ކްރިިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ ހައިލަމް ޖޭޕީއަށް ސޮއިކޮށްފި

ކުރީގެ އިސް ގާޒީ ހައިލަމް ސޮއިކުރެއްވި ފޯމް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމްއާ ހަވާލުކުރައްވަނީ --

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.

އޭނާ ޖުމްހޫރީ ޕާޓީއާ ސޮއިކުރެއްވުމަށްފަހު ފޯމާ ހަވާލުވެވަޑައިގެންނެވީ އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމެވެ.

ކްރިމިނަލް ކޯޓްގެ އިސް ގާޒީކަމުން ހައިލަމް އިސްތިއުފާ ދެއްވަން ނިންމަވައި އެކަން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އަށް އެންގެވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތިނެއްގައެވެ.

ހައިލަމް އިސްތިއުފާ ދެއްވިއިރު، އޭނާގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެފައިވާ ކަމަށް ޖޭއެސްސީއިން ކަނޑައަޅައި އޭނާ ގާޒީކަމުން ވަކިކޮށް ދިނުމުގެ މައްސަލަ ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. އޭރު މަޖިލީހުން ވަނީ އަދި އެ މައްސަލަ ޖޭއެސްސީއިން ހިންގާފައިވާ ގޮތް ޖުޑީޝަރީ ކޮމިޓީން ބަލައި އެ ނިންމުމަށް ތާއީދުކުރަން އެ ކޮމިޓީއިން ފާސްކޮށް، ތަޅުމަށް ރިޕޯޓް ވެސް އޮތީ ފޮނުވައިފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ ހުކުމް އިއްވަން ތާވަލްކޮށްފައި ވަނިކޮށް 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހު ހައިލަމް ސަސްޕެންޑް ކުރީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައިގެން ދަމާ މަންޒަރު ފެންނަ ކާޓޫނަކާ އެކު އޭނާ ނޮވެމްބަރު ތިނެއްގެ ތަހުނިޔާ ވައިބާ ގުރޫޕެއްގައި ވިދާޅުވި މައްސަލަ ފެންމަތިވެގެންނެވެ.

އެ ތަހުގީގަށް ޖޭއެސްސީއަށް ހާޒިރުވާން ހައިލަމް ދެކޮޅު ހައްދަވާފައިވަނިކޮށް ފުލުހުން ވަނީ، ސިޔާސީ ބޭފުޅެއް ކަމަށްވާ، ކުރީގެ މެންބަރު އަލްހާން ފަހުމީ ހައިލަމްގެ އެކައުންޓަށް 200،000 ރުފިޔާ ޖަމާކުރި މައްސަލަ ސަމާލުކަމަށް ގެނެސްފައެވެ. އެ މައްސަލަ ވެސް ޖޭއެސްސީއިން އޭރު ދިޔައީ ބަލަމުންނެވެ.

އެ މައްސަލަތައް ބަލަނިކޮށް އިސްތިއުފާ ދެއްވާ ހައިލަމް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، އޭނާގެ މައްޗަށް ޖޭއެސްސީން ހިންގި ތަހުގީގާ ގުޅިގެން، އޭނާ ޖޭއެސްސީއަށް ފޮނުވި ސިޓީތަކުގައި ހުރި އެއްވެސް ކަމަކަށް ރިއާޔަތް ނުކޮށް އޭނާ މަގާމުން ވަކިކުރަން ނިންމި ނިންމުމަކީ ގާނޫނު އަސާސީ އާއި ޖޭއެސްސީގެ ގާނޫނާ ވެސް ހިލާފު ނިންމުމެއް ކަމަށެވެ.

ހައިލަމްގެ އިސްތިއުފާގެ ސިޓީގައި އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ޖޭއެސްސީން އޭނާގެ މައްޗަށް ހިންގި ތަހުގީގަކީ ސިޔާސީ ނުފޫޒު އޭގެ ތެރެއަށް ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ވަދެފައިވާ ތަހުގީގެކެވެ. ހައިލަމް ވިދާޅުވި ގޮތުގައި، ޖޭއެސްސީއިން މަސައްކަތް ކުރަނީ ޝަރޫއީ ދާއިރާ އިސްލާހު ކުރުމަށް ވުރެ ބޮޑަށް ވަކި ސިޔާސީ ބައެއްގެ މުށުތެރެއަށް ޝަރުއީ ދާއިރާ ލުމަށެވެ.

ހައިލަމް ޖުމްހޫރީ ޕާޓީއާ ގުޅިފައިވާއިރު މިއީ އޭނާ ސިޔާސީ މައިދާނަށް ނުކުތް ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް