" މި ދެފޮތަކީ މާލޭގެ ފޮތްފިހާރަތަކުގައިވެސް އެންމެ ވިކޭ (ބެސްޓް-ސެލަރ) ފޮތްތަކުގެ ތެރޭގައި ހިމެނޭ ދެފޮތެވެ. ޗާޕްނުކުރެވޭ ފޮތްތަކުގެ ތެރޭގައި "ޤާޢިދާ މަޙަލްދީބިއްޔާ" ގެ ނަން ދެއްވައިފައިވާ ފިލިފޮތެއް ހިމެނެއެވެ. އެފޮތަކީ ދިވެހީންގެ ކާބަފައި އެދުރުން ޢަރަބި އަކުރު ލިޔެކިޔަން ދަސްކޮށްދެއްވަން ގެންގުޅުއްވި އުސޫލުތަކަށް ފައްތަވައިގެން ލިޔުއްވާފައިވާ، "ޤާޢިދާ ބަޣްދާދިއްޔާ" ފަދަ ފޮތެކެވެ. އެފޮތުގެ ކޮޕީތައް އޭނާގެ ބޭފުޅުންނަށާއި، އޭނާ އަމިއްލަ ބޭފުޅުންގެ ނަޒަރުން ބައްލަވާ ބޭފުޅުންނަށް ހަދިޔާކުރެއްވިއެވެ. މިގޮތުން އެފޮތުގެ ކޮޕީއެއް އަޅުގަނޑުގެ ދަރިފުޅު ނުސައިބާއަށް ވެސް ދެއްވިއެވެ.

މީގެ އިތުރަށް ވަރަށް ތަފްޞީލު ދިވެހި ބޭސްފޮތެއް ވެސް ލިޔުއްވިއެވެ. އެފޮތުގައި އޭނާގެ ޢާއިލާއިން (މޫނިފާކު މުދިންކަލޭގެފާނާ ހަމައިން) ތަޖުރިބާ ކުރައްވައިފައިވާ ބޭސްތަކާއި، އޭނާ ޢަރަބި އުރްދޫ ފޮތްތަކުން ތަރުޖަމާ ކުރައްވައިފައިވާ ބޭސްތައް ހިމެނެއެވެ. އެފޮތުގެ އެންމެ ފުރަތަމަ އަޞްލުވަނީ އޭނާގެ ދަރިކަލުން މުޙައްމަދު ސަޢީދުގެ އަތްޕުޅުގައި އޮއްވައި އައްޑުއަތޮޅު މަރަދުއަށް ގެއްލިފައެވެ. އެފޮތް ގެއްލުމަށްފަހު އަނެއްކާވެސް ދިވެހި ބޭހުގެ ދެވަނަ ފޮތެއް ލިޔުއްވިއެވެ. ދިވެހި-އިނގިރޭސި ޑިކްޝަނަރީއެއްގެ މަސައްކަތުގެ ވެސް ވަރަށް ބޮޑު ބައެއް ފުރިހަމަ ކުރެއްވިއެވެ.
ދިވެހި ބަހުގެ ރަދީފު އެކުލަވައިލުމަށްޓަކައި ކުރީގެ ދިވެހި ބަހާ ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒުން ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ރަދީފުގައި ހިމެނުމަށްޓަކައި، ދިވެހި ބަހުގެ ޢާއްމު ބަހުރުވައިގެ ވަރަށް ގިނަ ބަހާއި، ފުވައްމުލަކު ބަހުރުވައިގެ ބޮޑު މަޖުމޫޢާއެއް ތައްޔާރުކުރައްވައި، އެކިފަހަރު މަތީން ޤައުމީ މަރުކަޒަށް ފޮނުއްވިއެވެ. ރަދީފަށް ބަސް އެއްކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުގައި އެއް ފަހަރަށްވުރެ ގިނަ ފަހަރު ޤައުމީ މަރުކަޒުން އިނާމު ޙާޞިލުކުރެއްވިއެވެ.
އަލްފާޟިލް އިބްރާހީމް ސަޢީދު މޫސާގެ ލިޔުއްވުންތައް ފަތްތޫރައިގައި ވެސް ވަނީ ޝާއިޢު ކުރެވިފައެވެ.
ސަރުކާރުން ފުވައްމުލަކުގައި އެންމެ ފުރަތަމަ މަދަރުސާތައް އުފެއްދެވި އިރު، ދަޑިމަގު ދިގުވާނޑަށް ޚާއްސަކުރައްވައިގެން އުފެއްދެވި މަދަރުސަތުލް ފައިޟިއްޔާގެ މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. މަދަރުސަތުލް ފައިޟިއްޔާއަށް ފަހު ރަށުގައި އުފެދުނު ބައެއް އެހެނިހެން މަދަރުސާތަކުގައިވެސް ކިޔަވައިދެއްވުމުގެ މަސައްކަތް ކުރައްވާފައި ވެއެވެ. ގޭގައި ކުދީންނަށް ދީނީ ތަޢުލީމާއި ޢަރަބި ބަހާއި ކީރިތި ޤުރްއާން ކިޔަވައިދެއްވިއެވެ. މީގެ އިތުރަށް، އަލްމަރްޙޫމް އިބްރާހީމް ސަޢީދު މޫސާއަކީ ވަރަށް ރީތިކޮށް ޢަރަބި ތާނަ ލިޔުއްވާ ބޭފުޅެއްކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޤައުމީ ޚިދުމަތުގެ ދާއިރާގައި

