ބައްޕައާ ދެކޮޅަށް ކައިޒީން ކުރާ ދައުވާ މަޑުޖައްސާލަން ހައިކޯޓުން އަމުރުކޮށްފި

އުފަން ދުވަސް ފާހަގަކުރުމަށް އުސްފަސްގަނޑުގައި ހަދާފައިވާ ސްޓޭޖެއްގެ މަތީގައި ކައިޒީން މަޑުކޮށްލައިގެން ---- ފޮޓޯ: ކައިޒީން އިންސްޓަގްރަމް

ސޯޝަލް މީޑިއާގައި މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން އޭނާގެ ބައްޕައާ ދެކޮޅަށް ކުރާ ދައުވާގެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން އަމުރުކޮށްފިއެވެ.

ކައިޒީން ވަނީ ބޯޓެއްގެ މިލްކުވެރިކަމާ ގުޅިގެން އޭނާގެ ބައްޕައާ ދެކޮޅަށް ސިވިލް ކޯޓުގައި މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ދައުވާކޮށްފައެވެ.

މިދިޔަ ފެބްރުވަރީ މަހު ކައިޒީން ވަނީ އޭނާގެ ބައްޕަ އިބްރާހީމް އަލިފުޅުގެ ނަމުގައިވާ ބޯޓުގެ ރަޖިސްޓްރީ ކައިޒީންގެ ނަމަށް ބަދަލުކޮށްދިނުމުގެ އަމުރަކަށް ސިވިލް ކޯޓުގައި އެދިފައެވެ. ނަމަވެސް، ކައިޒީން އޭނާގެ ބައްޕައާ ދެކޮޅަށް އުފުލާފައިވާ ދައުވާގައިވާ މުދަލުގެ މިލްކުވެރިކަން ބަދަލުވާފަދަ އެއްވެސް ތަސައްރުފެއް ނުކުރުމަށް ވަގުތީ އަމުރެއް ނެރެފައިވުމާއެކު، ކޯޓުން ވަނީ އިތުރު އަމުރެއް ނެރެންޖެހޭ ތަނެއް ނެތް ކަމަށް ނިންމާފައެވެ.

އެ އަމުރު އިސްތިއުނާފު ކުރުމަށް ކައިޒީންގެ ފަރާތުން ހައި ކޯޓަށް މައްސަލަ ހުށަހެޅުމުން، ހައި ކޯޓުގައި ކުރިޔަށްދާ އިސްތިއުނާފު މައްސަލަ ނިމެންދެން ސިވިލް ކޯޓުގެ ޝަރީއަތް މަޑުޖައްސާލުމުގެ އަމުރަކަށް އެދުނެވެ.

ބޯޓުގެ މައްސަލާގައި މީގެ ކުރިން ކައިޒީން ބުނީ، އޭނާ ހަވާލުކުރި 3.6 މިލިއަން ރުފިޔާ ބޭނުންކޮށްގެން އޭނާގެ ބައްޕަ އިބްރާހީމަށް ގަނެދިން ބޯޓު އޭނާގެ ރުހުމެއް ނެތި ބައްޕަގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އެފަހަރު ސިވިލް ކޯޓުން ވަނީ ބޯޓުގެ ރަޖިސްޓްރޭޝަނާ ބެހޭ ގޮތުން ކޯޓުން ގޮތް ނިންމަންދެން ރަޖިސްޓްރީ ބަދަލުނުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް ވަގުތީ އަމުރެއް ނެރެދީފައެވެ.

އެ މައްސަލައިގައި އިބްރާހީމް އަލިފުޅުގެ ފަރާތުން ބުނެފައި ވަނީ، ބޯޓު ގަނެފައި ވަނީ ކައިޒީންގެ ފަރާތުން އޭނާއާ އެ މަސައްކަތް ހަވާލުކޮށްގެން ކަމަށް ދައުވާގައި ބުނެފައިވީ ނަމަވެސް ބޯޓު ގަތުމަށް ވެފައިވާ އެއްބަސްވުމުގައި ގަންނަ ފަރާތުގެ ނަމަކަށް އޮންނާނީ އިބްރާހީމް އަލިފުޅުގެ ނަން ކަމަށެވެ. އެހެންކަމުން އެ ބޯޓު ގަނެފައި ވަނީ އޭނާ ކައިޒީންގެ އޭޖެންޓެއްގެ ގޮތުގައި ހުރެގެން ނޫންކަން އެނގޭ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން، ދަރިންގެ މުދާ މައިންބަފައިން ބޭނުންކުރުމާ މެދު އައިސްފައިވާ ހަދީޘަކުން، ދަރިއެއްގެ މުދަލެއް މައިންބަފައިން ބޭނުންކޮށްގެން އެ ފަރާތެއްގެ މައްޗަށް ދައުވާ ނުކުރެވޭނެކަން ހާމަވާ ކަމަށް އިބްރާހީމް އަލިފުޅުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް