އަމާޒަކީ އިސްލާމިކް ޔުނިވާސިޓީ މި ސަރަހައްދުގެ އެއްވަނަ ޔުނިވާސިޓީއަށް ހެދުން: ރައީސް

އިސްލާމިކް ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ޙަފުލާގައި ރައީސް ޞާލިޙް ވާހަކަފުޅުދައްކަވަނީ--- ފޮޓޯ/އައިޔޫއެމް

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއަކީ އިސްލާމްދީނުގެ ސައްހަ އަޤީދާއާ އެއްގޮތަށް ދީނީ އިލްމު ފަތުރާ މި ސަރަހައްދުގައި ހުރި އެންމެބޮޑު މަރުކަޒަށް ހެދުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ޞާލިހް މިރޭ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ޙަފުލާގެ ދެވަނަ ދަންފަޅި ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިސްލާމީ ޔުނިވާސިޓީއަކީ، ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ރަމްޒުކޮށްދޭ އެންމެ އުސް އެއް މަލަ ކަމަށާއި، ރާއްޖޭގައި އިސްލާމީ ތަޢުލީމާއި ތަރުބިއްޔަތު ފެތުރުމުގައި، އެ ޔުނިވާސިޓީން އަދާ ކުރަމުން އަންނަނީ ވަރަށް މަތީ ދައުރެއްކަމަށެވެ.

އެގޮތުގެ މަތީން ރައްޖޭގެ އިސްލާމިކް ޔުނިވާސިޓީ ފުޅާކުރެއްވުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ޔުނިވާސިޓީގެ ޢުމުރުން މިވީ އެންމެ 8 އަހަރު ކަމަށްވިޔަސް، މި ޔުނިވާސިޓީގެ ޙަޤީޤީ މަސައްކަތް ފެށިފައި ވަނީ، މީގެ 43 އަހަރު ކުރިން. އެ ފެށުމަކީ އިސްލާމީ ޢަރަބި ތަޢުލީމް ފެތުރުމަށް ހުޅުވި މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާ. މަޢުހަދު ކުއްލިއްޔާއަކަށް، އަދި މިހާރު ޔުނިވަރސިޓީއަކަށް ބަދަލުވިޔަސް، ތަނަކީ އެއް ތަނެއް. އައި ބަދަލަކީ ތަރައްޤީވެ ފެންވަރު މަތިވުން" ރައީސް ވިދާޅުވިއެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ޙަފުލާގެ ތެރެއިން--- ފޮޓޯ/ ރައީސް އޮފީސް

ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ އުފެދުމާއެކު، ޚާއްޞަކޮށް، ދީނީ ޢިލްމުވެރިން، އިސްލާމިކް ޔުނިވާސިޓީގެ ނަމުގައި ޔުނިވާސިޓީއެއް އުފެއްދުމަށް އަޑުއުފުލަމުން ދިޔަކަމަށެވެ. އެހެން ނަމަވެސް، އޭރުގެ ސަރުކާރުގެ ސިޔާސަތަކު ދެވަނަ ޔުނިވާސިޓީއެއް އުފެއްދުމުގެ ވިސްނުމެއް ނެތްކަމަށާއި، އިސްލާމިކް ޔުނިވާސިޓީ ވިޖޫދަށް އައުން ފެށުނު ހިސާބަކީ، އޭރު ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މަރްޙޫމް ޑޮކްޓަރ އަފްރާޝީމް ޢަލީ، މަޖިލީހަށް ބިލެއް ހުށަހެޅުއްވި ހިސާބުން ކަމަށެވެ.

"އަޅުގަނޑު އޭރު ރައްޔިތުންގެ މަޖިލީހުގައި މެންބަރެއްގެ ގޮތުން އުޅުނިން. އެ ބިލު މަޖިލީހުގައި ބަޙުޘް ކުރުމެއްނެތި، ދެ އަހަރެއްހާ ދުވަހު ބާއްވާފައި އޮތް. އެހެން ނަމަވެސް، އެއަށްފަހުގައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މަޖިލީހުގެ ތަޅުމުން ބަޙުޘް ކުރުމަށްފަހުގައި، ޚާއްޞަ ކޮމިޓީއެއް ނަގައި، ބިލު ކޮމިޓީއަށް ފޮނުވުނު. ކަންދިމާކުރި ގޮތުން، އެ ކޮމިޓީގެ މުޤައްރިރަކަށް އިންނަންޖެހުނީ އަޅުގަނޑު. އާދެ، އެއަށްފަހު މަޖިލީހުން މި ބިލު ފާސްވެ، ޤާނޫނަކަށް ވެގެންދިޔައީ" ރައީސް ވިދާޅުވިއެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ޙަފުލާގެ ތެރެއިން--- ފޮޓޯ/ ރައީސް އޮފީސް

ޒަމާނީ ޢިލްމު ފުޅާކޮށް، ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދީ މުޅި ރާއްޖެ ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި އަހަރުގެ ބަޖެޓުގެ 10.9 އިންސައްތަ ނުވަތަ 4.6 ބިލިއަން ރުފިޔާ ޚާއްޞަކޮށްފައި ވާނީ ތަޢުލީމީ ދާއިރާއަށްކަން ފާހަގަކުރައްވާފައެވެ.

އޭގެ ތެރެއިން 857 މިލިއަން ރުފިޔާ ޚާއްޞަކޮށްފައި ވަނީ މަތީ ތަޢުލީމުގެ ދާއިރާތަކަށް ކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ހިލޭޑިގްރީ ޕްރޮގްރާމާއި ސްޓޫޑެންޓް ލޯނު ޕްރޮގްރާމާއި އަދި ޤައުމަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކޮށް އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

"މި ދެންނެވި މަޤްޞަދު ޙާޞިލުކުރުމުގައި، މި ޔުނިވަރސިޓީއަކީ ވެސް ވަރަށް މުހިންމު ދައުރެއް އަދާކުރާ މުއައްސަސާއެއް. ޚާއްޞަ ގޮތެއްގައި އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި، ދިވެހި ޒުވާނުން ތަރުބިއްޔަތު ކުރުމުގައި، މި ޔުނިވަރސިޓީން އަންނަނީ ވަރަށް މުހިންމު ދައުރެއް އަދާކުރަމުން. އަދި އަޅުގަނޑުމެންގެ ތެރޭގައި ފެތުރިފައިވާ ހަރުކަށި ފިކުރާ ދެކޮޅަށް، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާ އެކު، މި ޔުނިވާސިޓީން ވަރަށް އެދެވޭ މަސައްކަތްތަކެއް ކުރަމުން އަންނަކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން" ރައީސް ވިދާޅުވިއެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ޙަފުލާގެ ތެރެއިން--- ފޮޓޯ/ ރައީސް އޮފީސް

މި ރަސްމިއްޔާތުގައި ރައީސް ސާލިހް ވަނީ، އިސްލާމީ ޔުނިވަރސިޓީގެ ލެކްޗަރަރުންގެ މުސާރައަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރިކަން ފާހަގަކުރެވިފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ގެންނަންޖެހޭ އެ ބަދަލުތައް ގެނައުމަށް ޕޭކޮމިޝަނާއި މިނިސްޓްރީ އޮފް ފިނޭންސްއާ ގުޅިގެން ކުރަމުންއަންނަ މަސައްކަތްތައް ނިމުމަކަށް އައިސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިސްލާމިކް ޔުނިވާސިޓީގެ 2023 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެ ޔުނިވާސިޓީން ދަސްވެނިވި 709 ދަރިވަރުންނާ އަދި ބެސްޓް ސްޓޫޑެންޓް އެވޯޑް 9 ދަރިވަރަކު ޙާޞިލުކޮށް އިނާމާ ސެޓްފިކެޓް ހާސިލުކޮށްފައިވެއެވެ.

މިރޭ ސެޓްފިކެޓް ލިބުނު ދަރިވަރުންގެ ތެރޭގައި ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނަށް ޑިގްރީ ފެންވަރަށް ކިޔަވައިދިނުމަށް ސަރުކާރުން ވީ ވަޢުދުގެ ދަށުން އިސްލާމިކް މިނިސްޓްރީ އާއި ޔުނިވާސިޓީ ގުޅިގެން 2020 ވަނަ އަހަރު ފެށި މަސައްކަތުގެ ދަށުން ދަސްވެނިވި 78 އިމާމުން ހިމެނެއެވެ.

comment ކޮމެންޓް