އަލްފާޟިލް އިބްރާހީމް ސަޢީދު މޫސާއަކީ ހަމައެކަނި ތަޢުލީމީ ދާއިރާގައި ޚިދުމަތްކުރެއްވި ބޭފުޅެއް ނޫނެވެ. އޭނާ ވަރަށް ދިގު މުއްދަތެއްގައި ސަރުކާރަށް ވެސް ޚިދުމަތް ކުރެއްވިއެވެ. އިބްރާހީމް ސަޢީދު މޫސާގެ އެންމެ ފުރަތަމަ ސަރުކާރުގެ ވަޒީފާއަކީ ފުވައްމުލަކުގެ މާމުދިންކަމެވެ. މުދިންކަމުގެ ވަޒީފާ ލިބިވަޑައިގަތީ ހިޖުރައިން 1361 ވަނަ އަހަރުއެވެ.
އިބްރާހީމް ސަޢީދު މޫސާއަށް އެންމެ ފުރަތަމަ ކުޑަކަތީބުކަން ލިބިވަޑައިގަތީ 1369 ހ. ގައެވެ. އެފަހަރު ކަތީބުކަމުގައި މާގިނަ ދުވަހަކު ނުހުންނަވައެވެ. 1371 ހ. ގައި ވަޒީފާ މެދުކެނޑިއްޖެއެވެ. އިބްރާހީމް ސަޢީދުގެ ޚިދުމަތުގެ ދެވަނަ ދައުރު ފެށުނީ 16 މާރިޗު 1960 ގައެވެ. ފުވައްމުލަކު ނާއިބުކަމުގެ ވަޒީފާއިންނެވެ. ދެކުނުގެ ބަޣާވާތާ ވިދިގެން ދެކުނުގެ ހަތަރު އަތޮޅުގައި ތިއްބެވި ސަރުކާރުގެ މުވައްޒަފުންގެ ވަޒީފާ ވަކިކުރެއްވިއެވެ. އިބްރާހީމް ސަޢީދު ވެސް ވަޒީފާއިން ވަކި ކުރެއްވިއެވެ. ބަޣާވާތް ނިމުމާއެކު އަލުން ވަޒީފާ ލިބިވަޑައިގަތީ 11 މެއި 1964 ގައެވެ. ރާއްޖޭގެ އަތޮޅުތަކުގެ ނާއިބު އޮފީސްތައް އުވާލައްވައި އަތޮޅު ކޯޓުތައް އުފެއްދެވުމާ ގުޅިގެން 1970 ވަނަ އަހަރުގެ ފެބުރުވަރީގައި އިބްރާހީމް ސަޢީދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބޭފުޅަކަށް ބަދަލު ކުރެއްވުމަށްފަހު 21 ފެބުރުވަރީ 1970 ގައި ފުވައްމުލަކު ކުޑަކަތީބުކަން ދެއްވިއެވެ. އިބްރާހީމް ސަޢީދު ކަތީބުކަމަށް ބަދަލުކުރެއްވީ 10 ޖުލައި 1983 ގައެވެ.
1 ފެބުރުވަރީ 1992 ގައި އިބްރާހީމް ސަޢީދު މޫސާ އަތޮޅުއޮފީހުގެ އެހީތެރިޔަކަށް ބަދަލުކުރެއްވިއެވެ. އޭނާ އަވަހާރަވުމާ ހަމަޔަށްވެސް ހުންނެވި އެ މަޤާމުގައެވެ.

އިސްވެދެންނެވި ރަސްމީ ވަޒީފާތަކުގެ އިތުރަށް އިބްރާހީމް ސަޢީދު މޫސާ ވަނީ ޏ. އަތޮޅު ކޮމެޓީގެ މެންބަރުކަމާއި، ޏ. އަތޮޅު އަތޮޅުފިހާރައިގެ އަތްދަށު މެނޭޖަރުކަމާއި މިސްކިތްތަކާ ބެހޭ ޤައުމީ މަޖިލިސްގެ މެންބަރުކަން ވެސް ކުރައްވާފައި ވެއެވެ. އަވަހާރަވީ އިރުވެސް އިބްރާހީމް ސަޢީދަކީ މިސްކިތްތަކާ ބެހޭ ޤައުމީ މަޖިލިސްގެ މެންބަރެކެވެ. އެކިފަހަރު މަތީން އޭނާ ވަނީ ފަންސާހަކަށް އަހަރު ސަރުކާރަށް ޚިދުމަތްކުރައްވައިފައެވެ.

އަލްފާޟިލް އިބްރާހީމް ސަޢީދު މޫސާއާއެކު އެއް އޮފީހެއްގައި ވަޒީފާ އަދާކުރެއްވި ބޭފުޅުން ވިދާޅުވާގޮތުގައި އޭނާއަކީ އޮފީސް ހިންގެވުމުގެ ދާއިރާގައި ވަރަށް ޤާބިލު ބޭފުޅެކެވެ. ރަށުއޮފީސްތަކަކީ ރަށްރަށުގެ މަގުތައް ހެދުމާއި، ގޯތިތައް ކުރެހުމުގެ މަސައްކަތްކުރަން ޖެހޭ އޮފީސްތަކެވެ. އެހެންކަމުން އެދާއިރާގައިވެސް އިބްރާހީމް ސަޢީދުގެ ޤާބިލިއްޔަތު ޚާއްޞަގޮތެއްގައި ފާހަގަކުރެވިގެން ގޮސްފައި ވެއެވެ. އެދުވަސްވަރުގެ ޙާލަތު ހުރިގޮތުން ޗާޓުތަކާއި ގޯތިތަކާއި މަގުތައް ކުރަހަން ބޭނުންވާ ގިނަ އާލާތްތައް އިބްރާހީމް ސަޢީދު އަމިއްލަފުޅަށް ލަކުޑީން ހައްދަވައި ރަށުއޮފީހުގެ ބޭނުންތަކަށް ދެއްވިއެވެ. އިބްރާހީމް ސަޢީދަކީ އޭނާގެ ތަނަވަސް މަޢްލޫމާތު އޮފީހުގެ އެހެނިހެން ވެރީންނާ ޙިއްޞާކުރެއްވި ދީލަތި، ތަނަވަސް ހިތްޕުޅެއްގެ ވެރިއެކެވެ.

(ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް