އޭއައިއާ ގުޅުން ހުރި އެންމެ ބޮޑު ކަންބޮޑުވުމަކީ 'ޑީޕް ފޭކް'ތައް: މައިކްރޮސޮފްޓްގެ ރައީސް

މައިކްރޮސޮފްޓްގެ ރައީސް ބްރެޑް ސްމިތު -- ފޮޓޯ/ ގެޓީ

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)އާ ގުޅުން ހުރި އެންމެ ބޮޑު ކަންބޮޑުވުމަކީ 'ޑީޕް ފޭކް'ތައް ނުވަތަ އަސްލާ ވަރަށް އެއްގޮތަށް ހަދާފައިވާ ފޮޓޯ އާއި ވީޑިއޯ ފަދަ އުފެއްދުންތައް ކަމަށް މައިކްރޮސޮފްޓްގެ ރައީސް ބްރެޑް ސްމިތު ވިދާޅުވެއްޖެއެވެ.

އޯޕަންއޭއައިގެ ޗެޓްޖީޕީޓީ ތައާރަފު ކުރުމާއެކު އޭއައި ރެގިއުލޭޓް ކުރާނެ ގޮތާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ސްމިތު ވަނީ ފޮޓޯއާއި ވީޑިއޯއަކީ އަސްލެއްކަން ނުވަތަ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން އެނގޭނެ ގޮތެއް ހަދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

"ޑީޕް ފޭކްއާ ގުޅުން ހުރި މައްސަލަތަކަށް ހައްލު ހޯދަން އެބަ ޖެހޭ. ވަކިން ހާއްސަކޮށް ބޭރުގެ ގިނަ ސައިބާ އިންފްލުއެންސް އޮޕަރޭޝަންތަކާއި، ރަޝިއާ ސަރުކާރާއި، ޗައިނާ މީހުންނާއި، އީރާނުގެ ރައްޔިތުން މިހާރުވެސް ހިންގަމުން އަންނަ ހަރަކާތްތަކުގެ ބާވަތްތަކާ މެދު ކަންބޮޑުވާ ކަންކަމަށް އަޅުގަނޑުމެން ރިއާޔަތް ކުރަން ޖެހޭނެ،" އޭނާ ވިދާޅުވިއެވެ.

"މީހުންނަށް އޮޅުވާލުމުގެ މަގުސަދުގައި އޭއައި ބޭނުންކޮށްގެން ސައްހަ ކޮންޓެންޓް ބަދަލުވިޔަ ނުދިނުމަށް ފިޔަވަޅުއަޅަން ޖެހޭ." ސްމިތު ވިދާޅުވިއެވެ.

ސްމިތު ވަނީ އޭއައިގެ ބާވަތްތަކަށް ލައިސެންސް ދިނުމުގައި ގައުމީ ސަލާމަތާއި ސައިބާ ސެކިއުރިޓީއާ ގުޅުން ހުރި ފިޔަވަޅުތައް އަޅާފައިވާކަން ކަށަވަރު ކުރުމަށް ގޮވާލައްވާފައެވެ.

އޭއައި ޓެކްނޮލޮޖީ ތައާރަފު ކުރުމަށް ގިނަ ކުންފުނިތަކުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން، އޭއައި ކޮންޓްރޯލް ކުރުމަށް އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ބަހުސް ކުރާތާ އެތައް ހަފުތާއެއްވެއްޖެއެވެ.

އެ ބަހުސާ ގުޅިގެން، އޯޕަންއޭއައިގެ ސީއީއޯ ސޭމް އޮލްޓްމަން މިދިޔަ ހަފުތާގައި ކޮންގްރެސްއަށް ހާޒިރުކޮށްފައިވެއެވެ. އެގޮތުން ސެނެޓްގެ ޕެނަލެއްގައި އޭނާ ވިދާޅުވީ، އޭއައި ބޭނުންކޮށްގެން އިންތިޚާބުގެ ނަޒާހާތްތެރިކަމަށް ހުރަސް އެޅޭ ފަދަ އަމަލުތަކެއް ބަޔަކު ހިންގުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެކަން ރެގިއުލޭޓް ކުރަން ޖެހޭ ކަމަށެވެ.

ސްމިތު ދެއްކެވި ވާހަކަފުޅުގައި ވެސް އަދި މިދިޔަ ބުރާސްފަތި ދުވަހު ނެރުއްވި ބްލޮގް ޕޯސްޓެއްގައި ވެސް ވަނީ އޭއައިގެ ސަބަބުން ދިމާވާ ކޮންމެ މައްސަލައެއްގައި ޒިންމާދާރުވާ ބަޔަކު ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށާއި، އިލެކްޓްރިކް ގްރިޑާއި ފެން ސަޕްލައި އަދި އެހެނިހެން ކްރިޓިކަލް އިންފްރާސްޓްރަކްޗާ ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ އޭއައިގައި ސޭފްޓީ ބްރޭކް ހުންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އަދި ބާރުގަދަ އޭއައި މޮޑެލްތަކުގެ ޑިވެލޮޕަރުންނަށް "ނޯ ޔޯ ކަސްޓަމާ" ސްޓައިލްގެ ސިސްޓަމެއް ބޭނުންކޮށްގެން އެ މީހުންގެ ޓެކްނޮލޮޖީ ބޭނުންކުރާ ގޮތް ބެލުމަށާއި އޭއައި އިން އުފައްދަނީ ކޮން ކޮންޓެންޓެއްކަން އާންމުންނަށް އަންގައި، ފޭކް ވީޑިއޯތައް ދެނެގަނެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

އެމެރިކާގެ ކޮންގްރެސްގައި އޭއައިއާ ގުޅުވައިގެން ބަހުސް ކުރަމުންދާ ކަންތައްތަކުގެ ތެރޭގައި މީހުންގެ ފުރާނައާ ގުޅުން ހުރި ދާއިރާތައް ކަމަށްވާ ސިއްހީ ދާއިރާ އާއި ފައިނޭންސް ހިމެނެއެވެ. އަދި މަދަނީ ހައްގުތައް ހިމާޔަތް ކުރުމާއި ތަފާތު ކުރުންތައް ހުއްޓުވުމާ ބެހޭ ފިޔަވަޅުތައް އެޅުން ވެސް ހިމެނެއެވެ.

comment ކޮމެންޓް